Advertisement

ސިޔާސީ ހަރަކާތްތަކުގެ ބައި ހިމަނައި ސިވިލް ސާވިސް ގަވާއިދަށް ބޮޑު އިސްލާހެއް

6 ނޮވެންބަރު 2021 - 00:15 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ސިޔާސީ ހަރަކާތްތަކުގެ ބައި ހިމަނައި ސިވިލް ސާވިސް ގަވާއިދަށް ބޮޑު އިސްލާހެއް

6 ނޮވެންބަރު 2021 - 00:15 0

ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ އިތުރު އިންޒާރަކާނުލައި ވަގުތުން ވަޒީފާއިން ވަކިކުރެވޭ ގޮތަށް އިސްލާހު ގެނެސް ސިވިލް ސާވިސް ގަވާއިދު ގެޒެޓްކޮށްފި އެވެ.

މިއީ އެ ގަވާއިދަށް އަމަލު ކުރަން ފެށި ފަހުން މިހާ ބޮޑެތި އިސްލާހުތަކެއް ގެނައި ފުރަތަމަ ފަހަރެވެ. ދެހާސް ސާދަ ވަނަ އަހަރު ވުޖޫދުކުރި އެ ގަވާއިދު މިހާތަނަށް ހަތް ފަހަރު އިސްލާހުކޮށްފައިވެ އެވެ.

އިއްޔެ އާއްމުކުރި އެ އިސްލާހަށް މީގެ ދެ މަސް ފަހުން އަމަލުކުރަން ފަށާއިރު، އޭގައި ތިން ދަރަޖައެއްގެ ކުށްތައް ބަޔާންކޮށްފައިވެ އެވެ.

އެގޮތުން މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ މި އިސްލާހުގެ ދަށުން ފުރަތަމަ ދަރަޖައިގެ ކުށެކެވެ. ސިޔާސީ ބަހުސް ކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އަދި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ ތިން ވަނަ ދަރަައިގެ ކުށެއް ކަމަށް ބަޔާންކޮށްފައިވާއިރު، ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރު ދިނުންވެސް ހިމެނެނީ ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި އެވެ.

ފުރަތަމަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ އަނގަބަހުން ނުވަތަ ލިޔުމަކުން ނަސޭހަތް ދިނުމުގެ އިސްލާހީ ފިޔަވަޅެއް އެޅޭނެއެވެ. އެ ފިޔަވަޅު ދެމި އޮންނާނީ އަހަރަކަށެވެ.

ދެވަނަ ދަރަޖައިގެ ކުށެއް ނަމަ ލިޔުމުން އިންޒާރު ދެވޭނެއެވެ. އެ އިންޒާރު ދެމި އޮންނާނީ ދެ އަހަރަށެވެ.

ތިންވަނަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ އެ މުވައްޒަފެއްގެ މަގާމުގެ ފަންތި ދަށްކުރެވޭނެ އެވެ. އަދި މީގެ އިތުރުން މި ކުށުގެ ކުޑަ ބޮޑުމިނަށް ބެލުމަށްފަހު 30 ދުވަހަށް ވުރެ ދިގު މުއްދަތަށް ސަސްޕެންޑް ކުރުމާއި ސަސްޕެންޑް ކުރާ މުވައްޒަފުންނާ މެދު މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ފިޔަވަޅު އެޅުމުގެ ބާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވެ އެވެ.

އިންޒާރަކާއި ނުލާވަޒީފާއިން ވަކިކުރެވޭ ފަދަ ކުށްތައް (އިތުރުކޮށްފައިވާ 3 ހާލަތު)


(ހ) މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން. (ށ) މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން. (ނ) މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން.

ކޮމިޝަނުން ބަލާ ނިންމާފައިވާ މައްސަލައަކާ މުވައްޒަފު ހިތްހަމަނުޖެހޭ ނަމަ، މިހާރު އޮންނަ ގޮތުން، އެ މައްސަލަ ހުށަހަޅަން ތިން މަސް ދުވަސް ލިބެ އެވެ. ނަމަވެސް މިހާރު އިސްލާހުކޮށްފައިވާ ގޮތުން ކޮމިޝަނުން އެ މައްސަލަ ބަލާނީ އެ ނިންމުން ނިންމިތާ ދެ މަސް ދުވަސް ތެރޭ ހުށަހަޅައިގެންނެވެ. އޭގެ ފަހުން އެ މައްސަލައެއް ހުށަހަޅާ ނަމަ، އެ މައްސަލަ ބެލުމުގެ ބާރެއް ކޮމިޝަނަށް މިހާރު ގެނެސްފައިވާ އިސްލާހުން ލިބިގެން ނުވެ އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ހަރުކަށިކުރުން

ސިވިލް ސާވިސްގެ ގަވައިދު މިހާރު އޮންނަ ގޮތުން މުސާރަ ލިބޭ ގޮތަށް މުވައްޒަފަކު އެންމެ ގިނަ ދުވަހު ސަސްޕެންޝަންގައި ބެހެއްޓޭނީ 30 ދުވަހު އެވެ. އެ މުއްދަތަށްފަހު އިތުރަށް ސަސްޕެންޝަންގައި ބަހައްޓަން ފެންނަ ނަމަ މުސާރަ ނުހިނގާ ގޮތަށް އިތުރު 30 ދުވަހަށް ސަސްޕެންޑް ކުރެވޭނެ އެވެ. މިހާރު ގެނެސްފައިވާ އިސްހާއި އެކު މުސާރަ ހިނގާގޮތަށް އެއްވެސް މުވައްޒަފަކު ސަސްޕެންޑް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް މުވައްޒަފެއްގެ މައްޗަށް ކުރެވޭ އިދާރީ މަސައްލައެއްގެ ތުހުމަތުގައި ފުރަތަމަ 30 ދުވަހަށް އޮފީހަށް ނުކުތުން މަނާ ކުރެވިދާނެ އެވެ.

ސަސްޕެންޑް ކުރެވޭނެ ހާލަތްތައް:


* ޖިނާއީ މައްސަލައެއްގެ ހެކި ފޮރުވުމަށް މަސައްކަތް ކުރުން * މުވައްޒަފުގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތަހުގީގު ފެށުން * ލައިސެންސެއް އޮވެގެން މެނުވީ މަސައްކަތް ނުކުރެވޭ މުވައްޒަފުންގެ ލައިސެންސްގެ މުއްދަތު ހަމަވުން * މަދަނީ މައްސަލައެއްގައި ގޭގައި ބަންދު ކުރުމަށް ނުވަތަ ޖަލުގައި ބަންދު ކުރުމަށް ކޯޓަކުން ހުކުމް ކުރުން * މުވައްޒަފު އޮފީހަށް ނުނެރެ ބަހައްޓަންޖެހޭ ކަމަށް މަގްބޫލު އުޒުރުތަކެއް ހުރިކަން ސިވިލް ސާވިސް ކޮމިޝަނަށް ގަބޫލު ކުރެވުން