Advertisement

ޒުވާނުންގެ ދުވަހާއި ވޯޓު ދިނުމުގެ ހައްގު

24 އޮކްޓޯބަރު 2021 - 11:30 2

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބަށް ފަހު ޒުވާނުންތަކެއް އުފާ ފާޅުކުރަނީ -- ފޮޓޯ: މައުރޫފް ޚަލީލް


ޒުވާނުންގެ ދުވަހާއި ވޯޓު ދިނުމުގެ ހައްގު

24 އޮކްޓޯބަރު 2021 - 11:30 2

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޒުވާނުންގެ ދުވަހެއް ފާހަގަކުރީ މާޗް 1، 1992 ގަ އެވެ. އޭގެ އަހަރުތަކެއް ފަހުން، ރާއްޖޭގައި ޒުވާނުންގެ ދުވަސް ފާހަގަކުރާނީ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައެޅުއްވި އެވެ. އެހެންނަމަވެސް އެ ތާރީހު ވެސް ފަހުން ބަދަލުކުރައްވައި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޒުވާނުންގެ ދުވަސް ފާހަގަކުރާ ގޮތަށް ހަމަޖެހުނެވެ. މިހާރު މި ފާހަގަކުރާ ގޮތަށް 22 އޮކްޓޯބަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރާ ގޮތަށް ހަމަޖެއްސެވީ މިހާރުގެ ސަރުކާރުންނެވެ. އެ ނިންމެވުން ނިންމެވީ 17 ޑިސެމްބަރު 2019 ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.

ޒުވާނުންގެ ދުވަހަކީ 22 އޮކްޓޯބަރު ކަމަށް ނިންމެވީ މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީގެ 26 ވަނަ މާއްދާ ފާސްވި ތާރީހާ ގުޅުވާފަ އެވެ. އެއީ ގާނޫނު އަސާސީގެ ޑްރާފްޓުން ބަލާނަމަ 11 ވަނަ މާއްދާ އެވެ. ގާނޫނު އަސާސީގެ އެ މާއްދާ ފާސްކުރެވުނު ޖަލްސާއަކީ 22 އޮކްޓޯބަރު 2007 ވީ ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާ އެވެ. އެ ޖަލްސާ ބޭއްވުނު އެ ދުވަހުގެ ރޭގަނޑު ދަންފަޅީގަ އެވެ. ޖަލްސާ ފެށުނީ ރޭގަނޑު އަށްގަޑި ތިރީހުގަ އެވެ. ނިމުނީ މެންދަމު ބާރަގަޑި ދިހައެއްގަ އެވެ. އެ ޖަލްސާގެ އެންމެ ފަހު އައިޓަމަކަށް އޮތީ ޑްރާފްޓް ގާނޫނު އަސާސީގެ 11 ވަނަ މާއްދާއަށް ވޯޓަށް އެހުމެވެ. ޖަލްސާގައި އެ ވަގުތު ހާޒިރުވެވަޑައިގެން ތިއްބެވީ 78 މެންބަރުންނެވެ. އެ މާއްދާ ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 75 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. ވަކި ގޮތެއް ހިޔާރު ނުކުރާކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

އުމުރުން 18 އަހަރު ފުރިފައިހުރި ކޮންމެ ރައްޔިތަކަށްމެ ވޯޓުގެ ހައްގު ކަށަވަރުވެގެން ދާ ދުވަހަކީ ގައުމެއްގެ ހަޔާތުގައި އަންނާނޭ ބޮޑު ދުވަހެކެވެ. ގާނޫނު އަސާސީގައި ލިޔެވިގެން އެ ހައްގު ކަށަވަރުވެގެން ދިޔަ ކަމީ ގައުމީ އުފަލެކެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އައްޑުއަތޮޅުގެ އިއްޒަތްތެރި މެންބަރު ހުސްނުއްސުއޫދު ވިދާޅުވި ފަދައިން 'އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އިންތިހާބުތަކުގައި ވޯޓުލެވޭ ގޮތަށް އޮތުމަކީ ތައުރީފް ހައްގު ގޮތެކެވެ.'

