Advertisement

ޑިމެންޝިއާ އިން ސަލާމަތްވާން 81 އަހަރުގެ ޖަޕާނު މީހަކު ސްކޭޓް ކުރަނީ

18 އޮކްޓޯބަރު 2021 - 07:44 0

ޔޯޝިއޯ ކިނޯޝިތާ ސްކޭޓްކުރަނީ


ޑިމެންޝިއާ އިން ސަލާމަތްވާން 81 އަހަރުގެ ޖަޕާނު މީހަކު ސްކޭޓް ކުރަނީ

18 އޮކްޓޯބަރު 2021 - 07:44 0

ޖަޕާނަށް އުފަން 81 އަހަރުގެ ޔޯޝިއޯ ކިނޯޝިތާ އަކީ، އުމުރުން ކިތަންމެ ގިނަ ދުވަހެއް ވިޔަސް އާ ހުނަރެއް ދަސްކުރަން މީހަކު މުސްކުޅި ނުވާނެ ކަމުގެ ހެއްކެކެވެ.

ކޮންމެ ދުވަހަކު ހެނދުނު ޔޯޝިއޯ އޭނާ ދިރިއުޅޭ އޮސާކާ ސިޓީގެ ލޯކަލް ސްކޭޓް ޕާކަށް ސްކޭޓްކުރަން ދެ އެވެ. ރޭމްޕު މަތީގައި ދުއްވަމުން ސްކޭޓިންގެ ކުދި އުކުޅުތައް އެތަނަށް ދާ ޒުވާން ކުދިންގެ ކައިރިން އަހައިގެން އޮޅުންފިލުވައިގެން އެ ޓްރިކްތައް އޭނާ ދަސްކުރެ އެވެ. ޔޯޝިއޯ ސްކޭޓް ކުރާތާ މިހާރު ދެ އަހަރު ވީ އެވެ. އޭނާ ގަބޫލުކުރަނީ ސްކޭޓިން އަކީ އުމުރުން ދުވަސްވާ ގިނަ މިހުންނަށް ޖެހޭ ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލި އޭނާ އަށް ނުޖެހި ގިނަ ދުވަހަށް ބަލިން އޭނާ ރައްކާތެރިކޮށްދޭނެ ކުޅިވަރެކެވެ.

"ފުރަތަމަ އަހަރެން ސްކޭޓު ކުރަން ފަށައިގަތީ ރެއިލިން ގައި ހިފަހައްޓައިގެން ހުރެ. ރަނގަޅަށް ބެލެންސް ކުރަން ދަސްކޮށްގެން ސަޕޯޓެއް ނެތި ބޯޑަށް އަރަން ފެށީ،" 180 ޑިގްރީ ޓާންސް ނަގަން ވެސް މިހާރު ފަރިތަ ޔޯޝިއޯ ބުނެފައިވެ އެވެ.

ދުވަސްވީ މީހުންގެ އާބާދީ މުޅި ދުނިޔެއިން ވެސް އެންމެ ގިނަ، ޖަޕާނުން ލަފާކޮށްފައިވާ ގޮތުން 2050 ވަނަ އަހަރާ ހަމައަށް ދާއިރު އެގައުމުގެ އާބާދީގެ 35 ޕަސެންޓް ހިއްސާކުރާނީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އެހެންވެ، ދުވަސްވީ މީހުންގެ ސިއްހަތުގެ ދުޅަހެޔޮ ކަމަށް މިހާރުވެސް ޖަޕާނުގައި ބޮޑު އިސްކަމެއް ދެ އެވެ.

އުމުރުން 81 އަހަރު ވެފައިވާ ޔޯޝިއޯ ގަބޫލުކުރާ ގޮތުގައި ސްކޭޓްކުރުމަކީ އޭނާ ފަދަ ދުވަސްވީ މީހަކަށް ހަނދާން ގަދަކުރަން އެންމެ ރަނގަޅު އެއް ކުޅިވަރެވެ.

"ސްކޭޓް ކުރުމަކީ ޓެންޝަން ބޮޑު ކުޅިވަރެއް. ބޯޑު ދުއްވާ އިރު ފޯކަސް ކަޓައިގެނެއް ނުދާނެ. އެހެންވީމަ އަހަރެން ގަބޫލުކުރަނީ، ސްކޭޓް ކުރުމަކީ ވިސްނުމުގެ ބާރު ގަދަކޮށްދޭނެ ކަހަލަ ކުޅިވަރެއް ކަމަށް،" ޔޮޝިއޯ ބުންޏެވެ.

އޭނާ ބުނީ، އޭނާ ހެން މުސްކުޅި އުމުރުގެ މީހުންނަށް ސިކުނޑީގެ ބާރު ގަދަކުރަން ކުރެވޭނެ އެންމެ ފައިދާހުރި ކަމަކަށް ވާނީ އާ ކަންކަން ދަސްކުރަން އުޅުން ކަމަށެވެ. އެއީ ސްކޭޓް ބޯޑު ދުއްވުން ނޫން ކަމަށް ވިޔަސް، ސިކުނޑި އަށް ކޮންމެ ދުވަހަކު ވެސް ކަސްރަތު ލިބޭ ކަހަލަ ކަންކަން ނުކުރާނަމަ މަޑުމަޑުން ހުރިހާ ކަމެއް ހަނދާން ނެތެމުން ދާނެ ކަމަށެވެ. އެންމެ ދުވަހެއް ވެސް ވައްޓާނުލައި އޭނާ ސްކޭޓް ބޯޑު ދުއްވަނީ ކޮންމެ ދުވަހަކު ވެސް ދަސްކުރުމުގައި ދެމިހުނަން ކަމަށް ޔޯޝިއޯ ބުނެފައި ވެ އެވެ.