Advertisement

އީގަލްސް އިން ޒުވާން ޓީމުތަކާއި ސިނިއާ ޓީމަށް ހާއްސަކޮށް ޓްރަޔަލްތަކެއް ބާއްވަނީ

6 ނޮވެންބަރު 2021 - 08:47 0

އީގަލްސްގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ


އީގަލްސް އިން ޒުވާން ޓީމުތަކާއި ސިނިއާ ޓީމަށް ހާއްސަކޮށް ޓްރަޔަލްތަކެއް ބާއްވަނީ

6 ނޮވެންބަރު 2021 - 08:47 0

މުސްތަގުބަލާއި ކުރިއަށް އޮތް ސީޒަނަށް އަމާޒުކޮށް ކްލަބް އީގަލްސް އިން ޓްރަަޔަލްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އީގަލްސްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އެ ކްލަބުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އުމުރުން 16 އަހަރުން ފެށިގެން 24 އަހަރާ ދެމެދުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އެ ކްލަބުން އޯޕަން ޓްރަޔަލް ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން އީގަލްސް އިން ވަނީ ކޮންމެ ކުޅުންތެރިއަކު ވެސް ޓްރަޔަލް އަށް އަންނައިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ގެންނަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އެއީ ޓްރަޔަލް އިން ފާހަގަކުރެވޭ ކުޅުންތެރިން ޓީމަށް ނެގުމުގެ ކަންކަން އަވަސްކުރުމުގެ ގޮތުންނެވެ.

އީގަލްސްގެ މި ޓްރަޔަލް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށެވެ. ޓްރަޔަލްތައް ކުރިއަށްދާނީ ޓާފް އެއް ނަމްބަރު ދަނޑާއި ޓާފް ދެ ނަމްބަރު ދަނޑުގަ އެވެ. އީގަލްސްގެ ކޯޗިން ޓީމުން ޓްރަޔަލްތަކުގައި ބައިވެރިވާނެ އެވެ.

ޓްރަޔަލްގެ ގަނޑިތައް:

ނޮވެމްބަރު 6: 15:50 އިން 17:30 އަށް (އެފްއޭއެމް ޓާފް 1 ނަމްބަރު ދަނޑު)

ނޮވެމްބަރު 7: 17:20 އިން 19:00 އަށް (އެފްއޭއެމް ޓާފް 2 ނަމްބަރު ދަނޑު)

ނޮވެމްބަރު 8: 17:20 އިން 19:00 އަށް (އެފްއޭއެމް ޓާފް 1 ނަމްބަރު ދަނޑު)

ނޮވެމްބަރު 9: 17:20 އިން 19:00 އަށް (އެފްއޭއެމް ޓާފް 2 ނަމްބަރު ދަނޑު)

ފާއިތުވި އަހަރުތަކަށް ބަލާއިރު ފުރަތަމަ ޑިވިޝަނަށް އެންމެ ގިނަ ޒުވާން ކުޅުންތެރިންތަކެއް ނެރުނު އެއް ޓީމަކީ ކްލަބް އީގަލްސް އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ޓީމަކީ އީގަލްސް އެވެ. މި ވަގުތު ސްކޮޑަށް ބަލާއިރު ވެސް ޕްރިމިއާ ލީގުގައި އެވްރެޖްކޮށް އެންމެ ޒުވާން ޓީމެއް އޮތީ އީގަލްސްގަ އެވެ.

އީގަލްސް އިން ޔޫތު މުބާރާތްތަކުގައި ކުޅެ، އެ ކްލަބްގެ ސީނިއާ ޓީމަށް ޕްރޮމޯޓްވި ގިނަ ކުޅުންތެރިން ވަނީ އެ ކްލަބްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގައުމީ ޓީމުން ފުރުސަތު ހޯދައިފަ އެވެ.

ގައުމީ ޓީމުގައި މި ވަގުތު އޮތް ސްކޮޑަށް ބެލިކަމުގައި ވިޔަސް އީގަލްސް އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ހުސެއިން ސިފާއު (ކުރޯ)، ހައިޝަން ހަސަން (ބިޑި)، ހަސަން ރާއިފް އަހުމަދު (ހަންނަ) އަދި އަހުމަދު ނޫމާން (ހެލްމެޓް) ހިމެނެ އެވެ.

މި ވަގުތު އީގަލްސްގައި ނުހިމެނުނު ކަމުގައި ވިޔަސް ގައުމީ ޓީމުގެ މުހިއްމު މިޑްފީލްޑަރު އައިސަމް އިބްރާހިމް ވެސް ވަނީ ޔޫތު ލެވަލްގައި އީގަލްސް އަށް ކުޅެ އެ ކްލަބްގެ ސީނިއާ ޓީމަށް ކުޅެފަ އެވެ. އަދި ޔަސްފާދު ހަބީބު (މުލަކޭ) ވެސް ވަނީ މީގެ ކުރިން އީގަލްސް އަށް ފުރަތަމަ ޑިިވިޝަނުގައި ކުޅެފަ އެވެ.

މިދިޔަ ސީޒަނުގެ މެދުތެރެއިން އީގަލްސްގެ ކޯޗުކަމާ ހަވާލުވީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ސީޒަނުގައި ވެސް އީގަލްސް ބެންޗުން ފެނުމުގެ ފުރުސަތު ބޮޑީ ޝާޒް އެވެ.

އަންނަ މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައިވާއިރު، މިހާތަނަށް ރަސްމީކޮށް ޕްރީ ސީޒަން ފެށީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން އެކަންޏެވެ. މާޒިޔާގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން އީގަލްސް އަށް ވެސް ކޯޗުކޮށްދިން ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ.