Advertisement

މާދަމާ

18 އޮކްޓޯބަރު 2021 - 09:30 3

ނޫރުއްސަލާމް އަބޫބަކުރު

ނޫރުއްސަލާމް އަބޫބަކުރު


މާދަމާ

18 އޮކްޓޯބަރު 2021 - 09:30 3

އަސްލު ލިޔުއްވީ: މުޞްޠަފާ އަލްމަންފަލޫޠީ 1924މ

ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު

މިއަދު ލިޔާނެ އެއްޗަކާ މެދުގައި އިއްޔެ ރޭ އަހަރެން ވިސްނީމެވެ. އިނގިލިތަކުން ގަލަމުގައި ހިފައިގެން ކުރިމަތީ ސާފު ހުދު ގަނޑެއް ބާއްވައިގެން، އެގަލަން ހިންގި ހިންގިހެން އެ ގަނޑުގައި ކުލަޖެހެމުންދާނެ ކަން އަހަންނަށް އެނގުނެވެ. އެހެނަސް އެގަލަމުގެ މަގުސަދު ހާސިލުވުމުގެ ކުރިން އޭގެ ދެލި ހަމަވާނީ ކަމެއް، ނުވަތަ އެ ގަލަން ބަނޑުވަތަށް ވެއްޓޭނީ ނޫންކަމެއް އަހަރެންކަށް ނޭނގެ އެވެ. އަހަރެންގެ މިސިޓީ ފުރިހަމަކުރެވިދާނެ ކަމެއް، ނުވަތަ ޒަމާނުގެ ހުރަސްތަކުން ހުރަހެއް އެމަގަށް ކުރިމަތިވާނީ ނޫންކަމެއް ވެސް އަހަރެންނަކަށް ނޭނގެ އެވެ. ސަބަބަކީ އެއީ މާދަމާއާ ބެހޭ ގޮތުން އެއްވެސް ކަމެއް އަހަރެންނަށް ނޭނގޭތީ އެވެ. މުސްތަގުބަލު ވަނީ ﷲ ގެ އަތްޕުޅުގައި ކަމަށް ވާތީ އެވެ.

އަހަރެން ހެދުނު ލީ ގަމީސް މިހާރުވެސް މިހުރީ ލައިގެންނެވެ. ނަމަވެސް އެ ހެދުން ބާލާނީ އަހަރެންގެ ދެ އަތުން ކަމެއް ނުވަތަ ހިނަވާމީހާގެ ދެ އަތުން ކަމެއް އަހަރެންނަކަށް ނޭނގެ އެވެ.

މާދަމާއަކީ ބަލަން ހުރި މީހާއަށް ދުރުން ފެންނަން ހުރި ހިޔަންޏެކެވެ. ފަހަރެއްގައި އެއީ އޯގާތެރި ރަސްކަލެއް ކަމުގައި، ނުވަތަ ލައުނަތްލެއްވި ޝައިތާނެއް ކަމުގައިވެސް ވެދާނެ އެވެ. ކިއެއްތަ! ފަހަރެއްގައި އެއީ ބަނަ ވިލާގަނޑެއް ކަމުގައިވެ، އޭގެ މައްޗަށް ފިނި ރޯޅިއެއް ޖެހުމުން ގޮފިތައް ރޫޅި ބައިތައް ވަކިވެ، ކުރިންވެސް ނެތް އެއްޗެހީގެ ތެރެއިންވީ ނެތުމެއް ކަމުގައި ވެސް ވެދާނެ އެވެ.

މާދަމާއަކީ ތަނަވަސްވެގެންވާ ފުން ކަނޑެކެވެ. އޭގެ ރާޅުތައް ހޮޅިލައި މުގުރަމުންދެ އެވެ. އޭގެ ބަނޑުގައިވަނީ ރަންމުތާއި ޖަވާހިރުކަމެއް ނުވަތަ މަރުކަމެއް ކަލެއަކަށް ނޭނގެ އެވެ.

މާދަމާ ވަނީ ބުއްދިތަކަށް ފޮރުވިގެންނެވެ. ނަޒަރުތަކަށް ވަންހަނާވެގެންނެވެ. އެއީ އިންސާނަކު އޭނާގެ ގޭގެ ދޮރުން ބޭރުގައި ފައިއަޅާލުމަށް ފައި އުފުލާލި ކަމުގައިވިޔަސް، އެފައި އެޅޭނީ ދޮރުގެ އޮޅިގަނޑުގައި ކަމެއް، ކަށްވަޅުގެ ތުންފަތްމަތީގައި ކަމެއް ނޭނގޭނެ ދަރަޖައަށެވެ.

