Advertisement

ބޮޑު ހިޔާނާތުގެ އަށް މައްސަލައެއް ޕީޖީގައި އޮތް ކަމަށް މަޖިލީހުގައި ބުނެވުނީ އޮޅިގެން: އޭސީސީ

27 އޮކްޓޯބަރު 2021 - 16:29 2

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އޭސީސީގެ ރައީސް ޝިއުނާ: އަށް މައްސަލައެއް ޕީޖީގައި އޮތް ކަމަށް ޝިއުނާއަށް ވިދާޅުވެވުނީ އޮޅިގެން ކަމަށް ކޮމިޝަނުން ބުނޭ -- ފޮޓޯ: އަދަދު ފައިލް


ބޮޑު ހިޔާނާތުގެ އަށް މައްސަލައެއް ޕީޖީގައި އޮތް ކަމަށް މަޖިލީހުގައި ބުނެވުނީ އޮޅިގެން: އޭސީސީ

27 އޮކްޓޯބަރު 2021 - 16:29 2

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ބައިވެރިކަމަށް 281 މީހަކަށް ތުހުމަތުކޮށް، އެކުލަވައިލި ލިސްޓުގެ ތެރެއިން މިހާރުވެސް އަށް މީހަކަށް ދައުވާ ކޮށްދޭން ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި މައުލޫމާތު ދެވުނީ އޮޅިގެން ކަމަށް ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ޕީޖީގައި އޮތީ ކިތައް މައްސަލަތޯ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީލް އެއްސެވުމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވަނީ އަށް ވަރަކަށް ކޭސް ޕީޖީ އޮފީހުގައި ވާނެ ކަމަށް ލަފާކުރައްވާފަ އެވެ.

އެކަމާ ގުޅިގެން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝިފާއު ވަނީ އެއީ ސައްހަ ނޫން މައުލޫމާތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ އޮފީހުގައި، އެމްއެމްޕީއާރުސީއާއި ގުޅުންހުރި މައްސަލައަކަށް މިވަގުތު އޮތީ އެންމެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ޖުމްލަ އަށް މީހެއްގެ ފަސް މައްސަލައެއް ޕީޖީ އޮފީހަށް ލިބުނު ކަމަށް ޝަފީއު ވިދާޅުވި އެވެ.

އޭސީސީ އާއި ޕީޖީގެ ވާހަކައިގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވިފައި ވަނިކޮށް، އެ ކޮމިޝަންގެ ތަރުޖަމާނު ހަސަން މަނިކު މި ނޫހަށް ވިދާޅުވީ އަށް މައްސަލަ މިވަގުތު ޕީޖީގައި އޮތް ކަމަށް ޝިއުނާއަށް ވިދާޅުވެވިފައި ވަނީ އޮޅިގެން ކަމަށެވެ. އެއީ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތެރެއިން މިހާތަނަށް ޕީޖީއަށް ފޮނުވާފައިވާ މައްސަލަތަކުގެ އަދަދުތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޝިއުނާ އެހެން ވިދާޅުވީ އެމާނާގައެއް ނޫން. ތެދުފުޅެއް އެންމެ މައްސަލައެއް ޕީޖީގައި މިހާރު އޮންނާނީ. ޖުމްލަ އަށް މައްސަލަ ފޮނުވާފައި ވާނެ، އެ މާނާގައި ވިދާޅުވީ،" އޭނާ ވިދާޅުވިއެވެ.

ޝިއުނާއަށް އޮޅިގެން ވިނަމަވެސް މިފަދައިން ވިދާޅުވެވިފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުވާ 280 އަށް ވުރެ ގިނަ މީހުން ތިބިއިރު، އެ މީހުންނަށް ދައުވާކޮށް އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުން ދިގުލައިގެންދާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު އާންމުކުރުން

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ވަކި ކުރަން މަޖިލީހުން ނިންމީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

ރަސްމީ ފަރާތަކުން ފުރަތަމަ ފަހަރަށް އާއްމުކުރި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމެނިފައިވާއިރު، އޭގެ ތެރެއިން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ.

އޭގެ ތެރޭގައި މި ހިނގާ 19 ވަނަ މަޖިލީހުގެ ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެމްބަރުންނާއެކު ޖުމްލަ 16 މެމްބަރުންނާއި، މި ސަރުކާރުގެ ތިން ވަޒީރަކު ވެސް ހިމެނެ އެވެ.

އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތަހުގީގުތައް އެކި މަރުހަލާތަކުގައި ހުރިއިރު، އޭގެ ތެރެއިން 60 ޕަސަންޓު މީހުންގެ ތަހުގީގު އޮތީ އަދި މައުލޫމާތު އެއްކުރުމުގެ މަރުހަލާގަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާއިރު، ހަމައެކަނި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އޮތް ބަޔެއްގެ ނަންތައް ވެސް އާއްމުކުރުމުން ކޮމިޝަނުގެ އިތުރުން މަޖިލީހަށް ވެސް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.