Advertisement

ވެންޓިލޭޓަރު މައްސަލަ އަލުން ޕީޖީ އޮފީހަށް

1 ނޮވެންބަރު 2021 - 14:20 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ހެލްތު މިނިސްޓަރު އަމީން.


ވެންޓިލޭޓަރު މައްސަލަ އަލުން ޕީޖީ އޮފީހަށް

1 ނޮވެންބަރު 2021 - 14:20 0

ކޮވިޑާ ގުޅިގެން ސަރުކާރަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާކަމަށް ބުނާ މައްސަލަ އިތުރަށް ފުރިހަމަކުރުމަށް ފަހު، އިތުރު ތުހުމަތުތަކާއެކު 11 މީހެއްގެ މައްސަލަ އެންޓި ކޮރަޕްޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވައިފި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީ އިން މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން އެދިފައި ވަނީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އޭނާގެ 10 މުވައްޒަފެއްގެ މައްޗަށެވެ.

އެކަމަކު އެ މައްސަލައަކީ ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޖިނާއީ ކުށެއްގެ އުންސުރުތައް ހަމަވާ މައްސަލައެއް ކަމަށް ނުފެންނާތީ އެ މައްސަލައިގައި ޕީޖީ އޮފީހުން ފުރަތަމަ ނިންމީ ދައުވާ ކުރެވެން ނެތް ކަމަށެވެ.

އޭސީސީން ބުނީ އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އަލުން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށެވެ.

ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި މަރުހަލާ ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށްފައިވާނެ ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އެކަމުގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ކޮށްފައި ވަނީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 މީހުންނަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވާނެ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެ ތެރެއިން ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަ ނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރުތައް ނުލިބުމުން ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.