Advertisement

ޗައިނާގެ ޖައްވީ ގާބިލްކަން އިތުރު ކުރަން ހައިޕަސޮނިކް މިސައިލެއް ޓެސްޓުކޮށްފި

17 އޮކްޓޯބަރު 2021 - 09:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާ އިން ޖައްވަށް ފޮނުވި ރޮކެޓެއް.


ޗައިނާގެ ޖައްވީ ގާބިލްކަން އިތުރު ކުރަން ހައިޕަސޮނިކް މިސައިލެއް ޓެސްޓުކޮށްފި

17 އޮކްޓޯބަރު 2021 - 09:42 0

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 17) - ޗައިނާގެ ޖައްވީ ގާބިލްކަން އިތުރު ކުރަން ހައިޕަސޮނިކް މިސައިލެއް ޓެސްޓުކޮށްފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ބުނެފި އެވެ.

ގިނަ މަސްދަރުތަކާ ހަވާލަދީ އެ ނޫހުން ބުނީ މިދިޔަ އޯގަސްޓު މަހު ޗައިނާ އިން ޓެސްޓު ކުރި ނިޔުކްލިއާ މިސައިލް ދުނިޔެ ވަށާ ބުރެއް ޖެހުމަށް ފަހު ތިރިވީ ޓާގެޓާ 20 މޭލު ދުރަށް ކަމަށެވެ.

އެ ނޫހުން ބުނީ ހައިޕަސޮނިކް ގްލައިޑް މިސައިލް ޖައްވަށް ގެންދިޔެއީ ލޯންގް މާޗް ރޮކެޓެއްގައި ކަމަށެވެ. އާއްމުކޮށް އެފަދަ ރޮކެޓު ޖައްވަށް ދަތުރު ކުރާ ނަމަ ޗައިނާ އިން އެކަން އިއުލާނުކުރެ އެވެ. ނަމަވެސް އޯގަސްޓު މަހު އެކަން ހާމަކޮށްފައެއް ނުވެ އެވެ.

ފައިނޭންޝަލް ޓައިމްސް އިން ބުނީ ހައިޕަސޮނިކް ހަތިޔާރުތަކުގައި ޗައިނާ އިން ކުރި ހޯދަމުންދާ ސްޕީޑް ފެނިފައި އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ލިބުނީ ހައިރާން ކަމެއް ކަމަށެވެ.

ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ އެންމެ ފަހުން ޗައިނާ އިން ޓެސްޓު ކުރި މިސައިލާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި ޗައިނާގެ އަސްކަރީ ބާރު ވަރުގަދަ ކުރުމާ މެދު އެމެރިކާ އިން ދެކޭ ގޮތް މީގެ ކުރިން ވެސް ހާމަކޮށްފައި ވާނެ ކަމަށެވެ.

ޗައިނާއާ އެކު އެމެރިކާ، ރަޝިއާ އަދި އިތުރު ފަސް ގައުމަކުން އަންނަނީ ހައިޕަސޮނިކް ޓެކްނޮލޮޖީ ފުޅާކުރަމުންނެވެ.

ހައިޕަސޮނިކް މިސައިލަކީ އާދައިގެ ބެލިސްޓިކް މިސައިލް ގޮތަށް ނިޔުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ. ނަމަވެސް ހައިޕަސޮނިކް މިސައިލް ދަތުރު ކުރާނީ އަޑު ދަތުރު ކުރާ މިންވަރަށް ވުރެ ފަސް ގުނަ އަވަހަށެވެ.

ބެލިސްޓިކް މިސައިލް ޓާގެޓާ ހަމައަށް ދިޔުމަށް ވަރަށް އުހަށް ދަތުރު ކުރަން ޖެހެ އެވެ. އެއާ ހިލާފަށް ހައިޕަސޮނިކް މިސައިލް ދަތުރު ކުރާނީ އެޓްމޮސްފިއާގެ ތިރި ހިސާބަކުންނެވެ. އަދި ބެލިސްޓިކް މިސައިލަށް ވުރެ އަވަހަށް ޓާގެޓާ ހަމައަށް ދެވޭނެ އެވެ.

އޭގެ އިތުރުން ހައިޕަސޮނިކް މިސައިލަކީ ޓްރެކްކޮށް، އެއާ ދެކޮޅަށް ދިފާއު ވާން އުނދަގޫ ހަތިޔާރެކެވެ.

ކްރޫޒް އާއި ބެލިސްޓިކް މިސައިލާ ދެކޮޅަށް ދިފާއު ވާން އެމެރިކާ ފަދަ ގައުމުތަކުން ސިސްޓަމްތައް ފަރުމާކޮށްފައި ވާއިރު، ހައިޕަސޮނިކް މިސައިލަކާ ދެކޮޅަށް ދިފާއުވެވޭ ސިސްޓަމެއް ހުރި ކަމެއް އަދި ސާފެއް ނޫނެވެ.

ހައިޕަސޮނިކް އަދި އެހެން ޓެކްނޮލޮޖީތަކުން އެމެރިކާ އިން ކުރި ހޯދަމުންދާ މަންޒަރު ފެނި، ޗައިނާ އިން ވެސް އަންނަނީ އެއާ އެއް ވަރަށް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.