Advertisement

މަހަމޫދު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސާލިމް އެއްބަސްވިކަން ފުލުހުން ކަށަވަރެއް ނުކޮށްދޭ

17 އޮކްޓޯބަރު 2021 - 22:51 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


މަހަމޫދު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސާލިމް އެއްބަސްވިކަން ފުލުހުން ކަށަވަރެއް ނުކޮށްދޭ

17 އޮކްޓޯބަރު 2021 - 22:51 0

މަރާލުމަށްފަހު ބޮލާއި ފަޔަށް ގޯންޏެއް ކޮއްޕައި، ފެން ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އދ. ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން ހައްޔަރު ކުރި ބަންގްލަދޭޝްގެ މުހައްމަދު ސާލިމު ކުށަށް އިއުތިރާފުވި ކަމަށް އަޑު ފެތުރުން ނަމަވެސް އެކަން ފުލުހުން ކަށަވަރެއް ނުކޮށްދިނެވެ.

ކުށަށް އިއުތިރާފުމުން އޭނާގެ ދިރިއުޅެމުން އައި ނެދުންގެއަށް ސާލިމު ގެންދިއުމުން ކުށުގެ އަމަލު ހިންގި ގޮތް ކިޔައިދީފައިވާ ކަމަށް ދަނގެތީގެ ބައެއް މީހުން ދަނީ ބުނަމުންނެވެ. މި ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ވެސް ބުނެފައި ވަނީ މަހުމޫދު މަރާލި ގޮތް ފުލުހުންނަށް ސާލިމް ކިޔައިދީފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުންނާ ސުވާލު ކުރުމުން މިހާތަނަށް އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުބުނެ އެވެ.

އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހަވާލުވެގެން އުޅޭ ބަންގްލަދޭޝް އަށް ނިސްބަތްވާ ސާލިމްގެ ބަންދަށް އެ ރަށު ކޯޓުން އޮތީ 15 ދުވަސް ޖަހައިފަ އެވެ.

ސާލިމު ދިރިއުޅުނު ގޭގެ އިތުރުން މަހުމޫދުގެ ހަށިގަނޑު ފެނުނު ފެން ވަޅު ކައިރިއަށް ފުލުހުންގެ ބެލުމުގެ ދަށުން މިއަދު އޭނާ ވަނީ ގެންގޮސްފަ އެވެ.

ތަހުގީގުގެ ތީރު ސާލިމަށް އަމާޒުވީ އަވައްޓެރިއެއްގެ ރިޕޯޓަކުން

އިއްޔެގެ ހެނދުނާ ހަމައަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެ މައްސަލައިގައި ކުރިން ރަށު ރައްޔިތުން ތުހުމަތު ކުރި ތިން މީހުން ވެސް ފުލުހުން ބުނާ ގޮތުން ހައްޔަރުކުރީ އެހެން މައްސަލަތަކެއްގަ އެވެ.

ބަޔަކު ހައްޔަރު ނުކުރާތީ، ތަހުގީގުގެ ދުވެލި ލަސް ކަމަށް ބުނެ ރަށު ތެރޭގައި ނުތަނަވަސްކަން އޮތީ އިތުރުވެފަ އެވެ.

އެހެން ހުއްޓާ، ފުލުހުން އައިސް މަހުމޫދުގެ ހަށިގަނޑު ފެނުނު ވަޅު ހުންނަ ފަޅުގެ ކައިރިން ބޮޑު ސަރަހައްދެއް ކޯޑޮން ކުރި އެވެ. އަދި ޖެހިގެން އޮންނަ މަގުގައި ހުންނަ ސާލިމް ދިރިއުޅޭ ނެދުންގެއަށްވަދެ ބަލައި ފާސްކުރަން ފެށި އެވެ.

އެ ސަރަހައްދުގައި އެއްވެ ތިބި މި ރަށު މީހުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، ފުލުހުން އެ ގެޔަށް އައިސް ވަނީ އަވައްޓެރިއެއްގެ ފަރާތުން ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.

އެ އަވައްޓެރިޔާ ބުނާ ގޮތުން، މަހުމޫދު އެންމެ ފަހުން ފެނުނު ރޭ ނެދުންގެ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑު އިވުނެވެ.

މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ސާލިމް ހައްޔަރު ކުރުމުން ދަނގެތީގެ ބައެއް މީހުން ހައިރާންވި އެވެ. އެއީ އޭނާގެ ފަރާތުން އެފަދަ ކަމަކަށް އަރައިފާނެ ކަމުގެ އެއްވެސް ކަހަލަ ނިޝާނެއް މީގެ ކުރިން ފެނިފައި ނުވުމުންނެވެ. އަދި ސާލިމަކީ ވަރަށް މަޑުމައިތިރި މިޖާޒެއްގެ މީހަކަށް ވުމުންނެވެ.

މަހުމޫދުގެ ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނާ ގޮތުގައި, މަހުމޫދުގެ ފަޔާއި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ. މަރާލުމަށްފަހު ފަޅުގެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ މަހުމޫދުގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ބުރާސްފަތި ދުވަހު މެންދުރު ފަހެވެ.

މަހުމޫދު އެންމެ ފަހުން ފެނުނީ ބުދަ ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭއާ އިންޑިއާ ވާދަކުރި މެޗު ބަލަން އޭނާގެ ކެފޭ ތެރޭ އިންދަ އެވެ.

މަހުމޫދުގެ ހަށިގަނޑު ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުން ސީޓީ ސްކޭންއެއް ހެދުމަށްފަހު، ހަމަ އެ ދުވަހުގެ މެންދުރުފަހު އަނބުރާ ދަނގެއްޗަށް ވަނީ ފޮނުވާފަ އެވެ.

އޭގެ ފަހުން ހުކުރު ދުވަހުގެ އަސުރު ނަމާދަށްފަހު މަހުމޫދުގެ ޖަނާޒާ ވަނީ ދަނގެތީގައި ބާއްވައިފަ އެވެ.