Advertisement

އަގުނުކުުރެވޭ ވަރުގެ ފުރުސަތުތަކެއް އެފްއައިވީބީ އިން ރާއްޖެ އަށް ފަހިވެއްޖެ: ރަނޭ

18 އޮކްޓޯބަރު 2021 - 08:32 0

ރަނޭ (ކ) އާއި އެފްއައިވީބީގެ ރައީސް ގްރާސާ (ވ).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އަގުނުކުުރެވޭ ވަރުގެ ފުރުސަތުތަކެއް އެފްއައިވީބީ އިން ރާއްޖެ އަށް ފަހިވެއްޖެ: ރަނޭ

18 އޮކްޓޯބަރު 2021 - 08:32 0

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ވޮލީބޯޅަ އަށް އަގުނުކުރެވޭ ވަރުގެ ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.

ގްރާސާ، ރާއްޖެ އަށް ކުރެއްވި ދަތުރު ކުރިއަށް ދިޔައީ މި މަހު 11-14 އަށެވެ. މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ އިތުރުން ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް ފަރާތްތަކާ ގްރާސާ ވަނީ ބައްދަލުކޮށްފަ އެވެ.

އެފްއައިވީބީން ވަނީ ރާއްޖޭގައި ބީޗްވޮލީބޯޅަ ކުރިއަރުވަން ދެ އަހަރު ދުވަހުގެ ކޯޗިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައި އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. މިއީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާގެ ފަރާތުން ވޮލީބޯލް އެމްޕަވާމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެެރެއިން ހިންގޭނެ ޕްރޮޖެކްޓް އެކެވެ.

ގްރާސާއާ އެކު ކުޅިވަރުގެ އެކި މުއްސަސާތަކުން ބޭއްވި ބައްދަލުވުންތަކާ ބެހޭގޮތުން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ރަނޭ ވިދާޅުވީ ހަގީގަތުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރެވި އެފްއައިވީބީގެ ތެރެއިން ދިވެހި ވޮލީ އަށް ބޮޑެތި ކަންކަން މުސްތަގުބަލުގައި ހާސިލްކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އަގުނުކުރެވޭ ވަރުގެ ފުރުސަތުތައް މުސްތަގުބަލުގައި ދިވެހި ވޮލީ އަށް އެފްއައިވީބީގެ ތެރެއިން ފަހިވެގެންދާނެ. އެފްއައިވީބީގެ ރައީސް (ގްރާސާ) ވިދާޅުވި ފަސް މަސް ތެރޭގައި އަޅުގަނޑުމެންގެ (ވީއޭއެމް)ގެ މި ލީޑަޝިޕުން ޕްލޭން ކުރި ކަންތައްތައް ރަނގަޅުކަން. އެހެން ގައުމުތަކުން ޕްލޭން ކުރަން ހުރި ކަންތައްތައް އަޅުގަނޑުމެން މި ތިބީ ނިންމާލައިގެންކަން ވެސް ފާހަގަކޮށްފައިވޭ،" ރަނޭ ވިދާޅުވި އެވެ.

"އެފްއައިވީބީގެ ވިސްނުމާ އަޅުގަނޑުމެންގެ ޕްލޭންތައް އެލައިންވޭ. މީގެ ފައިދާ އަކީ މުސްތަގުބަލުގައި ރާއްޖެ އަށް ޓެކްނިކަލް ސަޕޯޓް ބޭނުންވާ ކޮންމެ ކަމެއްގައި ކަހަލަ ގޮތަކަށް އެފްއައިވީބީގެ އެހީތެރިކަން ލިބިގެންދާނެ،"

އެފްއައިވީބީ އާއި ވީއޭއެމް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގުޅިގެން ސަރުކާރުގެ ބައިވެރިވުމާ އެކުގައި ކުރެވޭ މަސައްކަތުން ރާއްޖޭގެ ބީޗްވޮލީ ބޯޅައިގެ މަންޒަރު ބަދަލުކުރެވޭނެ ކަމަށް ގްރާސާ ވަނީ ވިދާޅުވެފަ އެވެ.

ވީއޭއެމްގެ ރައީސް ރަނޭ (ވ) އެއާޕޯޓްގައި ބޭއްވި އިވެންޓްގެ ތެރެއިން އެފްއައިވީބީގެ ރައީސް ގްރާސާއާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ރާއްޖޭގެ ވޮލީ އަށް ފަހިވާނެ ފުރުސަތުތަކަށް ނަޒަރެއް

