Advertisement

މަޖިލީހަށް ހުށަހެޅީ އެންމެ 4 ބިލު، އިތުރު ބިލެއް ލިބޭނެކަމަށް ނަޝީދަށް ލަފާ ނުކުރެއްވޭ

20 އޮކްޓޯބަރު 2021 - 09:37 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި. -ފޮޓޯ: މަޖިލިސް


މަޖިލީހަށް ހުށަހެޅީ އެންމެ 4 ބިލު، އިތުރު ބިލެއް ލިބޭނެކަމަށް ނަޝީދަށް ލަފާ ނުކުރެއްވޭ

20 އޮކްޓޯބަރު 2021 - 09:37 0

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމި 32 ބިލުގެ ތެރެއިން އަދި މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ހަތަރު ބިލެއް ކަމަށާއި، މި ދައުރުގައި ދެން އިތުރު ބިލެއް މަޖިލީހާ ހަމައަށް އަންނާނެކަމަށް ލަފާނުކުރެއްވޭ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބަންޑަރަނައިބުގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިިދިޔަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ފެށުނު މަޖިލީހުގެ ތިން ވަނަ ދައުރަށް އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހުށަހަޅަން ނިންމައި ލިސްޓެއް އާންމުކުރި އެވެ.

އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި، އިގުތިސާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން އަދި މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ހަތަރު ބިލު ކަމަށެވެ.

"މި ބިލުތައް މި ދައުރުގައި މަޖިލީހަށް ލިބޭނެ ކަމަކަށް އަޅުގަނޑަށް ލަފައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު މަޖިލީހަށް ލިބިފައިވާ ބިލުތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދެ އެވެ.

އެގޮތުން، މިހާރު ކޮމިޓީ މަރުހަލާގައި އޮތް ހެއްކާބެހޭ ބިލާއި މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތް ނަޝީދު ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މަސައްކަތް މަދުވަމުންދާތީ، އެ ދެ ބިލު ދިރާސާކުރަމުންދާ ޖުޑީޝަރީ ކޮމިޓީއަށް އިތުރު ވަގުތުގައި ވެސް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، މަޖިލީހުގެ ތިންވަނަ ދައުރު ފެށިގެން އައިއިރު ވެސް ބިލުތައް ނުލިބި ލަސްވެގެން ތަޅުމުގެ މަސައްކަތް ކުރުކޮށްލަން ޖެހުނެވެ.

އިތުރު ބިލުތައް ނުލިބޭނެކަމަށް ނަޝީދު ލަފާކުރެއްވިއިރު، ސަރުކާރުން ދަނީ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންނެވެ.

އެގޮތުން، މި މަހުގެ ނިޔަލަށް ބަޖެޓު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ބަޖެޓު ހުށަހެޅުމުން، ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭ ތިން ވަނަ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރިއަށްދާނީ ބަޖެޓު ފާސްކުރުމުގެ މަސައްކަތެވެ.

ހުށަހަޅަން ނިންމާފައިވާ މުހިންމު ބިލުތައް

އޭޖީ އޮފީހުން އާންމުކުރި ބިލުތަކުގެ ލިސްޓަށް ބަލާއިރު، މީޑިޔާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން އުފައްދައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު ފާހަގަކޮށްލެވެ އެވެ.

އޭގެ އިތުރުން، ހެއްކާބެހޭ ބިލާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޑިޕްލޮމެޓިކް އިމްތިޔާޒްތަކާ ބިލު ވެސް މި ދައުރަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

ވިޔަފާރީގެ ދާއިރާއިން ބަލާއިރު، ފޮރިން އިންވެސްޓްމަންޓުގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާއި، ކުންފުނިތަކާއި ޓްރޭޑްމާކުގެ ބިލެއް ވެސް ފާހަގަކޮށްލެވެ އެވެ.

އޭޖީ އޮފީހުގެ ލިސްޓަށް ބަލާއިރު، މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލެއްގެ އިތުރުން ކުނި މެނޭޖްކުރުމަށްވެސް ހާއްސަ ބިލެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ބިލަކީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލެވެ. މިއީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ހާއްސަކޮށްގެން ފަރުމާކުރާ ބިލެކެވެ.