Advertisement

މާޖިދު ވަޒީފާއިން ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި

17 އޮކްޓޯބަރު 2021 - 20:00 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މާޖިދު: ސިވިލް ކޯޓާއި ޓްރައިބިއުނަލް އަދި ހައި ކޯޓުން ވެސް މައްސަލަ ވީ ނާކާމިޔާބު -- ފޮޓޯ: އަދަދު ފައިލް


މާޖިދު ވަޒީފާއިން ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ހައި ކޯޓުން ވެސް ނިންމައިފި

17 އޮކްޓޯބަރު 2021 - 20:00 0

ކުރީގެ ސުޕްރީމް ކޯޓުން ސާކިއުލާއެއްގެ ދަށުން އުފެއްދި ޖުޑީޝަލް އެކަޑަމީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށަށް ގެނެސް އެތަން ހިންގެވުމަށް އިސްކޮށް ހުންނެވި އަހުމަދު މާޖިދު ވަޒީފާއިން ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

ވަޒީފާ ގެއްލުނު މައްސަލަ އެންމެ ފުރަތަމަ މާޖިދު ހުށަހެޅީ ސިވިލް ކޯޓަށެވެ. އެ ކޯޓުން ނިންމީ ވަޒީފާއާ ބެހޭ ފުރަތަމަ މަރުހަލާގެ މައްސަލަތައް އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. ދެން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ނިންމީ ގާނޫނު ބުނާ ތިން މަސް ދުވަހުގެ ތެރޭގައި ހުށަހަޅާފައިނުވާާތީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

މާޖިދު ވަޒީފާއިން ވަކި ކުރި ފަހުން ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހެއްގައި ބުނެފައި ވަނީ ހިންގުމަށް ގެންނަ އިދާރީ ބަދަލެއްގެ ސަބަބުން ވަޒީފާ ގެއްލިއްޖެ ނަމަ އެއީ މީހަކު ވަޒީފާއިން ވަކި ކުރުމަށް އެކަށީގެންވާ އުޒުރެއް ކަމަށް ގާނޫނުގެ ދަށުން ބަލަންޖެހޭ ކަމަށެވެ.

މާޖިދުގެ ފަރާތުން ކޯޓުގައި ބުނީ އެ އިސްލާހު ގެނައީ އޭނާ ވަޒީފާއިން ވަކި ކުރި ފަހުން ކަމަށްވުމުން އެ އިސްލާހުގެ ސަބަބުން އޭނާއަށް އިންސާފު ލިބުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ބުނީ މާޖިދުގެ މައްސަލައިގައި ފަރުވާއެއް ހޯދުމަށް ހުރަސް އެޅުނީ ހަމައެކަނި އެ އިސްލާހުގެ ސަބަބުން ނޫން ކަމަށާއި މައްސަލަ ހުށަހެޅުން ލަސްވުން އެއީ ވެސް އިންސާފަށް ހުރަސް އެޅުނު ސަބަބެއް ކަމަށެވެ.

"ވީމާ، ގާނޫނަށް ގެނެވުނު ބަދަލެއްގެ ސަބަބުން އިންސާފު ނުލިބުނު ކަމަށް ބުނެ އެހިސާބަށް އެވާހަކަ އެގޮތަށް ބަޔާންކުރުން ރަނގަޅެއް ނޫން. އެވާހަކަ ކިޔައިދޭން ވާނީ އަހުމަދު މާޖިދުގެ ފަރާތުން އަދާކުރަންޖެހުނު ޒިންމާ ވެސް އަދާނުކުރެވި އޮތް ހިސާބުން ފެށިގެން. މިމައްސަލައިގައި ގޮތެއް ނިންމުމަށް ހަގީގީ ސާފު މަންޒަރެއް ފެނިގެންދާނީ އޭރުން ކަމުގައި ދެކެން،" އެ ހުކުމުގައި ބުނެފައިވެ އެވެ.

ހައި ކޯޓުން ނިންމީ އެ މައްސަލަ ނުބެލޭނެ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާތިލްކުރާނެ ގާނޫނީ ޖާގައެއް ނެތް ކަމަށެވެ.