Advertisement

މަހުމޫދުގެ މަރު: ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް

17 އޮކްޓޯބަރު 2021 - 12:04 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކުރި ސާލިމް ދިރިއުޅޭ ގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. -ފޮޓޯ: އަމަން ހަލީމް/ އަދަދު


މަހުމޫދުގެ މަރު: ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް

17 އޮކްޓޯބަރު 2021 - 12:04 0

އދ. ދަނގެތީގެ ފަޅު ގެޔެއްގެ ތެރޭ ހުރި ވަޅެއްގެ ތެރެއިން އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފި އެވެ.

އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހަވާލުވެގެން އުޅޭ ބަންގްލަދޭޝް އަށް ނިސްބަތްވާ ސާލިމް ހައްޔަރުކުރީ އިއްޔެގެ މެންދުރުފަހެވެ.

އޭނާ ބަންދުގެ މުއްދަތު އިތުރުކުރަން އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން، 15 ދުވަސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ދަނގެތި ސިއްސުވާލި ގަތުލެއް

މަހުމޫދު މަރާލުމަށް ފަހު ދަނގެތީގެ ފަޅުގެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ މަހުމޫދުގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ބުރާސްފަތި ދުވަހުގެ 14:00 އާއި 15:00 އަ ދެމެދުގެ ވަގުތެއްގަ އެވެ.

ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނާ ގޮތުގައި, މަހުމޫދުގެ ފަޔާއި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ. އަދި ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ވެސް ހުއްޓެވެ.

އެ ސަރަހައްދުގައި އެ ވަޅި އާއި ދަގަނޑު ބުރިއެއް ވެސް އޮތެވެ.

މަހުމޫދު އެންމެ ފަހުން ފެނުނީ ބުދަ ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭއާ އިންޑިއާ ވާދަކުރި މެޗު ބަލަން އޭނާގެ ކެފޭ ތެރޭ އިންދަ އެވެ.

މަހުމޫދުގެ ހަށިގަނޑު ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުން ސީޓީ ސްކޭންއެއް ހެދުމަށްފަހު، ހަމަ އެ ދުވަހުގެ މެންދުރުފަހު އަނބުރާ ދަނގެއްޗަށް ވަނީ ފޮނުވާފަ އެވެ.

އޭގެ ފަހުން ހުކުރު ދުވަހުގެ އަސުރު ނަމާދަށްފަހު މަހުމޫދުގެ ޖަނާޒާ ވަނީ ދަނގެތީގައި ބާއްވައިފަ އެވެ.

ތަހުގީގުގެ ތީރު ސާލިމަށް އަމާޒުވީ އަވައްޓެރިއެއްގެ ރިޕޯޓަކުން

އެ ހާދިސާއަށްފަހު އިއްޔެގެ ހެނދުނާ ހަމައަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ރަށު ރައްޔިތުން ތުހުމަތު ކުރި ތިން މީހުން ވެސް ފުލުހުން ބުނާ ގޮތުން ހައްޔަރުކުރީ އެހެން މައްސަލައެއްގަ އެވެ.

ބަޔަކު ހައްޔަރު ނުކުރާތީ، ތަހުގީގުގެ ދުވެލި ލަސްކަމަށް ބުނެ ރަށު ތެރޭގައި ނުތަނަވަސްކަން އޮތީ އިތުރުވެފަ އެވެ.

އެހެން ހުއްޓާ، ފުލުހުން އައިސް މަހުމޫދުގެ ހަށިގަނޑު ފެނުނު ވަޅު ހުންނަ ފަޅުގެ ކައިރިން ބޮޑު ސަރަހައްދެއް ކޯޑޮން ކުރި އެވެ. އަދި ސާލިމް ޖެހިގެން އޮންނަ މަގުގައި ހުންނަ ސާލިމް ދިރިއުޅޭ ނެދުންގެ ކިޔާ ގެޔަކަށްވަދެ ބަލާ ފާސްކުރަން ފެށި އެވެ.

އެ ސަރަހައްދުގައި އެއްވެ ތިބި މި ރަށު މީހުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، ފުލުހުން އެ ގެޔަށް އައިސް ވަނީ އަވައްޓެރިއެއްގެ ފަރާތުން ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.

އެ އަވައްޓެރިޔާ ބުނާ ގޮތުން، މަހުމޫދު އެންމެ ފަހުން ފެނުނު ރޭ ނެދުންގެ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑު އިވުނެވެ.

އެ ވަގުތު އޭނާ ފާރުމަތިން ބޯދިއްކޮށްލިއިރު، އެ ގޭގައި އުޅޭ ބިދޭސީ ކޮންމެވެސް އެއްޗެއް ދަމާފައި ދިޔަހެން އޭނާއަށް ހީވީކަމަށް މި މަންޒަރު ފެނުނު މީހާއާ ހަވާލާދީ އެ ތަނުގައި ތިބި މީހުންގެ ފަރާތުން މައުލޫމާތު ލިބުނެވެ.