Advertisement

ފެންވަރު ދައްކާލައި ބަޔާން އަލުން އެއް ވަަނަ އަށް

18 އޮކްޓޯބަރު 2021 - 01:03 0


ފެންވަރު ދައްކާލައި ބަޔާން އަލުން އެއް ވަަނަ އަށް

18 އޮކްޓޯބަރު 2021 - 01:03 0

މިއުނިކް (އޮކްޓޫބަރު 18) - ޖަރުމަނު ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން 5-0 އިން ބެޔާ ލެވަކޫސަން ބަލިކޮށް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ބަޔާން މިރޭގެ މެޗަށް ނުކުތްއިރު އެއް ވަަނައިގައި އޮތީ ރޭ ކުޅުނު މެޗުން މޮޅުވި ބޮރޫޝިއާ ޑޯޓްމަންޑް އެވެ. ބަޔާންގެ މޮޅާ އެކު އެ ޓީމު އެއް ވަނަ އަށް އެރީ އަށް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ އަށް މެޗުން 18 ޕޮއިންޓް ލިބިފަ އެެވެ. މިރޭ ބޮޑު ތަފާތަކުން ބަޔާން އަތުން ބަލިވި ލެވަކޫސަން އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

ލެވަކޫސަން ދަނޑުގައި ބަޔާންގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ ތިން ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ހަތް މިނިޓް ތެރޭގައި ބަޔާނުން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

އެ ގޮތުން މެޗުގެ 30 ވަނަ މިނިޓްގައި ލެވަންޑޯސްކީ އޭނާގެ ދެ ވަނަ ގޯލު ޖެހިއިރު، މެޗުގެ 34 ވަނަ މިނިޓްގައި ތޯމަސް މުލާ ވަނީ ގޯލެއް ޖަހައިފަ އެެވެ. އަދި މެޗުގެ 35 އާއި 37 ވަަނަ މިނިޓްގައި ސާޖް ގްނަބްރީ ވަނީ ބަޔާނަށް އިތުރު ދެ ގޯލު ޖަަހައިދީފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 55 ވަނަ މިނިޓްގައި ލެވަކޫސަންގެ ހަަމައެކަނި ގޯލު ޖެހީ މި ފަހަރުގެ ޔޫރޯގައި ވިދާލި ޗެކް ރިޕަބްލިކްގެ ފޯވާޑް ޕެޓްރިކް ޝިކް އެވެ. އޭނާ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް އެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ލީގުގެ ތިން ވަަނައިގައި އޮތް ޓީމެއް ކަައިރީގައި މި ވަރުގެ ނަތީޖާއެއް ނެރުމަކީ ފަަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ބަޔާންގެ ފެންވަރާ މެދު ސުވާލު އުފައްދާ މީހުންނަށް ބަޔާން ޓީމުން ދިން ޖަވާބެއް ކަމަށް ޒުވާން ކޯޗު ނާގަލްސްމަން ވަނީ ބުނެފަ އެވެ.