Advertisement

އިންޑިއާ ބޯޓުތަކުން މަސް ބާނާތީ ލަންކާ މަސްވެރިން އިހުތިޖާޖުކޮށްފި

18 އޮކްޓޯބަރު 2021 - 06:53 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލަންކާ ސަރަހައްދުގައި އުޅޭ މަސް ބޯޓުތަކެއް.


އިންޑިއާ ބޯޓުތަކުން މަސް ބާނާތީ ލަންކާ މަސްވެރިން އިހުތިޖާޖުކޮށްފި

18 އޮކްޓޯބަރު 2021 - 06:53 0

ކޮލަމްބޯ، ސްރީލަންކާ (އޮކްޓޯބަރު 17) - ސްރީ ލަންކާގެ އުތުރުގެ ސަރަހައްދަށް އިންޑިއާގެ މަސް ބޯޓުތައް ވަންނަ މައްސަލައިގައި ލަންކާ މަސްވެރިންގެ ބޮޑު އިހްތިޖާޖެއް ބާއްވައިފި އެވެ.

ކަޅު ދިދަ ހަރުކޮށް، އިދިކޮޅު ޕާލިމެންޓު މެމްބަރުންނާއެކު ގިނަ އަދަދެއްގެ މަސް ބޯޓުތަކެއް ވަނީ އިރުއުތުރު މުއްލައިޓިވޫ އަވަށާ 100 ކިލޯމީޓަރު ދުރުގައި އޮންނަ ޕޮއިންޓް ޕެޑްރޯ އަށް ދަތުރުކޮށްފަ އެވެ.

"އަޅުގަނޑުމެން ބޯޓުތަކުގައި މި އައީ އިންޑިއާ މަސްވެރިން މި ތަނުން މަސް ބާނާތީ އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރަން،" އިދިކޮޅު ތަމަޅަ ޕާޓީގެ މެމްބަރު އެމްއޭ ސުމަންތިރަން ވިދާޅުވި އެވެ.

"ބޮޓޮމް ޓްރޯލިން" ނުވަތަ ކަނޑުގެ އަޑިން ބޮޑެތި ނެޓުތަކެއް ދަމައިގެން ކުރާ މަސްވެރިކަން ލަންކާގައި މަނާކުރީ 2017 ވަނަ އަހަރު އެވެ. އެއީ ކަނޑުގެ ދިރުމަށް ބޮޑު ގެއްލުމެއް ލިބޭ ކަމެކެވެ.

ތަމަޅަ ޕާޓީން ބުނީ ކަމާ ބެހޭ އިދާރާތަކުން އެކަން ތަންފީޒު ނުކުރާތީ ކަންބޮޑުވާ ކަމަށާއި ލަންކާގެ މަސްވެރި ކޮމިއުނިޓީތަކުގެ ދިފާއުގައި މަސައްކަތް ނުކުރާތީ ހިތްހަމަނުޖެހޭ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ލަންކާ ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ.

އިންޑިއާ އާއި ސްރީ ލަންކާއާ ދެމެދުގައި އޮންނަ ހިމަ "ޕާލްކް ސްޓްރެއިޓް" އަކީ މަސްވެރިކަން ތިޔާގި ހިސާބެކެވެ. އެތަނުގައި ގިނަ އަދަދަކަށް ޖަމްބޯ ޕްރޯންސް އުޅޭ އިރު، އެ ތަނާ ހެދި ދެ ގައުމުގެ މެދުގައި މީގެ ކުރިން ވެސް މައްސަލަ ޖެހިފައި ވެ އެވެ.

ލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު އެ ގައުމުގެ މަސްވެރިންނަށް އެ ތަނަށް ނުކުތުން އޮތީ މަނާކޮށްފަ އެވެ. އެހެންވެ މާޗް 2009 އާ ހަމައަށް އެ ތަނުގެ ބޭނުން ކުރީ ހަމައެކަނި އިންޑިއާ އިންނެވެ.

ނަމަވެސް ލަންކާ މަސްވެރިންނަށް އަލުން ހުއްދަ ދިނުމާ އެކު އިންޑިއާ އިން ގަވާއިދާ ހިލާފަށް އެ ހިސާބަށް ވަންނަ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.

ލަންކާ އިން އަންނަނީ އިންޑިއާގެ ގިނަ އަދަދެއްގެ މަސްވެރިން ހައްޔަރުކޮށް، މަސް ބޯޓުތައް ހިފަހައްޓަމުންނެވެ. ނަމަވެސް އެކަމުން މައްސަލަ އަށް ހައްލެއް ނުލިބެ އެވެ.