Advertisement

ފާޓީގެ ގޯލާ އެކު ފަހަތުން އަރައި ބާސެލޯނާ އަށް މުހިއްމު މޮޅެއް

18 އޮކްޓޯބަރު 2021 - 07:39 0


ފާޓީގެ ގޯލާ އެކު ފަހަތުން އަރައި ބާސެލޯނާ އަށް މުހިއްމު މޮޅެއް

18 އޮކްޓޯބަރު 2021 - 07:39 0

ބާސެލޯނާ (އޮކްޓޫބަރު 18) - ސްޕެނިޝް ލީގުގައި ރޭ އަންސޫ ފާޓީގެ ގޯލާ އެކު ބާސެލޯނާ އިން ފަހަތުން އަރައި 3-1 އިން ވެލެންސިއާ ބަލިކޮށް މުހިއްމު މޮޅެއް ހޯދައިފި އެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަަކަށް ދިޔަ ކުޅުންތެރިންނަށް ވަގުތު އޮއްވައި ސްޕެއިނަށް ނާދެވޭތީ މި ހަފްތާގައި އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ކުޅެން އޮތް ސްޕެނިޝް ލީގުގެ މެޗު ވަނީ ފަސްކޮށްފަ އެވެ. ރޭގެ މެޗުން މޮޅުވެ، ބާސެލޯނާ ވަނީ އަށް މެޗުން 15 ޕޮއިންޓް ހަމަކޮށް ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ.

ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި އޭރިއާބޭރުން ޖެހި ޝޮޓަކުން ހޯސޭ ގާޔާ ވަނީ ވެލެންސިއާ އަށް ލީޑުނަގައިދީފަ އެވެ. މެމްފިސް ޑިޕާއިއާ ގުޅިގެން އުފެއްދި އެޓޭކެއްގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ މެޗުގެ 13 ވަނަ މިނިޓްގައި އަންސޫ ފާޓީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފާޓީ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ޑިޕާއި ވަނީ ބާސެލޯނާ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދީފަ އެވެ.

ދެ ވަނަ ހާފްގައި ނަތީޖާ ހަމަހަމަކުރަން ވެލެންސިއާގެ ގޮންކާލޯ ގުއޭޑޭޝް ޖެހި ޝޮޓެއް ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ. މެޗުގެ 85 ވަނަ މިނިޓްގައި ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ފިލިއްޕޭ ކުޓީނިއޯ އެވެ. މިއީ ސާޖީނިއޯ ޑެސްޓް ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

މި މެޗުގެ ދެ ވަނަ ހާފްގައި ބާސެލޯނާއާ މި ފަހަރު ގުޅުނު ސާޖިއޯ އަގުއޭރޯ ވަނީ ފުރަތަމަ ފަހަރަށް މެޗެއްގައި ކުޅެން ނުކުމެފަ އެވެ. އަގުއޭރޯ ކުޅެން މި ނުކުތީ އަނިޔާއިން ރަނގަޅުވުމަށް ފަހު އެވެ. އަގުއޭރޯ އެންމެ ފަހުން ސްޕެނިޝް ލީގު މެޗެއް ކުޅުނީ 2011 ވަނަ އަހަރު މެއި މަހު މަޔޯކާއާ ދެކޮޅަށެވެ. އެތުލެޓިކޯ މެޑްރިޑަށް އޭރު ކުޅުނު އަގުއޭރޯ ވަނީ އެ މެޗުގައި މަޔޯކާ ކޮޅަށް ހެޓްރިކެއް ހަދައިފަ އެެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗު ކުޅެން ޖެހިފައިވާއިރު، އޭގެތެރެއިން ފުރަތަމަ މެޗުން މި ގޮތަށް މޮޅުވުމުން ޓީމުގެ ކޮންފިޑެންސް ރަނގަޅުވާނެ ކަމަށެވެ.