Advertisement

ޖީއެމްއާރަށް އެއާޕޯޓް ދިނުން ނަޝީދު ދިފާއު ކުރައްވައިފި

17 އޮކްޓޯބަރު 2021 - 13:47 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ޖީއެމްއާރަށް އެއާޕޯޓް ދިނުން ނަޝީދު ދިފާއު ކުރައްވައިފި

17 އޮކްޓޯބަރު 2021 - 13:47 0

އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދިނުމުގެ ދިފާއުގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވެސް ނުކުންނަވައިފި އެވެ.

ޖީއެމްއާރްއާ އެއާޕޯޓް ހިންގަން ހަވާލުކުރީ މިހާރު ވެސް ވެރިކަމުގައި އޮތް އެމްޑީޕީ އިސްވެ 2008 ވަނަ އަހަރެވެ.

އެކަމަކު ނަޝީދުގެ ވެރިކަން ވެއްޓުމުން، ނައިބު ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެ ޖީއެމްއާރް ބޭރުކުރީ އެވެ. އެކަމަށް އެންމެ ބޮޑަށް ބާރު އެޅީ ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނުކުތް ޕީޕީއެމް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީންނެވެ.

ދިވެހިންގެ ހަރުމުދާ ބޭރު މީހުންނަށް ވިއްކަނީ ކަމަށް ބުނެ ނަޝީދުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅުން އޭރު ނުކުތީ ވެސް ޖީއެމްއާރް އަށް އެއާޕޯޓް ދިނުން ސަބަބަކަށް ދެއްކުމަށް ފަހު އެވެ.

ޖީއެމްއާރަށް އެއާޕޯޓު ދިނުމުގެ ވާހަކަ އަނެއްކާވެސް ފެންމަތިވެގެން އުޅެނީ އޭރު ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި މަރިޔަމް ޒުލްފާ ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިނުމާ ދެކޮޅަށް ކްލަބްހައުސް ފޯރަމެއްގައި ވާހަކަދައްކަވަމުން ޒުލްފާ ވިދާޅުވީ އެކަމާ ގުޅޭގޮތުން ނަޝީދާ ސުވާލުކުރެއްވުމުން އެނގުނީ އެފަދަ "ފީކަޅާ އެގްރިމެންޓެއް" ހެދީ އެވަގުތު 78 މިލިއަން ޑޮލަރު ސަރުކާރަށް ބޭނުންވުމުން ކަމަށް އެނގިވަޑައިގެންނެވި ކަމަށެވެ.

ޒުލްފާގެ ތުހުމަތުތަކަށް ރައްދު ދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ސޯޝަލް މީޑިޔާގައި ބަޔާނެއް ވެސް ނެރުއްވައިފަ އެވެ.

އެ ބަޔާނުގައި އަމީރު ވިދާޅުވީ ޖީއެމްއާރްއާ އެކު ކުރިއަށް ދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް ހަތް އަހަރު ވެގެން ދިޔަ އިރު ވެސް އަދިވެސް ދަނީ ކުރަމުން ކަމަށެވެ.

އަދި އެ ކުންފުންޏާ އެކު ކުރިއަށް ގޮސް 2014 ގައި ނިމުނު ނަމަ ކޮވިޑާ ހަމަޔަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ޓޫރިސްޓުން ގެނެވުނީސް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމް އާމްދަނީ އިން ރާއްޖެ އަށް ގެއްލިގެން ދިޔަ 12.3 ބިލިއަން ޑޮލަރު. މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތައް. މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރުގެ ބަޔާނާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުލެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް 2010 ވަނަ އަހަރު ވާލްޑް ބޭންކްގެ އެހީގައި ޓެންޑާކޮށް ކާމިޔާބުކުރި ޖީއެމްއާރާ ހަވާލުކުރެވުނީ ރާއްޖޭގެ އިގުތިސޯދު ދެ ގުނަ ކުރުމުގެ ނިޔަތުގައި ކަމަށެވެ.

"އޭރު ވެސް މިހާރު ވެސް މާހިރުން ބުނަމުން ދިޔައީ، ޓާމިނަލް ބޮޑުކޮށް އަލުން ބިނާކުރުމަށް ކަމަށް،" މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަހީދަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެއާޕޯޓުގައި އާ ރަންވޭ އެއް ތަރައްގީކޮށްފަ އެވެ. އެކަމަކު ސީޕްލޭން ޓާމިނަލާ ދިމާލުން ޖާގަ ހުސް ނުވާތީ އެ ރަންވޭ ބޭނުންކުރެވޭ ގޮތެއް އަދި ނުވެ އެވެ. އެ ރަންވޭ ހުޅުވުމާ އެކު މިހާރުގެ ރަންވޭ، ޓެކްސީވޭ އަކަށް ބަދަލުކޮށް އެއާޕޯޓުގެ ޓްރެފިކަށް ހެޔޮ ބަދަލެއް ގެނެވޭނެ އެވެ.

ކުރީ ސަރުކާރުން ފެށި އާ ޓާމިނަލް ޕްރޮޖެކްޓް ވެސް އަދި ނުނިމެ އެވެ. އެކަށީގެންވާ ޓާމިނަލެއް ނެތުމުގެ ސަބަބުން ރާއްޖެ އަށް ގެނެވޭ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ގޮންޖެހުންތައް ބޮޑެވެ. އަދި ބާރު ބޮޑުވާ ދުވަސްވަރު ހިދުމަތް ދިނުން ލަސްވެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އެހެން ލެވެލަކަށް ގެންދިއުމަށް މިހާރު އޮތް ހުރަހަކީ އެއާޕޯޓެވެ.

އިންޑިއާގެ މަލްޓިނޭޝަނަލް ކުންފުނި ޖީއެމްއާރް އިން ތިން އެއާޕޯޓެއް އޮޕަރޭޓްކުރެ އެވެ. އެއީ އިންޑިއާގެ ނިއު ދިއްލީ އެއާޕޯޓާއި ހައިދަރްއާބާދު އެއާޕޯޓް އަދި ފިލިޕީންސްގެ އެއާޕޯޓެކެވެ. އަދި އިތުރު ދެ އެއާޕޯޓެއް އަންނަނީ ތަރައްގީކުރަމުންނެވެ.