މާދަމާއަކީ ގިނަވަގެންވާ ސިއްރުތަކުން ފުރިފައިވާ މޭމައްޗެކެވެ. އޭގެ މަތީން ވަށައިގެން ކަޅިތައް ހޯރައަޅަމުން ދެ އެވެ. ނަޒަރުތައް ފާރަލަމުންދެ އެވެ. އެޔާ މެދު ސިކުނޑިތަކުން އަތްފުނާއަޅަމުންދެ އެވެ. ނަމަވެސް އޭގެ ސިއްރުތަކުން ސިއްރެއް ހާސިލެއް ނުކުރެވެ އެވެ. އޮއިގަނޑާއެކު ހިލަގަނޑު ލެއްގީމާ މެނުވީ އެވެ.

މާދަމާއާ އެކުގައި އަހަރެންވާއިރު، މާދަމާ، އޭގެ ބަންދުވެގެންވާ ކިއްލާގައި، އޭގެ ޖަގަހައިގައި ބަނޑުޖަހައިގެން، ފޭލީގައި ފަރުދާވެގެން އޮވެ، އަހަރެމެންގެ އުންމީދުތަކާއި އެދުންތަކަށް ބަލަމުންދަނީ މަލާމާތާއި ފުރައްސާރައިގެ ނަޒަރުންނެވެ. ލަދުގެންނެވުމާއި ދަށްކޮށްލުމުގެ ހިނިތުންވަމުންނެވެ. އޭގެ އަމިއްލަ ނަފުސަށް ބުނަމުން ދެ އެވެ. މިހިރަގެން ޖަމާކުރާ މީހާއަށް، ޖަމާކޮށް އެ ދެވެނީ ވާރުތަވެރީންނަށްކަން އެނގޭ ނަމަ، ބިނާކުރާ މީހާއަށް ބިނާކޮށް މިހެދެނީ ހަރާބުވުމަށްކަން އެނގޭ ނަމަ، އުފަންކުރާ މީހާ އުފަންކުރަނީ މަރުވުމަށްކަން އެނގޭ ނަމަ، ޖަމާކުރާމީހާ ޖަމާކޮށް، ބިނާކުރާމީހާ ބިނާކޮށް، އުފަންކުރާ މީހާ އުފަންކޮށެއް، ނޫޅުނީހެވެ.

އިންސާނުން މި ދުނިޔޭގެ ކޮންމެ އުނދަގުލެއް ގިރާކޮށްފި އެވެ. ބިންގަނޑު ކޮނެ ބިންގަރާސް ހަދައިފި އެވެ. އުޑަށް އަރާނެ ހަރުފަތް ހަދައިފި އެވެ. މަޝްރިގާއި މަޣުރިބު ދަގަނޑު ވާތަކަކުން، ލޮއިގެ ރޮދިތަކަކުން ގުޅުވައިފި އެވެ. އޭނާގެ ސިކުނޑީން ފަޒާއަށް ވާސިލުވެއްޖެ އެވެ. ތަރިހަނދުގައި ދިރިއުޅެފި އެވެ. އެތަނުގެ އަޑިގުޑަންތައް، ހަމަބިންތަކާއި ވާދީތައް، އާބާދުތަކާއި ވީރާނާތައް، ކަނޑުފަޅާއި އެއްގަންތައް ދަސްކޮށްފި އެވެ.

ތަރިތަކުގެ ދުރުމިނާއި އަލީގެ މަސާފަތު ދެނެގަތުމުގެ މިންތައް އެކަށައަޅައިފި އެވެ. ދުނިޔޭގެ ބޯޅަ އިޖުމާލީ އަދި ތަފުސީލީ ގޮތުން މީޒާންކުރާނޭ ތަރާދުތައް އުފައްދައިފި އެވެ.

ކަނޑުތަކުގައި ފީނައި، އޭގެ ފުންމިން ދެނެގެންފި އެވެ. އޭގެ ވެލި ދިރާސާކޮށް، އެތަނުގެ ދިރިތިބީންނަށް އުނދަގޫކޮށްފި އެވެ. އެތަނުގެ ދާގަބާތައް ކޮނެ، އޭގެ ހަޒާނާތައް ފޭރިގަނެފި އެވެ. އޭގެ ރަންމުތާއި ޖަވާހިރުގެ މައްޗަށް ގަދަވެގެންފި އެވެ.

ހިލަތަކާއި ހަވިއްތަތަކުގެ ތެރެއިން ވަދެ، އިސްވެދިޔަ ޤަރުނުތަކުގެ އަހުލުވެރީން ދެކެފިއެވެ. އެމީހުން އުޅޭ ތަނާއި ދިރިއުޅޭ ގޮތާއި، ކައިބޮއިހަދާ އެއްޗެއްސާ ދެނެގެންފި އެވެ.

