Advertisement

ހިޔާ ފްލެޓް އެވޯޑް ކުރުމުގައި ހުރި މައްސަލައެއް އޭސީސީން ތަހުގީގު ކުރަނީ

28 އޮކްޓޯބަރު 2021 - 12:27 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ހިޔާ ފްލެޓު ލިބުނު މީހަކު ދުރުގައި ހުރި ޓަވަރަކަށް އިނގިލި ދިއްކުރަނީ: ބިޑު އެވޯޑު ކުރި މައްސަލަ އޭސީސީން ބަލަނީ އަމިއްލަ އިސްނެގުމަށް -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު


ހިޔާ ފްލެޓް އެވޯޑް ކުރުމުގައި ހުރި މައްސަލައެއް އޭސީސީން ތަހުގީގު ކުރަނީ

28 އޮކްޓޯބަރު 2021 - 12:27 0

ސޯޝަލް ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރި 7000 ޔުނިޓުގެ ބިޑު އެވޯޑު ކުރުމުގައި ހުރި މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފި އެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު ވިދާޅުވީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރި 16 ޓަވަރުގެ 7000 ހައުސިން ޔުނިޓު ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑާ ހަވާލު ކުރި މައްސަލަ ބަލަނީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ކަމަށެވެ.

"މި މައްސަލަ އެންމެ ފުރަތަމަ ފާހަގަ ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް [އަޒީޒް] މިދިޔަ ޖޫން މަހު ޕްރެސް ކޮންފަރެންސެއްގަ. އެކަމަކު އޭސީސީގެ އަމިއްލަ އިސްނެގުމަށް މި މައްސަލަ ބަލަނީ،" ހަސަން ވިދާޅުވި އެވެ.

ޗައިނާ ސްޓޭޓަކީ ހިޔާ ފްލެޓު ހެދުމަށް 2017 ވަނަ އަހަރު ކުރިމަތިލި ފަސް ކުންފުނީގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏެވެ. ޗައިނާ ސްޓޭޓުން ހުށަހެޅި އަގަކީ ކޮންމެ ހައުސިން ޔުނިޓަކަށް 62،000 ޑޮލަރު ނުވަތަ 956،040ރ. އެވެ. ދެ ވަނައަށް ދިޔަ ބިޑުގެ އަގު ޗައިނާ ސްޓޭޓުން ހުށަހެޅި އަގަށްވުރެ 10،000 ޑޮލަރު ނުވަތަ 154،200ރ. މަދެވެ.

ހިޔާ ފްލެޓު އެވޯޑުކުރުމުގެ މައްސަލަތަކެއް އޭސީސީގެ ފަރާތުން ބަލަން ފަށާފައި މި ވަނީ ހައުސިން ޔުނިޓުތައް ރައްޔިތުންނަށް ވިއްކުމަށް ކަނޑައަޅާފައިވާ އަގުތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާގައި އޮޑިޓު ރިޕޯޓެއް ވެސް ނެރެފައިވަނިކޮށެވެ.

ހިޔާ ޕްރޮޖެކްޓުގެ ފްލެޓަކަށް ޖެހޭ އަގު ކަމަށް އެ ސަރުކާރުން 2018 ވަނަ އަހަރު ކަނޑައެޅީ 6،600ރ. އެވެ. ނަމަވެސް އެ އަގަށް ފްލެޓު ދޫކޮށްފި ނަމަ ޔުނިޓަކުން 1.1 މިލިއަން ރުފިޔާ ގެއްލުންވާނެ ކަމަށް އޮޑިޓު ރިޕޯޓުން ހޯދާފައިވެ އެވެ. އޭރުން ޖުމްލަ އެ ވަނީ އަށް ބިލިއަން ރުފިޔާގެ ގެއްލުމެކެވެ.

ހައުސިން ޔުނިޓުތަކަށް ދައްކަންޖެހޭ އަގަކީ 6،600ރ. ކަމަށް 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ ފަރާތުން ކަނޑައެޅީ މަޝްރޫއު ކުރިއަށްގެންދިޔުމަށް ނެގި ލޯނުތަކާއި ރީފައިނޭންސިން ލޯނުތަކާއި އިންޓްރެސްޓާއި ލޯނު އަނބުރާ ދެއްކުމަށްދާނެ ކޭޝްފްލޯއަށް ބެލުމެއްނެތި ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓު ނެރުމާއެކު ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ ފްލެޓުތަކުގެ އަޑު ކުޑަކޮށް ކުރީ ސަރުކާރުން އިއުލާނު ކުރުމަކީ ރައްޔިތުނަށް އޮޅުވާލުން ކަމަށާއި ހިޔާ މަޝްރޫއަކީ އެކަށީގެންވާ މިންވަރަށް ނުވިސްނާ ކުރިއަށްގެންދިޔަ އަގުބޮޑު ޕްރޮޖެކްޓެއް ކަމަށެވެ.

ފްލެޓު ލިބޭ މީހުން ފިނިޝިންގެ މަސައްކަތް އަމިއްލައަށް ކުރަންޖެހޭ ގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ބައެއް އާއިލާތަކުން މިހާރު ވަނީ ބަދަލުވެފަ އެވެ. އެތަނުގައި މިހާރު ވެސް ގާތްގަނޑަކަށް 100 އެއްހާ އާއިލާ ދިރިއުޅޭނެ ކަމަށް ބައެއް ފަރާތްތަކުން އަންދާޒާކުރެ އެވެ.