Advertisement

މާބަނޑުއިރު މަސްތުވުން: ދަރިފުޅުގައިގައި އަޅާ ވޭން އިހުސާސްކޮށްލަން ދަތި!

އަލަށް ވިހެއި ކުއްޖަކު ފެންނަ ފޮޓޯގަނޑެއް: ބަނޑުބޮޑު އިރު ވެސް މަސްތުވެފަ ހުރި ގާތްގަނޑަކަށް 15 ވަރަކަށް މީހުން އައިޖީއެމްއެޗުގައި ކޮންމެ އަހަރަކު ވެސް ވިހާ -- ފޮޓޯ: އަބްދުﷲ ޝަފީއު


މާބަނޑުއިރު މަސްތުވުން: ދަރިފުޅުގައިގައި އަޅާ ވޭން އިހުސާސްކޮށްލަން ދަތި!

17 އޮކްޓޯބަރު 2021 - 09:34 0

ފާތިމަތު ސާޔާ އަހުމަދު
ހަސަން މުހައްމަދު

ފާތިމަތު ސާޔާ އަހުމަދު

އަދި

ހަސަން މުހައްމަދު

ހުއްޓުމެއް ނެތި ޒަޔާން ރޯތާ މިހާރު އިރުތަކެއްވެއްޖެ އެވެ. ސަރުކާރު ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި ބާއްވާފައި އޮތް، އެންމެ އަށް ދުވަހުގެ އެ ކުއްޖާ އެ އޮތީ، ތުރުތުރު އަޅައަޅަ އެވެ. ނަރުސް ދަމަމުން އައި ބޭސް ގާޑިޔާގެ އަޑު ތޮރުފާލާފައި ކަންފަތާ ހަމައަށް އިވެނީ ޒަޔާންގެ ތޫލި ރުއިމުގެ އަޑެވެ.

ޒަޔާންގެ ރުއިމުގެ އަޑުގައި ހިތާމައެއްވާކަން އެ އަޑު އިވޭ ކޮންމެ އިންސާނަކަށް ވެސް އިހުސާސްވާނެ އެވެ. ލިބޭ އުނދަގުލެއްގެ ސަބަބުން އެ ކުއްޖާގެ ހިތާއި ހަށިގަނޑަށް އަސަރު ކުރަމުންދާކަން މަންޒަރު ފެންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ.

ޒަޔާންގެ އެނދު ކައިރިއަށް ގާޑިޔާ ހުއްޓުމަށްފަހު ބިއްލޫރި ފުޅިއެއްގައި ހުރި ބޭހެއް، އާންމުކޮށް ފެންނަ ސައިޒަށްވުރެ ފަލަ އަދި ބޮޑުކޮށް އޮތް ސިރިންޖަކަށް ނަރުސް ދަމައިލި އެވެ. އިންޖެކްޝަން ޖެހުމަށް ޒަޔާންގެ އަތަށް ލައްވާފައި އޮތް ކެނިއުލާގެ ތެރެއަށް ސިރިންޖު ފިއްތާލުމާއެކު އެ ކުއްޖާގެ ރުއިމުގެ އަޑު ކެނޑި، ކަޅި ހުއްޓި، ދެ ލޯ ބޮޑުވި އެވެ.

ދެން، ހިމޭންކަމެވެ. ޒަޔާންގެ މަންމައަކީ މަސްތުވާތަކެތި ބޭނުން ކުރާ ދެއްވެކެވެ. އޭނާގެ ބަނޑުގައި ޒަޔާން ގަރުބަގަތީއްސުރެ، ވިހެއުމާ ހަމައަށް، އެ ކުއްޖާގެ މަންމަ އައީ މަސްތުވަމުންނެވެ. ޒަޔާންއަށް މިހާރު އެ ވާ އުނދަގުލަކީ ގިނަ ދުވަހު ހަށިގަނޑަށް މަސްތުވާތަކެތި ލިބުމަށްފަހު ކުއްލިއަކަށް ހުއްޓުމުން ލިބޭ އުނދަގުލެވެ.

"ވަރަށް އުނދަގޫވޭ ބަލަން. ފެނިފައި ހުރީ ޑްރަގްސް ނަގާ މީހުން އުޅޭ ގޮތް. ހަމަ އެހެން ވަނީ. އެ މީހުން ތިބޭތާ މިހެން ގުދަށް ވެއްޓިފައި، އެ ގޮތަށް ވެސް. ބައެއް ފަހަރު މީނަ އޮންނާނެ އެހެން ހުއްޓިފަ،" ވިހެއި ގޮތަށް ޒަޔާން ދޫކޮށްލާފައި ދިޔުމުން އެ ކުއްޖާ ފޮސްޓާ ކުރި ސާނިޔާ ކިޔައިދިނެވެ.

މީގެ 44 އަހަރު ކުރިން، މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު މި ރާއްޖެއިން ހައްޔަރު ކުރިއިރު، އެއީ ދިވެހި އާއިލާތައް ބިކަކޮށްލާ، ގައުމެއްގެ ގޮތުގައި، ދިވެހިރާއްޖެ ކުރިއަށްދިޔުމަށް އޮތް އެންމެ ބޮޑު ހުރަހަށްވެދާނެކަން އެކަގު ވެސް ހިތަކަށް ނާރަ އެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7،496 މީހުން އުޅޭ ކަމަށް އެކުވެރި ދައުލަތްތަކުގެ ކުށްކުށާއި މަސްތުވާތަކެއްޗާ ބެހޭ އޮފީހުން 2011 ވަނަ އަހަރު ކުރިއަށްގެންދިޔަ ސާވޭއަކުން އޮތީ ހޯދާފަ އެވެ.