ހިއްސުތަކުގެ ދޮރައަށިތަކުން ހިއްސުތަކުގެ އެތެރެއަށް ދެމިގެންފި އެވެ. އެގޮތުން ނަފުސުތަކާއި އޭގެ ތަބީއަތްތައް، ސިކުނޑިތަކާއި އޭގެ މަޒުހަބުތައް، އެނގުންތަކާއި އޭގެ މަރުކަޒުތައް ހޯދައިގެންފި އެވެ. ނަފްސު ދައްކާވާހަކައާއި މަރުގެ ފިޔަވަޅުތަކުގެ އަޑުވެސް އަހައިފުމަށް ގާތްވެއްޖެ އެވެ.

އޭނާގެ ތޫނުފިލިކަމުން ކޮންމެ ފަރުދާއެއް ހާކޮށްފި އެވެ. ކޮންމެ ދޮރެއް ހުޅުވައިފި އެވެ. ނަމަވެސް މާދަމާގެ ދޮރުމައްޗަށް އައިސްފައި، އެ ދޮރު ހުޅުވަން ޖެހިލުންވެ، ކިއެއްތަ އެ ދޮރުގައި ޓަކި ޖަހާލާނޭ ހިތްވަރެއް ވެސް ނެތި، ނުކުޅަދާނަވެ ލާހިކުނުވެގެން ކަކޫމައްޗަށް ތިރިވެއްޖެ އެވެ. އެހެނީ އެއީ ﷲ ގެ ދޮރެވެ. ﷲ އެކަލާނގެ ޣައިބު އެއްވެސް މީހަކަށް ފާޅުނުކުރައްވަ އެވެ.

ޣައިބުގެ ފަރުދާއިން ނިގާބުއަޅައިގެން ހުރި ހިޔަންޏާ އެވެ! ފޮރުވާފައިވާ މޫނުގެ ސަފުހާތަކުން އެންމެ ސަފުހާއެއް އަހަރެމެން ދުށުމަށްޓަކައި ކަލޭގެ މޫނުން ތިޔަ ފަރުދާ ފޭކޮށްލަދީފާނު ހެއްޔެވެ؟ އަހަރެމެންނަށް ނިވާކުރުމަށް ތިޔަހުރި ފަރުދާގެ ފުރަގަހުން ކަލޭގެ ސޫރަ ބަލާލުމަށްޓަކައި އަހަރެމެންނާ ގާތްވާނު ހެއްޔެވެ؟ ކަލޭގެ ޝައުގުގައި އަހަރެމެންގެ ހިތްތައް އުދުހިގެންފި އެވެ. ކަލޭގެ ވަޖިދުގައި އަހަރެމެންގެ މޭތައް ވިރިހިނގައްޖެ އެވެ.

އޭ މާދަމާ އެވެ! އަހަރެމެންގެ ކުޑަބޮޑެތި އުންމީދުތަކެއް ވެއެވެ. ފޮނި އެދުންތަކާއި އެނޫން އެދުންތައް ވެއެވެ. އަހަރެމެންގެ އުންމީދުތަކާ ބެހޭ ގޮތުން، ކަލޭގެ ގާތުގައި އެކަންކަންވަނީ ކޮންތާކުކަން ކިޔައިދީބަލާށެވެ. އަހަރެމެންގެ އެދުންތަކާމެދު ކަލޭ ހެދިގޮތުގެ ހަބަރު ދީބަލާށެވެ. އެކަންކަން ދަށްކޮށް ނިކަމެތިކޮށްލީ ހެއްޔެވެ؟ ނުވަތަ އެކަންކަމަށް މާތްކޮށް ހިތީ ހެއްޔެވެ؟

ނޫން.... ނޫން... ކަލޭގެ ސިއްރު ކަލޭގެ މޭގައި ރައްކާކޮށް ހިފަހަށްޓާށެވެ. ކަލޭގެ ނިގާބު ނުނަގާ ބަހައްޓާށެވެ. އަހަރެމެންގެ އެދުންތަކާއި އުންމީދުތަކުގެ ހަބަރުތަކުން އެއްވެސް ވާހަކައެއް އަހަރެމެންނާ ދައްކާނެކަމެއް ނެތެވެ. އަހަރެމެންގެ ފުރާނަތަކާއި ނަފުސުތަކަށް ކެކުޅުން ޖެހިދާނެތެވެ. އަހަރެމެންނަކީ އުންމީދުތަކުން ދިރިތިބި ބައެކެވެ. އެދުންތަކުން އުފާވެގެން ތިބި ބައެކެވެ. އުންމީދުތައް ބާތިލުވެފައި އެދުންތައް ދޮގުކަމުގައި ވިޔަސް ވެހެވެ.

ނުވާތީ ދިރިއުޅުން މީހާގެ ފިޔަވައި އެދުންތަކަށް

ފިލާދިޔަ ނަމަ އެކަންކަން ދެން ހަޔާތްވޭ ނިޝާނަކަށް