ފާހަގަކުރެއްވޭނޭ ފަދައިން، ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާގެ ނިންމުން ފާސްވެގެން ދިޔައީ އިދިކޮޅު ހެދުންތަކެއް ނެތި އެވެ. ޖަލްސާގެ ޔައުމިއްޔާއަށް ބަލާއިރުވެސް ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވާހަކަ ދެއްކެވީ 11 ވަނަ މާއްދާގެ ދިފާއުގަ އެވެ. އެހެންނަމަވެސް އެހައި އޮމާންކޮށް އެ ޖަލްސާގެ ކަންކަން ދިޔައީ ސަބަބުތަކެއް އޮތީމަ އެވެ. އަށާރަ އަހަރުން މަތީގެ މީހުންނަށް ވޯޓު ލެވޭ ގޮތަށް ގާނޫނު އަސާސީގެ ޑްރާފްޓްގައި ލިޔެ ތަޅުމަށް ހުށަހެޅިއިރު، އެ ހައްގު ހޯދުމަށް ތަޅަންޖެހޭ މީހުންނާ ތަޅައި އެކަމަށް ވަކާލާތުކުރި މީހުން ތިބީ މޮޅުވެގެންނެވެ. 185 ވަނަ ޖަލްސާގައި އެ ފެނުނީ އަސްލު ހަނގުރާމަ އެއް ނޫނެވެ. އެކަން ހިނގި ގޮތް ދެކޭން ބޭނުންވާނަމަ ދާންޖެހޭނީ 2007 ވަނަ އަހަރުގެ ކުރީ ކޮޅަށެވެ.

ގާނޫނު އަސާސީ ފާސްކުރާއިރު، ރާއްޖޭގައި ވެރިކަން ހިންގާނީ ކޮން ނިޒާމަކަށްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހާއްސަ މަޖިލީހުން ފާސްކުރި އެވެ. އެއީ 7 މެއި 2006 ދުވަހު ބޭއްވުނު ހާއްސަ މަޖިލީހުގެ 93 ވަނަ ޖަލްސާގަ އެވެ. އޭރު އެފަދަ ވޯޓު ތަކުގައި ބައިވެރިވެވޭނީ އުމުރުން 21 އަހަރު ފުރިފައިވާ މީހުންނަށެވެ. އެހެންނަމަވެސް، ނިޒާމީ ވޯޓުގައި އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވޯޓު ދެވެން ވާނޭކަމަށް އިސްލާހަށް ވަކާލާތުކުރާ ފަރާތްތަކުން ގޮވާލި އެވެ. އެހެންނަމަވެސް، އެ ވޯޓު ނަގަންޖެހެނީ އޭރު އަމަލު ކުރަމުންގެންދިޔަ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ޅ) ދަށުން ކަމަށްވާއިރު، އެފަދަ ވޯޓުތަކުގައި ބައިވެރިވެވޭނީ އުމުރުން 21 އަހަރު ފުރިފައި ތިބޭ މީހުންނަށެވެ. ނިޒާމީ ވޯޓުގައި 18 އަހަރުން މަތީގެ މީހުންނަށް ވޯޓު ދެވެން ވާނޭކަމަށް މެންބަރުން ހާއްސަ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް މަޖިލީހުގެ ރިޔާސަތުން ދެއްވީ އެ ޖަވާބެވެ. ޑީއާރުޕީ ގެ މެންބަރުން އެ ވާހަކަފުޅަށް ތާއީދު ކުރެއްވި އެވެ. އަދި ވޯޓު ދެވޭ އުމުރު އަށާރަ އަހަރަށް ދަށް ކުރުމަށް ފާޅުގައި ދެކޮޅު ހެއްދެވި އެވެ. ޑީއާރުޕީ ގެ ދެކޮޅު ހެދުމުގެ ސަބަބެއް ކަމަށް ފެންނަނީ އުމުރުން އަށާރަ އަހަރާއި އެކާވީސް އަހަރާ ދެމެދު ޒުވާނުންގެ މެދުގައި 'ބަދަލެއް ގެނައުމުގެ ރޫހު' އަށަގެންފައި އޮތް މިންވަރަށް ބަލާއިރު، އެވެރިން އަތަށް ވޯޓު ކަރުދާސް އެ ވަގުތު ދީފިނަމަ ޑީއާރުޕީ ބަލިވެދާނޭ ކަމަށް ފެނުމެވެ.

