Advertisement

ކަނޑު ދަތުރުކުރާއިރު ލައިފްޖެކެޓް އެޅުން ލާޒިމުކުރާ އިސްލާހަށް ލަފަޔަށް އެދި އޭޖީއަށް ފޮނުވައިފި

28 އޮކްޓޯބަރު 2021 - 18:30 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ


ކަނޑު ދަތުރުކުރާއިރު ލައިފްޖެކެޓް އެޅުން ލާޒިމުކުރާ އިސްލާހަށް ލަފަޔަށް އެދި އޭޖީއަށް ފޮނުވައިފި

28 އޮކްޓޯބަރު 2021 - 18:30 0

ކަނޑު ދަތުރުފަތުރު ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތައް ބަޔާންކުރާ ޓްރާންސްޕޯޓު މިނިސްޓްރީގެ ސަލާމަތީ ގަވާއިދަށް އިސްލާހު ގެނައުމަށްޓަކައި އެ މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހަށް ލަފައަކަށް އެދި ހުށަހަޅައިފި އެވެ.

އެ މިނިސްޓްރީން ލަފާ ހޯދުމަށް އެދިފައިވާ އިސްލާހުތަކުގެ ތެރޭގައި، ކަނޑު ދަތުރުފަތުރު ކުރާއިރު އެކި ހާލަތްތަކުގައި ފަސިންޖަރުންނާއި ފަޅުވެރިން ލައިފްޖެކެޓު އެޅުމުގެ ޒިންމާ އުޅަނދުގެ ކެޕްޓަނާ މަތިކުރުން ހިމެނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މެރިޓައިމް ޑިޕާޓްމެންޓުގެ ހެޑް، ކެޕްޓަން އާދިލް ރަޝީދު ވިދާޅުވީ އެ ގަވާއިދަށް އިސްލާހު ގެނައުމަށްޓަކައި މި ހަފްތާ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހަށް ލަފާއަކަށް އެދިފައިވާނެ ކަމަށެވެ.

"މި ބަލަނީ ވަރަށް އަވަހަށް ޖަވާބެއް ލިބޭނެ ކަމަށް. ކޮން އިސްލާހުތަކެއްތޯ ގެނެވޭނީ އެނގޭނީ އޭޖީގެ ލަފަޔާއެކު. ޖަވާބު ލިބުނުހާ އަވަހަކާ އަޅުގަނޑުމެން މި ބަލަނީ ތަންފީޒުކުރެވޭތޯ،" ކެޕްޓަން އާދިލް ވިދާޅުވި އެވެ.

ކެޕްޓަން އާދިލް ވިދާޅުވީ، ގަވާއިދަށް ގެންނަ އިސްލާހުތަކުގެ މަސައްކަތަކީ އަބަދު ވެސް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މިހާރު ވެސް ގިނަ އަދަދެއްގެ ގަވާއިދުގެ މަސައްކަތްތަކެއް އެ މިނިސްޓްރީން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އޭޖީއަށް ހުށަހަޅާފައިވާ އިސްލާހުތަކާއެކު ސަލާމަތީ ކަންކަމުގައި ބެލެވޭ ހަމަ ވަރަށް ހެޔޮ ބަަދަލުތަކެއް އަންނާނެކަމަށް، އެހެންނަމަވެސް އަދި ނޭނގެ ކޮން އިރަކުކަމެއް ލަފާ ލިބޭނީ،" އާދިލް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އެ އިސްލާހުތަކަށް އަންނަ ހަފްތާ ތެރޭގައި އޭޖީގެ ލަފާލިބި، ގެޒެޓް ކުރެވޭ ވަރު ވާނެ އެވެ.

ކަނޑުދަތުރުފަތުރުކުރުމުގައި ރައްކާތެރިކަމުގެ މިންގަނޑު ބަޔާންކުރާ އެ ގަވާއިދަށް އިސްލާހުތަކެއް ގެނައުމުގައި ގިނަ ދުވަސްތަކެއް ހޭދަވެފައިވާތީ ކަމަށް ބުނެ، އެކަމާ ގުޅިގެން އެ މިނިސްޓްރީއަށް ވަނީ މިފަހުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

އެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީ، މިފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި، މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް ރާޅެއް ޖަހައި، މީހަކު މަރުވެ ތުއްތު ކުއްޖަކު ގެއްލުނު ހާދިސާއަށް ފަހު އެވެ.

އެ ހާދިސާއަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން ސަލާމަތީ ގަވާއިދަށް މީގެ ދެ އަހަރު ކުރިން ގެންނަ މަސައްކަތްފެށި އިސްލާހެއް އަދިވެސް ނުގެނެވިފައިވާކަމަށް ބުނެ އެކަމާ ގުޅިގެން އާއްމު ގިނަ ބަޔަކު ވަނީ އެ މިނިސްޓްރީއަށް ފާޑުކިޔައިފަ އެވެ.

އެހެންނަމަވެސް އެ ހާދިސާއިން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ގުޅުން ހުރި އިރުޝާދުތަކާއި އެލާޓްތަކަށް ނުބަލާ ދަތުރުކުރާ މައްސަލަ ވެސް ވަނީ ފާހަގަވެފަ އެވެ. އަދި އެފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވެ ތިބުމަށް އާންމުންގެ ފަރުދީ ޒިންމާ އަދާކުރުން ވެސް މުހިންމުކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކޮށް ވަނީ އެކަމަށް ބާރުއަޅައިފަ އެވެ.