Advertisement

ބާކީ ދެ މެޗު އޮއްވައި ލިވަޕޫލާއި އަޔަކްސް އަނެއް ބުރަށް

4 ނޮވެންބަރު 2021 - 03:40 0

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ޖޮޓާ އުފާފާޅުކުރަނީ.


ބާކީ ދެ މެޗު އޮއްވައި ލިވަޕޫލާއި އަޔަކްސް އަނެއް ބުރަށް

4 ނޮވެންބަރު 2021 - 03:40 0

ލިވަޕޫލް (ނޮވެމްބަރު 4) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ބާކީ ދެ މެޗު އޮއްވައި ލިވަޕޫލާއި އަޔަކްސް އިން މުބާރާތުގެ އަނެއް ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 2-0 އިން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. އަދި ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑް ދަނޑުގައި އަޔަކްސް މޮޅުވީ ފަހަތުން އަރައި 3-1 އިންނެވެ. ލިވަޕޫލާއި އަޔަކްސް ވެސް ގަދަ 16 ޓީމުގެ ބުރުގެ ޖާގަ ޔަގީންކުރީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

މުބާރާތުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ބަޔާން މިއުނިކާއި ޔުވެންޓަސް ވެސް ވަނީ ބާކީ ދެ މެޗު އޮއްވައި އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ.

ލިވަޕޫލްގެ މާނޭ (ކ) އަތުން ބޯޅަ ހޯދަން އެތުލެޓިކޯގެ ފިލީޕޭ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ


ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 13 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ލިވަޕޫލަށް ލީޑުނަގައިދިނީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުން ބޮލުންނެވެ. އަދި އޭގެ ހަތް މިނިޓް ފަހުން އާނޯލްޑް ޖެހި ބޯޅައެއް ހޯދައި ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ލީޑުފުޅާކޮށްދީފަ އެވެ.

އެތުލެޓިކޯ އަށް މައްސަލަ ދިމާވީ މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ފިލީޕޭ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި އެތުލެޓިކޯ އިން ކުޅުނުއިރު، ލިވަޕޫލުން ވަނީ ދެ ވަނަ ހާފުގައި އިތުރު ގޯލެއް ޖަހަން ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ބޯޅަ އެތުލެޓިކޯގެ ޔެން އޮބްލަކް މަތަކުރިއިރު، ޖޮއެލް މަޓިޕާއި ވާޖިލް ވެން ޑައިކް ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. ޖޮޓާ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ. އަދި އެތުލެޓިކޯގެ ލުއިސް ސުއަރޭޒް ޖެހި ގޯލެއް ވެސް ވަނީ ވީއޭއާރް އިން ކެންސަލްކޮށްފަ އެެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި ލިވަޕޫލް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ހަަތަރު މެޗުން ފަސް ޕޮއިންޓާ އެކު ޕޯޓޯ އެވެ. ޕޯޓޯ މިރޭ ވަނީ އޭސީ މިލާން ދަނޑުގައި 1-1 އިން އެއްވަރުކޮށްފަ އެެވެ. ތިން ވަނައިގައި އެތުލެޓިކޯ އޮތީ ހަތަރު މެޗުން ހަަތަރު ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް މިލާނަށް ހަތަރު މެޗުން ލިބުނީ އެއް ޕޮއިންޓެވެ.

އަޔަކްސް ކުޅުންތެރިން މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.


ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 29 ވަނަ މިނިޓްގައި ވަނީ އެ ޓީމުގެ ޑިފެންޑަރު މެޓް ހަމެލްސް އަށް ރަތް ކާޑެއް ދައްކައިފަ އެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން ޕެނަލްޓީ އަކުން މާކޯ ރެއުސް ވަނީ ޑޯޓްމަންޑަށް ލީޑުނަގައިދީފަ އެވެ. އަޔަކްސް މޮޅުވީ ފަހު ވިއްސަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ޑޫސާން ޓަޑިޗާއި ސަބެސްޓިއަން އަލެއާ އަދި ޑޭވީ ކްލާސެން އެވެ.

ގްރޫޕް ސީގެ އެއް ވަނައިގައި އަޔަކްސް އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭ 4-0 އިން ބެސިކްޓާސް ބަލިކުރި ސްޕޯޓިން ލިޒްބަން އެވެ. ދެ ވަނައިގައި އޮތް ސްޕޯޓިން އާއި ތިން ވަނައިގައި އޮތް ޑޯޓްމަންޑަށް ވެސް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ބެސިކްޓާސަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގްރޫޕް އޭގައި އާރްބީ ލައިޕްޒިގުން ވަނީ ފަހު ވަގުތު 2-2 އިން ޕީއެސްޖީއާ އެއްވަރުކޮށްފަ އެެވެ. އެ ގްރޫޕްގެ އަނެއް މެޗުން މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖެސް 4-1 އިން ބަލިކޮށްފަ އެވެ.

މެޗުގެ އަށް ވަނަ މިނިޓްގައި ކްރިސްޓޮފް އެންކުންކޫ ވަނީ އަންޑްރޭ ސިލްވާ ނެގި ހުރަހަކުން ބޮލުން ގޯލެއް ޖަހައި ލައިޕްޒިގަށް ލީޑުނަގައިދީފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ލައިޕްޒިގުގެ ލީޑުފުޅާކުރަން އަންޑްރޭ ސިލްވާ ޖެހި ޕެނަލްޓީ ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެެވެ.

ޕީއެސްޖީގެ ވައިނަލްޑަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖިއޮޖީނިއޯ ވައިނަލްޑަމް ދެ ގޯލު ޖަހައި ވަނީ ޕީއެސްޖީ ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެކަމަކު، މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް ޑޮމިނިކް ސޮބޯސްލާއި ވަނީ ލައިޕްޒިގަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ސިޓީ ދަނޑުގައި ފިލް ފޯޑެން އެ ޓީމަށް 15 ވަނަ މިނިޓްގައި ލީޑުނަގައިދީފައި ވަނިކޮށް އޭގެ ދެ މިނިޓް ފަހުން ބްރޫޖެސް އިން ނަތީޖާ ހަމަހަމަކުރީ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ސިޓީ މޮޅުވި ގޯލުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ގޯލުތައް ކާމިޔާބުކުރީ ރިޔާދު މާރޭޒާއި ރަހީމް ސްޓާލިން އަދި ގަބްރިއެލް ޖީސޫސް އެވެ.

މި މޮޅާ އެކު ސިޓީ ވަނީ ގްރޫޕް އޭގެ އެއް ވަަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ޕީއެސްޖީ ދެ ވަނައިގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓާ އެކު އެެވެ. ތިން ވަނައިގައި ބްރޫޖެސް އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ލައިޕްޒިގަށް ހަތަރު މެޗުން ލިބުނީ އެއް ޕޮއިންޓެވެ.