Advertisement

މަޝްވަރާ އަށް އައުމަށް ލުބްނާނުން ސައުދީ އަރަބިއްޔާ އަށް ދައުވަތު ދީފި

3 ނޮވެންބަރު 2021 - 08:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލުބްނާނާއި ސައުދީ އަރަބިއްޔާގެ ދިދަ. -- ފޮޓޯ: އޭއެފްޕީ


މަޝްވަރާ އަށް އައުމަށް ލުބްނާނުން ސައުދީ އަރަބިއްޔާ އަށް ދައުވަތު ދީފި

3 ނޮވެންބަރު 2021 - 08:37 0

ޔަމަން ހަނގުރާމައާ ގުޅޭ ގޮތުން ލުބްނާންގެ މިނިސްޓަރަކު ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ހޫނުވެފައި ވަނިކޮށް މަޝްވަރާ އަށް އައުމަށް ލުބްނާނުން ސައުދީ އަރަބިއްޔާ އަށް ދައުވަތު ދީފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ބައު ހަބީބް ވިދާޅުވީ ލުބްނާނުން ސައުދީ އަރަބިއްޔާ އަށް ދައުވަތު ދިނީ ދެ ގައުމުގެ މެދުގައި ހުރި ހުރިހާ ހިޔާލު ތަފާތުވުމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ސައުދީ އަރަބިއްޔާ އިން ވަނީ އެ ގައުމުގައި ހުންނަ ލުބްނާންގެ ސަފީރު އަނބުރާ ގައުމަށް ދިޔުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީ، ލުބްނާނާއެކު ވިޔަފާރި ކުރުން ހުއްޓާލާފަ އެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ބުނީ އެ ފިޔަވަޅުތައް އެޅީ ޔަމަނު ހަނގުރާމައިގައި ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން އަދާކުރާ ދައުރަށް ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯޑާހީ އިހްތިރާމް ކުޑަކޮށް ވާހަކަ ދެއްކެވުމާ ގުޅިގެން ކަމަށެވެ.

ހޯމަ ދުވަހު ޓީވީން ދެއްކި އިންޓަވިއުއެއްގައި ކޯޑާހީ ވިދާޅުވީ އިރާނުގެ އެހީއާ އެކު އުޅޭ ހޫތީ ހަނގުރާމަވެރިން ދިފާއުވާން މަސައްކަތް ކުރަނީ ބޭރުގެ ހަމަލާތަކާ ދެކޮޅަށް ކަމަށާއި ސައުދީގެ އަސްކަރީ ކޯލިޝަނުން ދަނީ ގެތަކާއި، އަވަށްތަކަށް ބޮން އަޅަމުން ކަމަށެވެ.

ޔަމަނުގެ ހަތް އަހަރުވީ ހަނގުރާމަ އިން ކުރާ ފައިދާއެއް ނެތް ކަމަށާއި ހަނގުރާމަ ނިންމަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ލުބްނާންގެ ސަރުކާރުން ބުނީ ކޯޑާހީގެ ވާހަކަތައް ބަލައިނުގަންނަ ކަމަށާއި އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަށެވެ. އަދި އެ އިންޓަވިއުއަކީ މިދިޔަ ސެޕްޓެމްބަރު މަހު ކޯޑާހީ އަށް ކެބިނެޓުގެ މަގާމެއް ލިބިވަޑައިގެންނެވުމުގެ ކުރިން ދެއްވި އިންޓަވިއުއެއް ކަމަށް ބުންޏެވެ.

ލުބްނާންގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި އުޅުމަށް ފަހު އިންފޮމޭޝަން މިނިސްޓަރުކަމަށް ވަޑައިގެންނެވި ކޯޑާހީ ނޫސްވެރިންނަށް ވިދާޅުވީ އިންޓަވިއު ދިނީ އޯގަސްޓު ފަސް ވަނަ ދުވަހު ކަމަށާއި އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށެވެ.

"އަޅުގަނޑު އެއްވެސް މީހަކަށް ގެއްލުމެއް ނުދެން. ހަމަލާއެއް ނުދެން. އަޅުގަނޑު މައާފަށް އެދެން ޖެހޭނީ ކީއްވެތޯ؟ އަޅުގަނޑުގެ ހިޔާލު ފާޅުކުރީ އަރަބިން އުފުލަމުންދާ ތަކުލީފާ މެދު ވިސްނާ އިންސާނެއްގެ ގޮތުގައި،"

ސައުދީ އަރަބިއްޔާގެ އިތުރުން ބަހްރެއިން އާއި ކުވެއިތު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވަނީ ލުބްނާނާ މެދު ފިޔަވަޅުތައް އަޅާފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާ އިން ލުބްނާންގައި ޝިއައީން ހިންގާ ހިޒްބުﷲ ޖަމާއަތް ބާރުގަދަވަމުންދާތީ އެ ގައުމާ އެކު މަޝްވަރާ ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ.

ދުނިޔެ އަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގައި އދ. އިން ސިފަކުރާ ޔަމަނުގައި އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު، އެތައް މިލިއަން ބަޔެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ.

ޔަމަނު ހަނގުރާމައިގައި ސައުދީ އަސްކަރީ ކޯލިޝަނުން ބޮން އަޅަމުން ދާއިރު ގިނަ އަދަދެއްގެ އާއްމުން މަރުވާ މައްސަލާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ 2014 ވަނަ އަހަރު ފެށުނީ ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަނާ ހިފުމުންނެވެ. އެއާއެކު ޔަމަނު ސަރުކާރުގެ ފައުޖަށް އެހީވުމުގެ ގޮތުން ސައުދީ އަސްކަރީ ކޯލިޝަނުން ހޫތީންނަށް ހަމަލާދޭން ފެށީ 2015 ވަނަ އަހަރު އެވެ.