Advertisement

އެމްއެމްޕީއާރުސީގެ ހިޔާނާތް: ދައުވާކުރަން އެދުނު އަދަދު ވެސް ދިމާނުވި

26 އޮކްޓޯބަރު 2021 - 20:09 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އޭސީސީއިން ބުނަނީ އެމްއެމްޕީއާރުސީގެ 8 މައްސަލައެއް ޕީޖީއަށް ފޮނުވި ކަމަށް، ޕީޖީިއިން ބުނަނީ އޮތީ އެންމެ މައްސަލައެއް ކަމަށް --


އެމްއެމްޕީއާރުސީގެ ހިޔާނާތް: ދައުވާކުރަން އެދުނު އަދަދު ވެސް ދިމާނުވި

26 އޮކްޓޯބަރު 2021 - 20:09 0

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ބައިވެރިކަމަށް 281 މީހަކަށް ތުހުމަތުކޮށް، އެކުލަވައިލި ލިސްޓުގެ ތެރެއިން މިހާރުވެސް އަށް މީހަކަށް ދައުވާ ކޮށްދޭން ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނި ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެކަން ދޮގުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ޕީޖީގައި އޮތީ ކިތައް މައްސަލަތޯ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީލް އެއްސެވުމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވަނީ އަށް ވަރަކަށް ކޭސް ޕީޖީ އޮފީހުގައި ވާނެ ކަމަށް ލަފާކުރައްވާފަ އެވެ.

އެކަމާ ގުޅިގެން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝިފާއު ވަނީ އެއީ ސައްހަ ނޫން މައުލޫމާތެއް ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީއާއި ގުޅިގެން އޭސީސީއިން ދައުވާ ކޮށްދިނުމަށް އެދިފައިވާ މައްސަލައަކަށް އެއިދާރާގައި ހަމައެކަނި އޮތީ ޔޫތު މިނިސްޓަރު އަހަމްދު މަހުލޫފްގެ މައްސަލަ އެވެ.

އެ މައްސަލާގައި ދައުވާ ކުރުމާ މެދު ގޮތެއް ނުނިމި ލަސްވަނީ ސާފުކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން ކަމަށް ޝަފީއު ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީއާއި ގުޅޭ އެންމެ މައްސަލައެއް މި އޮފީހުގައި އޮތީ. އެއީ މަހުލޫފްގެ މައްސަލަ އެކަނި،" ޝަފީއު ވިދާޅުވި އެވެ.

އޭސީސީ އާއި ޕީޖީގެ ވާހަކައިގައި ފުށުއެރުންތަކެއް ހާމަވެފައިމިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުވާ 280 އަށް ވުރެ ގިނަ މީހުން ތިބިއިރު، އެ މީހުންނަށް ދައުވާކޮށް އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުން ދިގުލައިގެންދާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު އާންމުކުރުން

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ވަކި ކުރަން މަޖިލީހުން ނިންމީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

ރަސްމީ ފަރާތަކުން ފުރަތަމަ ފަހަރަށް އާއްމުކުރި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމެނިފައިވާއިރު، އޭގެ ތެރެއިން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ.

އޭގެ ތެރޭގައި މި ހިނގާ 19 ވަނަ މަޖިލީހުގެ ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެމްބަރުންނާއެކު ޖުމްލަ 16 މެމްބަރުންނާއި، މި ސަރުކާރުގެ ތިން ވަޒީރަކު ވެސް ހިމެނެ އެވެ.

އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތަހުގީގުތައް އެކި މަރުހަލާތަކުގައި ހުރިއިރު، އޭގެ ތެރެއިން 60 ޕަސަންޓު މީހުންގެ ތަހުގީގު އޮތީ އަދި މައުލޫމާތު އެއްކުރުމުގެ މަރުހަލާގަ އެވެ.

އެ ލިސްޓުގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާއިރު، ހަމައެކަނި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އޮތް ބަޔެއްގެ ނަންތައް ވެސް އާއްމުކުރުމުން ކޮމިޝަނުގެ އިތުރުން މަޖިލީހަށް ވެސް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.