Advertisement

ގާނޫނުއަސާސީ ބަދަލުކުރަން ޕާޓީތަކާއެކު މަޝްވަރާކުރި މަގުސަދު ނަޝީދު ސާފުކޮށް ދެއްވައިފި

27 އޮކްޓޯބަރު 2021 - 10:29 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި. -ފޮޓޯ: މަޖިލިސް


ގާނޫނުއަސާސީ ބަދަލުކުރަން ޕާޓީތަކާއެކު މަޝްވަރާކުރި މަގުސަދު ނަޝީދު ސާފުކޮށް ދެއްވައިފި

27 އޮކްޓޯބަރު 2021 - 10:29 1

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީ އިސްލާހުކުރަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރެއްވީ އެކަމަށް ގިނަ ރައްޔިތުން އެދެމުންދާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މި ހަފްތާގެ ތެރޭގައި ނަޝީދު އިސްވެ، ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރައްވާފައިވާއިރު، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަަށް އަމަލުކުރުމުގައި ހުރި ދަތިތައް އެންމެނަށް ވެސް މިހާރު ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން، ގާނޫނުއަސާސީ އިސްލާހުކުރުމަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުވެގެން ކުރެވޭ މަސައްކަތަކަށް ވުމަކީ ރައްޔިތުންނަށް އޭގެ އެންމެ ހެޔޮ ނަތީޖާ ނުކުންނާނެ ގޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޕާޓީތަކާ ބައްދަލުކުރި އެންމެ ބޮޑު އެއް ސަބަބަކީ އެކިއެކި ފަރާތްތަކުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެދި މަޖިލީހުގެ އިދާރާއަށް އެބަ ހުށަހަޅާ އަދި މަޖިލީހުގެ އިދާރާގައި އެބަ އެދޭ. ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހެޅުމެއް އެބަވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި މިއަދު މަޖިލީހުގެ ދަފްތަރުގައި ހިމެނިގެންދިޔަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ބައްދަލުކުރައްވައިފަ އެވެ.

ނަމަވެސް، ސަން އައިލެންޑް ރިސޯޓަށް ނަޝީދު ވަޑައިގެން ގާސިމްއާއެކު ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އިދިކޮޅު ކޯލިޝަނާއެކު ބޭއްވި ބައްދަލުވުމުގައި ސިޔާސީ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ކަމަށް ނަޝީދަށް ވަނީ ދަންނަވައިފަ އެވެ.

ނަޝީދާއެކު ކުރެވުނު މަޝްވަރާތަކުގެ ތަފްސީލް ހަމައެކަނި ހާމަކުރީ އެމްއެންޕީންނެވެ.

ނަމަވެސް، ބަރުލަމާނީއަށް ބަދަލުކުރުމާއި ޖޭއެސްސީ އެކުލެވުން ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީ އިސްލާހުކުރަން އެމްޑީޕީއަށް އެއްބާރުލުން ދިނުމާމެދު ގޮތެއް ނިންމޭނީ ޕާޓީގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް އެމްއެންޕީއިން ވަނީ ބުނެފަ އެވެ.

ނަޝީދުގެ މައި އަމާޒަކީ ބަރުލަމާނީ

ނަޝީދު ބޭނުން ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހުގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު ކުރިން އެދިވަޑައިގެންގައި އޮތީ 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާއިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.