Advertisement

ބިލުތަކުގެ މަސައްކަތް ކޮމިޓީތަކުން އަވަސް ކުރަން ނަޝީދު އެދިވަޑައިގެންފި

25 އޮކްޓޯބަރު 2021 - 10:00 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި ވާހަކަ ދައްކަވަނީ: އެކި ދާއިރާތަކުގެ ބިލު ކޮމެޓީ މަރުހަލާގައި އެބަހުރި -- ފޮޓޯ: މަޖިލިސް


ބިލުތަކުގެ މަސައްކަތް ކޮމިޓީތަކުން އަވަސް ކުރަން ނަޝީދު އެދިވަޑައިގެންފި

25 އޮކްޓޯބަރު 2021 - 10:00 0

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގިނަ ބިލުތައް ކޮމިޓީ މަރުލަހާގައި ހުރި އިރު، އެ ބިލުތަކުގެ މަސައްކަތް ކޮމިޓީތަކުން އަވަސްކޮށް ދިނުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

މަޖިލީހުގެ މި ހިނގާ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމި ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް އަދި ނުލިބޭތީ ތަޅުމުގައި މެމްބަރުން ކުރާނެ މަސައްކަތެއް ނެތްކަމުގެ ޝަކުވާ ނަޝީދު މިދިޔަ ހަފްތާގައި ކުރެއްވި އެވެ.

ބަންޑާރަނައިބުގެ އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އޯގަސްޓު 16، ގައި ފެށި މަޖިލީހުގެ ތިން ވަނަ ދައުރަށް އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހުށަހަޅަން ނިންމައި ލިސްޓެއް އާންމުކުރި އެވެ.

އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި އިގުތިސާދީ އަދި ތިމާވެށީގެ ދާއިރާއާ ގުޅޭ ބިލުތައް ހިމެނެ އެވެ.

ނަޝީދު ވިދާޅުވީ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން އަދި މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ހަތަރު ބިލު ކަމަށެވެ.

ނަމަވެސް، ނަޝީދު އެހެން ވިދާޅުވިއިރު، މީގެ ކުރީގެ ދައުރުތަކުން ވާރުތަކޮށް، މަޖިލީހަށް ނުނިންމި ގިނަ ބިލުތަކެއް އެބަހުއްޓެވެ.

އެއާއެކު މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ އާ ބިލުތައް ނުލިބޭ ކަމަށް މިދިޔަ ހަފްތާގައި ވިދާޅުވުމުން، ސަރުކާރުން ބިލުތައް ހުށަހެޅުން ލަސްވެގެން މަޖިލީހުގެ ގާނޫނީ މަސައްކަތް ނުކުރެވޭ ކަމުގެ މަންޒަރެއް އެމަނިކުފާނަށް ސިފަވެވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް، އާ ބިލު ލިބުމުގައި ލަސްތަކެއް ހުރި ނަމަވެސް، މިހާރު ވެސް ކޮމިޓީތަކުގައި ޖުމްލަ 33 ބިލެއް ހުރިކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އެގޮތުން، ސަރުކާރުން ހުށަހަޅާފައިވާ 26 ބިލަކާއި މެމްބަރުން ހުށަހަޅާފައިވާ ހަތް ބިލެއްގެ މަސައްކަތް ކުރަމުންދާ ކޮމިޓީތަކުގެ ތަފްސީލް ވަކިވަކިން އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.

ކޮމިޓީތަކުގައި ހުރި މަސައްކަތް

  • އިގުތިސޯދީ ކޮމިޓީ - 2 ބިލު
  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީ - 1 ބިލު
  • ޖުޑީޝަރީ ކޮމިޓީ - 5 ބިލު
  • ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ - 2 ބިލު
  • އިޖުތިމާއީ ކޮމިޓީ - 4 ބިލު
  • ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ - 4 ބިލު
  • ލާމަރުކަޒީ ކޮމިޓީ - 5 ބިލު
  • މާލިއްޔަތު ކޮމިޓީ - 1 ބިލު
  • ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ - 2 ބިލު
  • ޖޮއިންޓް ކޮމިޓީ - 7 ބިލު

ނަޝީދު ވިދާޅުވި ގޮތުގައި ތަޅުމުގެ މަސައްކަތް މަދުވި ނަމަވެސް، ކޮމިޓީތަކުގެ މަސައްކަތް އިތުރުކޮށް ބިލުތައް އަވަހަށް ނިންމަންޖެހެ އެވެ.

"ހުއްޓިފައި ހުރި ބައެއް މަސައްކަތް، އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު އެ ގެންދާނެ ގޮތެއް ކަނޑައަޅާފައި އެ ގެންގޮސް ނިންމާލުން [މުހިންމީ]،" އެމަނިކުފާނު ވިދާޅުވި އެވެ.