Advertisement

ދީބާޖާގެ އިސްތިއުނާފީ ނުކުތާތައް ދެކޮޅު ނުޖެހޭ، މައްސަލަ ބަލައިގަނެވިގެން ނުވާނެ: ދައުލަތް

1 ނޮވެންބަރު 2021 - 14:06 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ދީބާޖާއަށް ރައްދު ދެނީ --


ދީބާޖާގެ އިސްތިއުނާފީ ނުކުތާތައް ދެކޮޅު ނުޖެހޭ، މައްސަލަ ބަލައިގަނެވިގެން ނުވާނެ: ދައުލަތް

1 ނޮވެންބަރު 2021 - 14:06 0

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރުމާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ނުކުތާތައް ދެކޮޅު ނެޖެހޭ ކަމަށް ބުނެ، އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދިއްޖެ އެވެ.

މިއީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައި ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ތިންވަނަ ފަހަރެވެ. މީގެކުރިން ސުޕްރީމް ކޯޓުން ދީބާޖާއަށް ބަދަލު ދޭން ހުކުމް ކޮށްފައިވަނިކޮށް, ހަމަ އެ ކޯޓުން ވަނީ މައްސަލަ ރިވިއުކޮށް އެ ހުކުމް ބާތިލްކޮށްފަ އެވެ. ނަމަވެސް, އެ ހުކުމް ބާތިލްކުރީ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު, ދީބާޖާއަށް ދީނުމަށް ފަހުއެވެ.

މިއަދު ކުރިއަށް ދިޔައީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދީބާޖާ އިން ހުށަހެޅި ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމެވެ. އެ ހުރިހާ ނުކުތާތަކަށް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ. އަދި އެއިން އެންމެ ނުކުތާއެއްގައިވެސް ގާނޫނީ ބަރުދަނެއް ނެތްކަން ފާހަގަަކޮށް، އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ދައުލަތުން މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވި އެވެ.

އިސްތިއުނާފުކުރި ނުކުތާތަކަށް އިޖްރާއީ ގޮތުން ގާނޫނީ ބުރަދަނެއް ނުދޭ

މި މައްސަލާގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ދައުލަތް ތަމްސީލުކުރެއްވި ބަންޑާރަ ނައިބު އޮފީހުގެ ތިން ވަކީލުން ކަމަށްވާ އަލީ ޝުހައިލް، އަހްމަދު ނަޝާތު އަދި ހައްވާ ޝަނާ މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ވިދާޅުވީ ހައިކޯޓުގެ ނިންމުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެކުންފުނީގެ ފަރާތުން ހުށަހަޅާފައި ވަނީ ގާނޫނީ ބަރުދަނެއް ނުދޭ، ދެކޮޅު ނުޖެހޭ ނުކުތާތަކެއް ކަމަށެވެ.

އެގޮތުން އިސްތިއުނާފީ ނުކުތާތަކުގައި އިޖްރާއީ ގޮތުން ފާހަގަކުރެވޭ ބައެއްކަންކަން އޭނާ ފާހަގަކުރެއްވި އެވެ. ވަކީލް ޝުއައިބު ވިދާޅުވި ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެފި ނަމަ އިޖްތާއީ ކަންކަމުގެ ބޭރުން ހައިކޯޓުގެ މައުލޫއީ ކަންކަން އިސްތިއުނާފް ކުރުމަށް ފުރުސަތު ހުޅުވިގެން ދާނެ އެވެ.

އެގޮތުން ދީބާޖާއާއެކު ހެދުނީ އިދާރީ އެއްބަސްވުމެއް ނޫން ކަމަށް އެކުންފުނިން ބުނާއިރު، އިދާރީ އެއްބަސްވުމެއް ނުވަތަ ނޫންތޯ ދެނިގަންނާނެ ގޮތާއި، އެފަދަ އެއްބަސްވުމެއް ވެއްޖެ ނަމަ ހައިކޯޓުގެ ހުކުމަށް އަންނާނެ ބަދަލު އިސްތިއުނާފުކުރި ނުކުތާތަކުގައި ފާހަގަކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އަދި 2010 ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ހަވާލުކުރި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލް ކުރީ ގާނޫނާއި ހިލާފަށް ކަމަށް ދީބާޖާއިން ވަކާލާތު ކުރާއިރު، އެ އެއްބަސްވުން ބާތިލް ކުރުމުގެ ގާނޫނީ އަސާސް ދައުލަތުން ބޭނުންކުރި ގޮތާއި ކަން ހިނގާ ދިޔަ ގޮތުގެ މައްޗަށާއި އެ މާއްދާ ތަކްބީރުކުރުމުގެ ބާރު ލިބޭނެ ކަމަށް ދީބާޖާއިން ނަޒަރުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެއްބަސްވުން ބާތިލްކުރަން ޖެހުނު ކަމަށް ދައުލަތުން ހައިކޯޓުގައި ފާހަގަކުރި ހާލަތް ދިމާ ނުވާ ކަމަށް ދީބާޖާއިން ބުނާއިރު، އެ ހާލަތް ދިމާނުވާކަން ރަމްޒުކޮށްދޭ ހެކި ހުށަހަޅާފައި ނުވާ ކަމަށް ވެސް ޝުއައިބު ވިދާޅުވި އެވެ.