އޭރު އޮތީ ނިޒާމީ ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހާއްސަ މަޖިލީހުގެ 114 ވަނަ ޖަލްސާއިން ނެގި 11 މެންބަރުންގެ ކޮމިޓީން 'އާންމު ވޯޓު ކުރިއަށް ގެންދާނޭ ގޮތުގެ ލިޔުން' ހާއްސަ މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ކަރުދާހުގައި އޮތްގޮތުން، ވޯޓުގައި ބައިވެރިވެވޭނީ އުމުރުން 21 އަހަރު ފުރިފައިވާ ރައްޔިތުންނަަށެވެ. އެ މައްސަަލައިގައި މަޖިލީހުގެ އެތެރެއާ ބޭރުގައި ވެސް މެންބަރުން ތިބީ ގަދަ ޒުވާބުގަ އެވެ.

އެ ހައިޖާނު އެންމެ ހޫނުވި ވަގުތު، އައްޑުއަތޮޅުގެ އިއްޒަތްތެރި މެންބަރު ހުސްނުއްސުއޫދު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 11 މެންބަރުން ކޮމިޓީއިން ހުށަހެޅި ލިޔުމަށް އިސްލާހެއް ހުށަހެޅުއްވި އެވެ. އެ އިސްލާހުގައި އޮތީ 'ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ނެގޭ އާންމު ވޯޓުގައި ދިވެހިރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ވޯޓުލުމުގެ ހައްގު އޮތުން' މިހެންނެވެ.

އެ އިސްލާހު ހުށަހެޅުމަށް ދެން ބާއްވަން ހަމަޖެއްސި ގިނަ ޖަލްސާތަކުގެ ކޯރަމް ހަމައެއް ނުވެ އެވެ. ނުވަތަ އެ އިސްލާހާ ހަމައަށް ދާއިރަށް ކޯރަމް ގެއްލެ އެވެ. އޭރު މަޖިލީހުގެ އަގުލަބިއްޔަތު އޮތީ އެ އިސްލާހާ ދެކޮޅަށެވެ. އެ އިސްލާހަށް ވޯޓަށް ނާހާތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޑީޕީގެ މެންބަރުންވެސް ގެންދިޔައީ އިހުތިޖާޖު ކުރަމުންނެވެ. އެތެރެއިންނާ ބޭރުން ކުރިމަތިވި ފިއްތުންތަކާއެކު، އެ އިސްލާހަށް ވޯޓަށް އެހުމުގެ ޖަލްސާ 25 މާޗް 2007 އަށް ތާވަލު ކުރެވުނެވެ. އެހެންނަމަވެސް، ޖަލްސާގެ ވަގުތު ޖެހުނުއިރު، ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންނާއި ޑީއާރުޕީ އަށް ނިސްބަތްވާ ގިނަ މެންބަރުން ހާޒިރު ނުވާތީ ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ. އެމްޑީޕީގެ ކެތްތެރިކަން ކޮޅުންލި އެވެ. ރައްޔިތުންގެ މަޖިލިސް ކުރާ ސަރަހައްދަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެއްވެ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިޔަ އެވެ. 18 އަހަރުން މަތީގެ މީހުން ވޯޓުގައި ބައިވެރި ކުރުމަށް ގޮވާލައި 20 އެޕްރީލް 2007 ދުވަހު، މާލެއާއި އަތޮޅުތަކުގައި ބޮޑު މުޒާހަރާއެއް ކުރިއަށް ގެންދިޔަ އެވެ. މި މުޒާހަރާތަކުގައި އުމުރުން 18 އަހަރާއި 21 އަހަރާ ދެމެދު ގިނަ ޒުވާނުން ބައިވެރިވި އެވެ.

