Advertisement

އިމްއާން، ފުލުފުލުގައި ގައުމީ ތިން ރެކޯޑެއް އާކޮށްފި

31 އޮކްޓޯބަރު 2021 - 12:16 0

ރަޝިއާ މުބާރާތުގެ ތެރެއިން އިމްއާން.


އިމްއާން، ފުލުފުލުގައި ގައުމީ ތިން ރެކޯޑެއް އާކޮށްފި

31 އޮކްޓޯބަރު 2021 - 12:16 0

ގައުމީ ސްވިމިން ޓީމުގައި ހިމެނޭ ހުނަރުވެރި ފެތުންތެރިޔާ އަލީ އިމްއާން، ރަޝިއާގެ ކަޒާންގައި ކުރިއަށްދިޔަ ފީނާ ސްވިމިންގް ވޯލްޑް ކަޕް 2021 (ލެގް 4) ގައި ގައުމީ ތިން ރެކޯޑެއް އާ ކޮށްފި އެވެ.

އިމްއާން، އެންމެ ފުރަތަމަ އާ ކުރި ގައުމީ ރެކޯޑަކީ ފިރިހެނުންގެ ޝޯޓް ކޯސް 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ. އިއްޔެ، އޭނާ ވަނީ ފިރިހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބެކްސްޓްރޯކްގެ އިތުރުން 400 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ރެކޯޑް ވެސް އާ ކޮށްފަ އެވެ.

ޝޯޓް ކޯސް 100 މީޓަރު ގައުމީ ރެކޯޑް އެންމެ ފަހުން އޮތީ ގައުމީ ޓީމުގެ މުބާލް އައްޒާމް އިބްރާހިމް އަތުގަ އެވެ. މުބާލް ރެކޯޑް ހެދީ 2017 ވަނަ އަހަރު ބޭއްވި ފަސް ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި 01.10.13 އިން އިވެންޓް ނިންމައިގެންނެވެ.

އިމްއާން، ރެކޯޑް އާ ކުރި އަނެއް ދެ އިވެންޓްގެ ތެރެއިން ޝޯޓް ކޯސް 50 ބެކްސްޓްރޯކް ރެކޯޑް އެންމެ ފަހުން ވެސް އޮތީ އިމްއާން އަތުގަ އެެވެ. އޭނާ އަތުގައި އޮތް ރެކޯޑެއް މި ފަހަރު އާކުރީ 00.29.23 އިން ރޭސް ނިންމައިގެންނެވެ. އިމްއާން ކުރިން އެ ރެކޯޑް ހެދީ ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރު އިމްއާންގެ ޓައިމިން އަކީ 00.29.44 އެވެ.

ހަތަރު ސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑް އިމްއާން އާ ކުރީ 5 މިނިޓް. 06.64 ސިކުންތުން ފަތައިގެންނެވެ. މިއީ ދިވެހި ފެތުންތެރިންނަށް ބައިނަލްއަގުވާމީ ލެވަލްގައި އާ އިވެންޓެކެވެ. މި އިވެންޓުގައި ބައިނަލްއަގުވާމީ މުބާރާތެއްގައި ދިވެހި ފެތުންތެރިއަކު އެންމެ ފުރަތަމަ ވާދަކުރީ އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ މި އިވެންޓްގައި ވާދަކުރި ގައުމީ ފެތުންތެރިއަކީ މުހައްމަދު އާން ހުސެއިން އެވެ. އޭނާ އިވެންޓް ފުރިހަަމަކުރީ 5 މިނިޓު، 49.08 ސިކުންތުންނެވެ.

އިމްއާން ވަނީ އަންނަ ޑިސެމްބަރު މަހު ޔޫއޭއީގައި ކުރިއަށްދާ ވޯލްޑް ކަޕް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ހަތަރު ފެތުންތެރިންގެ ތެރެއިން ފުރުސަތު ހޯދައިފަ އެވެ. ދުނިޔޭގެ މުބާރާތުގައި އިމްއާންގެ އިތުރުން ދެން ވާދަކުރާނީ އާން، އައިޝަތު ސައުސަން އަދި ހަމްނާ އަޙުމަދު އެވެ.