އެފްއައިވީބީން ރާއްޖޭގެ ވޮލީ އަށް ކޮށްދޭނެ ގިނަ ކަންތައްތަކެއް ވަނީ މަޝްވަރާކޮށްފަ އެވެ. އޭގެ ތެރެއިން އެއްބަސްވުމެއްގައި ސޮއިކުރެވުނީ ބީޗް ވޮލީބޯޅައިގެ ކޯޗިން ތަމްރީން ކުރުމުގެ ދެ އަހަރުގެ ޕްރޮގްރާމެއްގަ އެވެ. ބީޗް ވޮލީބޯޅައިގެ ކަންކަމުގައި ޓްރެއިނިން އަށް އަންނާނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހަތް ކޯޗުންގެ ތެރެއިން ކޯޗެއް ކަމަށް ރަނޭ ވިދާޅުވި އެވެ. އެ ކޯޗެއްގެ ފަރާތުން ޓެކްނިކަލް ސަޕޯޓް ލިބޭނީ ހަަމައެކަނި ބީޗް ވޮލީބޯޅަ އަށް ނޫން ކަމަށާއި އިންޑޯ ޓީމަށް ވެސް ރަނގަޅު ކޯޗަކު ހޯދުމުގައި އޭނާގެ އެހީތެރިކަން ހޯދޭނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ ކޮލިޓީ ކޯޗުންގެ ތެރެއިން ކޯޗެއް ދެ އަހަރު ހުންނައިރު ހަމައެކަނި ބީޗު ވޮލީ އަކަށް ނޫން ފޯކަސް މި އޮތީ. އިންޑޯ މަތިން ހަނދާން ނައްތައެއް ނުލަން. އަޅުގަނޑުމެން އިންޑޯ ޓީމަށް ބޭނުންވާ ކޯޗެއް ހޯދުމާ އެެހެނިހެން ޓެކްނިކަލް ކަންކަމުގައި ވެސް މި ފާހަގަކުރި ކޯޗުގެ އެހީ ހޯދާނަން،" މިދިޔަ އޭޕްރީލް މަހު ވީއޭއެމްގެ ރައީސް ކަމަށް އިންތިހާބުވި ރަނޭ ވިދާޅުވި އެެވެ.

ރަނޭ ވިދާޅުވީ މީގެ އިތުރުން ވެސް މުހިއްމު ކަންކަމުގައި އެފްއައިވީބީގެ ސަޕޯޓް ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.

އެ ގޮތުން ބީޗް ވޮލީބޯލް ޓުއާގެ ތިން ބައިގެ ތެރެއިން ޗެލެންޖާސްގެ ބައި ރާއްޖޭގައި ހޯސްޓް ކުރަން ވަނީ މަޝްވަރާކޮށްފަ އެވެ. ބީޗް ވޮލީބޯޅައިގައި ކުރިއަށްދަނީ ފިއުޗާ، ޗެލެންޖާސް އަދި އެލީޓް 16 އެވެ. މީގެ ތެރެއިން ރާއްޖޭގައި ޗެލެންޖާސްގެ ބައި ކުރިއަށް ގެންދަން މަސައްކަތް ކުރާއިރު، ވައިލްޑްކާޑް އެންޓްރީއެއްގައި ރާއްޖޭގެ ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭނެ އެވެ.

"ވައިލްޑްކާޑްގެ ގޮތުގައި ރާއްޖޭގެ ކުޅުންތެރިން ޗެލެންޖާސްގެ ތެރޭގައި ވާދަކޮށް އެލީޓް 16 އަށް ގޮސްފިކަމުގައި ވާނަމަ އެ ފުރުސަތު ލިބެނީ ދުނިޔޭގެ އެންމެ ޓޮޕްގައި ވާދަކޮށްލަން. މިއީ ހަގީގަތުގައި ދިވެހި ކުޅުންތެރިންނަށް ލިބޭ ބޮޑު ފުރުސަތެއް. އައިއޯއައިޖީ އާއި ސެންޓްރަލް ޒޯން މުބާރާތްތަކުގައި މީގެ ބޭނުން ހިފޭނެ،" ރަނޭ ވިދާޅުވި އެވެ.

"އަންނަ އަހަރުގެ އޮކްޓޫބަރަށް މި ބަަލަނީ ބޭއްވޭތޯ. މި ވަގުތަށް މި އޮތީ ޕްލޭނިން ސްޓޭޖުގައި،"

ގްރާސާއާ އެކު ރާއްޖޭގެ ޔޫތު ކުޅުންތެރިން ޕްރެކްޓިސް ކުރިތަނަށް ގޮސް ކުޅުންތެރިންނާ ބައްދަލު ކުރިއިރު، އޭނާ ވަނީ ޑިވެލޮޕްމަންޓްގެ ކަންކަމަށް އިކުއިޕްމަންޓް ސަޕޯޓް ވެސް ރާއްޖެ އަށް ދޭން ނިންމައިފަ އެވެ.

ރަނޭ ވިދާޅުވީ އެންއޯސީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވެސް ވަނީ ބީޗް ވޮލީ ބޯޅަ އާއި ޖުމްލަކޮށް ވޮލީބޯޅައިގެ ހުރިހާ ކަމެއްގައި ވީއޭއެމް އާއި އެފްއައިވީބީއާ ގުޅިގެން އެއް މިސްރާބެއްގައި ތިބެގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަަމަށެވެ. އަދި މިކަމުގައި ޔޫތު މިނިސްޓްރީގެ ސަޕޯޓް ލިބުމަކީ ހިތްހަމަ ޖެހުމެއްގެ ގޮތުގައި ރަނޭ ފާހަގަކުރެއްވި އެވެ.