މަޖިލީހުގެ ރިޔާސަތުން އޭރުވެސް ދިޔައީ އައްޑުއަތޮޅުގެ މެންބަރު ހުސްނުއްސުއޫދުގެ އިސްލާހަށް ވޯޓަށް އެހުމަށް އިންކާރު ކުރައްވަމުންނެވެ. ހާއްސަ މަޖިލީހުގެ މެންބަރުން ދެން ދިމާކުރެއްވީ އެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އައްބާސް އިބްރާހީމްގެ އިތުބާރު ނެތްކަމަށް ފާސްކުރާށެވެ. މިއީ އައްބާސް އިބްރާހީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުނު ދެވަނަ ފަހަރެވެ. އެ ފަހަރުވެސް ހަނިގޮތަކުން ސަލާމަތްވެވަޑައިގަތެވެ. އެހެންނަމަވެސް، އޭގެ ދުވަސްކޮޅެއް ފަހުން، 29 އޭޕްރިލް 2007 ގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވި އެވެ.

އައްބާސް އިބްރާހީމް އިސްތިއުފާ ދެއްވުމުން ދެން މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގަތީ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމް އެވެ. އަށާރަ އަހަރުން މަތީގެ މީހުންނަށް ނިޒާމީ ވޯޓުގައި ބައިވެރިވެވޭ ގޮތަށް ހުށަހެޅުއްވި އިސްލާހަށް ވޯޓަށް އެހީ ގާސިމް އިބްރާހީމް ރިޔާސަތުގައި އިންނަވައިގެން 13 މެއި 2007 ދުވަހު ބޭއްވުނު، ހާއްސަ މަޖިލީހުގެ 147 ވަނަ ޖަލްސާގަ އެވެ.

އައްޑުއަތޮޅުގެ އިއްޒަތްތެރި މެންބަރު ހުސްނުއްސުއޫދު ހުށަހަޅުއްވައި، ކޮޅުމަޑުލުގެ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ހަނި އަގުލަބިއްޔަތަކުންނެވެ. 85 މެންބަރުން ހާޒިރުވެތިބި އެ ޖަލްސާގައި އެ އިސްލާހަށް ތާއީދުކުރެއްވީ 57 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ 16 މެންބަރުން ތިއްބެވިއިރު 13 މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

ވޯޓުގައި ބައިވެރިވުމުގެ ހައްގު އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށް ލިބިގެން ދިޔައީ ބަޔަކު މީހުން ކުޅަ ބުރަ މަސައްކަތުންނެވެ. އެއީ ކުރަން ނިޔަތްގަނެފައި އޮތްކަމެއް ނޫނެވެ. ގާނޫނު އަސާސީގެ 26 ވަނަ މާއްދާގ ފާސްކުރެވުނުއިރު ހަގީގަތުގައި އޮތީ އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވޯޓުގައި ބައިވެރިވުމުގެ ހައްގު ލިބިގެން ގޮސްފަ އެވެ. އެ ހައްގު ހޯދުމަށްޓަކައި ކެނޑިނޭޅި ދެ ދުވަހު އިހުތިޖާޖުކުރި އެވެ. މުޅި ރާއްޖޭގައި މުޒާރަހާ ކުރި އެވެ. ހާއްސަ މަޖިލީހުގެ ރައީސް އޭނާގެ މަގާމުން ވަކިވުމަށް މަޖުބޫރު ކުރި އެވެ. އެހެންވީމާ އެއީ، މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީގައި އެ ހައްގު ކަށަވަރު ކުރުމަށް ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން ފާސްކުރުމުގެ މާ ކުރިން ނިމިފައި އޮތް ހަނގުރާމައެކެވެ. ޒުވާނުން އެ ކާމިޔާބީ ހޯދި ދުވަހަކީ 13 މެއި 2007 އެވެ. ޒުވާނުންގެ ދުވަސް އެކި ފަހަރު މަތީން ބަދަލުކޮށްފައިވާއިރު، މިހާރު ޒުވާނުންގެ ދުވަސް އެކަށައެޅި ސަބަބަށް ބަލާއިރު، އެންމެ މުނާސަބު ތާރީހަކީ އެހެންވީމާ 13 މެއި ނޫންތޯ އެވެ.