Advertisement

އާ ވެރިންގެ ކުރިމަތީގައި ނިއުކާސަލްގެ ފަށަން ޖެހުނީ ބައްޔަކުން

18 އޮކްޓޯބަރު 2021 - 00:45 0

ނިއުކާސަލްގެ ކެޕްޓަން ލަސެލްސް (ކ) އާއި ޓޮޓެންހަމްގެ ކޭން ބޯޅައިގައި ބޮލުން ޖަހަން މަސައްކަތްކުރަނީ.


އާ ވެރިންގެ ކުރިމަތީގައި ނިއުކާސަލްގެ ފަށަން ޖެހުނީ ބައްޔަކުން

18 އޮކްޓޯބަރު 2021 - 00:45 0

ނިއުކާސަލް (އޮކްޓޫބަރު 18) - ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ޔުނައިޓެޑް ގަތް ފަހުން އެ ޓީމުގެ އާ ވެރިންގެ ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗުން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-2 އިން ނިއުކާސަލް ބަލިވެއްޖެ އެވެ.

ޕީއައިއެފް އިން މެޖޯރިޓީ ހިއްސާާާއާ އެކު ނިއުކާސަލް ގަންނަން ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ޕީއައިއެފްގެ ގަވަރުނަރު ޔާސިރް އަލް ރުމައްޔާން ވަނީ މިރޭ ނިއުކާސަލް ދަނޑަށް މެޗު ބަލަން ގޮސްފަ އެވެ. އޭނާގެ އިތުރުން ނިއުކާސަލް ޑީލުގެ އެއް ހިއްސާދާރު އަމަންޑާ ސްޓަވީލީ ވެސް ވަނީ މެޗަށް ހާޒިރުވެފަ އެވެ.

ނިއުކާސަލްގެ ސެއިން ޖޭމްސް ޕާކުގައި ކުޅުނު މި މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ހަވިއޭ މަންކީއޯ ނަގައިދިން ހުރަހަކުން ނިއުކާސަލަށް ލީޑުނަަގައިދިނީ ކަލުމް ވިލްްސަން ބޮލުން ޖެހި ގޯލުންނެވެ.

ޓޮޓެންހަމަށް އެއްވަރުކޮށްދިނީ މެޗުގެ 17 ވަަނަ މިނިޓްގައި ޓަންގީ އެންޑޮމްބެލޭ އެވެ. އޭގެ ފަސް މިނިޓް ފަހުން ހެރީ ކޭން ވަނީ ޓޮޓެންހަމް ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. މިއީ ކޭން މި ފަަހަރު ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

ނިއުކާސަލް ސަޕޯޓަރުން މިރޭގެ މެޗުގެ ތެރެއިން.


މެޗުގެ 40 ވަނަ މިނިޓްގައި ނިއުކާސަލްގެ ސަޕޯޓަރަކު ދަނޑުތެރޭގައި ހާލު ދެރަަވެގެން އިމަޖެންސީކޮށް ފަރުވާދޭން ޖެހުމުން މެޗު މެދުކަނޑާލި އެވެ. ރެފްރީގެ ސަމާލުކަމަށް އެކަން ގެންނަން ޓޮޓެންހަމްގެ ސާޖިއޯ ރެގީއޯން ކުޅުން ހުއްޓާލިއިރު، މެޑިކަލް ޓީމުގެ ކަންކަން އަވަސްކުރުމުގައި ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑަޔާ ވަނީ ހަރަކާތްތެރިވެފަ އެެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ފަހުން ސަޕޯޓަރުގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ވިއްސަކަށް މިނިޓްގެ މެދުކެނޑުމަކަށް ފަހު އަލުން މެޗު ފަށައި ފުރަތަމަ ހާފުގެ ކުޅުން ނިންމާލުމުގެ ކުރިން ސޮން ހެއުން މިން ވަނީ ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ މި ފަހަރު ލީގުގައި އޭނާގެ ހަތަރު ވަނަ ގޯލެވެ.

މެޗުގެ 83 ވަަަނަ މިނިޓްގައި ނިއުކާސަލްގެ ޖޮންޖޯ ޝެލްވީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. ނިއުކާސަލްގެ ކޯޗުގެ މަގާމުގައި ހުރި ސްޓީވް ބްރޫސްގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗުގައި ނިއުކާސަލް އިން ވަނީ ކުޅުންތެރިއަކު މަދުކޮށް ކުޅެ މެޗުގައި ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ޓޮޓެންހަމްގެ ޑަޔާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިރޭގެ މޮޅާ އެކު ޓޮޓެންހަމް ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެެވެ. އެއީ އަށް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސަލް 18 ވަނައިގައި އޮތީ އަށް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.

އެވަޓަން ދަނޑުގައި 1-0 އިން މޮޅުވި ވެސްޓް ހޭމް އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެއީ ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއްވަރަށް އަށް މެޗުން 14 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.