ހައިކޯޓުގެ ނިންމުން ގޯސްވަނީ ކޮން ގޮތަކުން ކަމެއް ދީބާޖާއަކަށް ބުނެދެވިފައެއް ނެތް

މީގެ އިތުރުން މި މައްސަލައިގެ ދައުވާ ފޯމް ފުރިހަމަ ނުވާ ކަމަށާއި، އިސްތިއުނާފް ކޮށްފައިވާ ނުކުތާތަކަކީ ސުޕްރިމް ކޯޓުން ގޮތެއް ނިންމާފައިވާ ނުކުތާތަކެއް ކަމަށް ވިދާޅުވެ އެ ނުކުތާތައް އަލުން ބަލާގަނެވިގެން ނުވާނެ ކަމަށް ވެސް ވަކީލް ޝުއައިބު ވިދާޅުވި އެވެ.

ދީބާޖާއިން އިސްތިއުނާފު ކުރި ނުކުތާތަކުގައި މައުލޫއީ މައްސަލަތެކެއް ހުރިކަން ފާހަގަކޮށް ވާހަކަދައްކަވަމުން އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސިލާ އަހްމަދު ނަޝީދު ވިދާޅުވީ ދީބާޖާއާއެކު ވެވުނު އެއްބަސްވުން ބާތިލްކުރުމުގައި ދައުލަތަށް ލިބިފައިވާ އިހްތިޔާރު ބޭނުންކޮށްފައިވަނީ ގާނޫނާ ހިލާފަށްކަން ދީބާޖާއަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ދީބާޖާއިން މަސައްކަތް ކުރީ އުތުރު ޕްރިވިންސްގައި ފެރީގެ ނިޒާމެއް ގާއިމް ކުރަން ނޫން ކަމަށްވެސް ވަކީލް ނަޝީދު ވިދާޅުވި އެވެ.

ލިބުނު ގެއްލުމުގެ ބަދަލު ރަމްޒުކޮށްދޭ އޮޑިޓްގެ ސައްހަކަން ކަށަވަރު ނުވޭ

ދައުލަތުގެ ވަކީލް ހައްވާ ސަމްޒީން އެންމެ ބޮޑަށް ސުވާލު އުފެއްދީ ދީބާޖާއަށް ބަދަލު ދޭން ޖެހޭނެ ކަމަށް ބުނެ ޝަރީއަތަށް ހުށަހަޅާފައިވާ އޮޑިޓުގެ ސައްހަ ކަމާއި މެދު އެވެ. އޭނާ ވިދާޅުވީ އޮޑިޓް ކުރި ފަރާތާއި، ކުރި ތަނާއި، އެ ރިޕޯޓްގެ މަގްސަދުގެ އިތުރުން ހައިސިއްޔަތާއި، އޮޑިޓަރުގެ ޒިންމާތައް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި އެ އޮޑިޓުގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ ކަމަށާއި، އެ އޮޑިޓް ކުރި ފަރާތުގެ މައުލޫމާތުތައް ހާމަކޮށްފައި ނުވާތީ އެ ފަރާތަކީ އެކަމަށް ހުއްދަ ލިބިފައިވާ ފަރާތެއް ކަމަށާއި، އެކަމުގެ ފަންނު ލިބިފައިވާ ކަމެއްކަން އެނގިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެ އޮޑިޓް ބައިނަލްއަގްވާމީ ސްޓޭޓާޑްއަށް ނުފެތޭ ކަމަށާއި، ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ބުނާ އަދަށް ފައިސާ ދޭން ޖެހޭނެކަން ރަމްޒުކޮށްދޭ ނުވަތަ ބާރުދޭ ފައިނޭންޝަން ސްޓޭޓްމެންޓްތައް ހިމަނާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ދީބާޖާގެ ވަކީލު މުހައްމަދު ހަލީމް ވިދާޅުވީ، އެއްބަސްވުން ބާތިލް ކުރުމުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކަނޑައެޅީ ބޭރުގެ އޮޑިޓް ފާމްތަކުން ތައްޔާރުކުރި ރިޕޯޓްތަކަކަށް ބިިނާކޮށް 2060 ވަނަ އަހަރާ ހަމައަށް ހިސާބު ހެދުމަށް ފަހު ކަމަށެވެ. އަދި އެކަން އެއްބަސްވުމުގެ ބައިތަކުން ވެސް އެނގޭ ކަމަށާއި އެކަމަކު އެއްބަސްވުމާ ގުޅުން ހުރި އެފަދަ ހިސާބުތައް ދައުލަތުން ކޯޓަށް ހުށަނާޅައި، ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ވަގުތީ ގޮތުން ފެރީގެ ހިދުމަތް މެދުކެނޑުމުން އެ ހިދުމަތް ދޭން ފަށާނެ ދުވަސްތައް ދީބާޖާ އިން ސަރުކާރަށް އެންގި ކަމަށާއި 47 ރަށަށް އެ ކުންފުނިން ފެރީގެ ހިދުމަތް ދިންއިރު، ހިދުމަތް މެދުކެނޑުނީ އެންމެ ރަށެއްގެ ފެރީގެ ހިދުމަތް ކަމަށެވެ. އަދި އެ ކަންކަން ރަނގަޅު ކުރަން ދައުލަތުން ފުރުސަތު ދީ، ކުއްލި ގޮތަކަށް އެއްބަސްވުން ބާތިލް ކުރީ އެކަން ސަބަބެއްގެ ގޮތުގައި ދެއްކުމަށް ފަހު ކަމަށެވެ. އަދި މިހާރު ދައުލަތުން މަސައްކަތް ކުރަނީ ޝަރީއަތަށް އެކަންކަން އޮޅުވާލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.