Advertisement

ނިޒާމު ބަދަލުކުރަން އެމްޑީޕީއަށް އެހީވާން އެދުނު، ގޮތެއް ނިންމާނީ ހިޔާލު ހޯދައިގެން: އެމްއެންޕީ

26 އޮކްޓޯބަރު 2021 - 21:00 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ނިޒާމު ބަދަލުކުރަން އެމްޑީޕީއަށް އެހީވާން އެދުނު، ގޮތެއް ނިންމާނީ ހިޔާލު ހޯދައިގެން: އެމްއެންޕީ

26 އޮކްޓޯބަރު 2021 - 21:00 1

ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ވެރިކަންކުރާ މައި ޕާޓީގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އެ ޕާޓީއަށް އެއްބާރުލުންދޭން އެދުނު ކަމަށާއި، ނަމަވެސް އެކަމާމެދު ގޮތެއް ނިންމޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އިސްކޮށް ހުންނަވައި އުފެއްދެވި އެމްއެންޕީ ރަޖިސްޓްރީކޮށް، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމާ ގުޅިގެން، ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ އެ ޕާޓީގެ ލީޑަޝިޕާ ބައްދަލުކުރައްވައިފަ އެވެ.

އެމްއެންޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ރާއްޖެއަށް މިވަގުތު ދިމާވެފައިވާ މުހިންމު އެކިއެކި ކަންކަމުގައި ދެ ޕާޓީ އެކުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އެގޮތުން، ގާނޫނުއަސާސީ އިސްލާހުކޮށްގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމުގެ އިތުރުން ވެރިކަން ހިންގުމުގެ ނިޒާމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން މަޝްވަރާކުރެވުނު ކަމަށް އެ ޕާޓީން ބުންޏެވެ.

"މިކަންކަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މި ޕާޓީގެ އެހީތެރިކަމަށް އެމްޑީޕީގެ ފަރާތުން އެދިފައިވެ އެވެ،" އެމްއެންޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ނަމަވެސް، މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ މިފަދަ ކަންކަމުގައި އެމްއެންޕީއިން ގޮތެއް ނިންމާނީ ވަރަށް ފުޅާ ދާއިރާއެއްގައި ޕާޓީގެ ތެރެއިންނާއި ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް އެ ބަޔާނުގައި އިތުރަށް ބުންޏެވެ.

އެމްއެންޕީގެ އިތުރުން ނަޝީދު އިއްޔެ ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ނަމަވެސް، ސަން އައިލެންޑް ރިސޯޓަށް ނަޝީދު ވަޑައިގެން ގާސިމްއާއެކު ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އިދިކޮޅު ކޯލިޝަނާއެކު ބޭއްވި ބައްދަލުވުމުގައި ސިޔާސީ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ކަމަށް ނަޝީދަށް ވަނީ ދަންނަވައިފަ އެވެ.

ނަޝީދު ބޭނުން ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހުގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު ކުރިން އެދިވަޑައިގެންގައި އޮތީ 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާއިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.