މަސްތުވާތަކެތި ބޭނުން ކުރާ އަންހެނުންގެ މިންވަރު އެ ދިރާސާއިން ދަނެގަނެވިފައެއްނުވެ އެވެ. ނަމަވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހޭ އަންހެނުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ގިނަކަން އެތައް ގޮތަކުން އެނގެ އެވެ. އަދި މަޔަކު، މަސްތުވާތަކެތީގެ ވަބާގައި ޖެހުމުން، އޭނާއަށް އަދި އޭނާގެ ދަރިންނަށް ލިބޭ ގެއްލުން އަމުދުން ބޮޑުކަން އެނގެ އެވެ.

އައިޖީއެމްއެޗުގައި ކޮންމެ އަހަރަކު ވެސް މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބޭ ގާތްގަނޑަކަށް 15 ވަރަކަށް މީހުން ވިހަ އެވެ. މި އަންހެނުންނަކީ ދެވި ހިފާފައިވާލެއް ބޮޑުކަމުން، މާބަނޑުވުމުން ވެސް މަސްތުވުން ނުހުއްޓުނު މީހުންނެވެ. ގިނަ ފަހަރު މި މީހުން އުޅެނީ ކައިވެނިކޮށްގެނެއް ނޫނެވެ. އަދި ވަރަށް ގިނަ ފަހަރު އެ މީހުން ވިހެއުމަށް ފަހު ދަރިފުޅު ހޮސްޕިޓަލަށް ދޫކޮށްލާފައި ދަނީ އެވެ.

ޒަޔާންއަކީ އޭގެ ހަމަ އެންމެ މިސާލެކެވެ.

މަސްތުވަމުން މާބަނޑުވުން

ޑރ. އަހުމަދު ފައިސަލްއަކީ ރާއްޖޭގައި ވިހާ ވަރަށް ގިނަ ކުދިންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެއްވާ ބޭފުޅެކެވެ. ފައިސަލްގެ ވަޒީފާގައި އޭނާއަށް އެކި ކަހަލަ ކުދިންނާ ބައްދަލުވެ އެވެ. ސިއްހަތު ރަނގަޅު ކުދިންނާއި ބަލި ކުދިންނެވެ. ބަރުދަން ބަރު ކުދިންނާއި ހިކި، އަނަރޫފަކޮށް ތިބޭ ކުދިންނެވެ. އެކަމަކު، އޭނާގެ ހާއްސަ ސަމާލުކަމެއް އަބަދުވެސް ހުއްޓެނީ، ޒަޔާން ފަދަ ކުދިން ތަހައްމަލް ކުރަންޖެހޭ ހާލަތު ފެނުމުންނެވެ.

ޑޮކްޓަރީ ބަހުރުވައިން ޒަޔާން ފަދަ ކުދިންނަށް ދިމާވެފައިވާ ހާލަތަށް ކިޔަނީ ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމް (ނާސް) އެވެ. މަންމަގެ ރަހިމުގައި ކުއްޖާ އޮންނައިރު ޕްލެސެންޓާ ނުވަތަ މަސް މެދުވެރިކޮށް މަންމަ ކައިބޮއި އުޅޭ ތަކެތި ދަރިފުޅަށް ވެސް ލިބެ އެވެ. އެހެންކަމުން މަސްތުވާއެއްޗެއް ބޭނުން ކުރި ނަމަވެސް އެއިން ބައެއް ކުއްޖާއަށް ލިބޭނެ އެވެ. ނަމަވެސް ވިހެއުމުން މިބައި އެއްކޮށް، ހުއްޓޭނެ އެވެ. އެކަމަކު ހުއްޓޭއިރު، ދަރިފުޅު ވެސް ހުންނަނީ އެއަށް ދެވި ހިފައިފަ އެވެ.

"މިކަހަލަ ކުދިން ވަރަށް ގިނައިން ރޯނެ. އާންމުކޮށް ކުޑަކުދިން ރޯ ގޮތަކަށް ނޫން މި ކުދިން ރޯނީކީ. ވަރަށް ތޫލި، އަޑަކުން މެދުކެނޑުމެއްނެތި ރޯނެ. ވިތުޑްރޯވަލްސް ސިމްޓަމްސް އަސްލު އެ ފެންނަނީ. ސިކުވުން ދޯ އާންމުކޮށް ދިވެހިން އެއަށް ކިޔަނީ. ވަރަށް ގަދަޔަށް ރޯނެ. ހަމަ ރޮއިރޮއިފަ ކުއްލިއަކަށް ނިދާ ވެސް ފާނެ. އެއީ ހަގީގަތުގައި ޑްރަގްގެ އިފެކްޓް،" މަސްތުވާ މައިންގެ ދަރިންނަށް ޖެހޭ ހާލަތު ކިޔައިދެވޭތޯ ޑރ. ފައިސަލް މަސައްކަތް ކުރެއްވި އެވެ.

ދިވެހިރާއްޖޭގައި މާބަނޑުވާ މީހުންނަކީ އާންމުކޮށް ވަރަށް ގިނައިން ޑޮކްޓަރަށް ދައްކާ ބަޔެކެވެ. ރާއްޖޭގެ ގިނަ އަންހެނުންނަކީ މާބަނޑުވެ، ޑޮކްޓަރަށް ފުރަތަމަ ދައްކާ ދުވަހު ދޭ ފިޔާތޮށި ކުލައިގެ އެންޓިނޭޓަލް ކާޑު ބަރާބަރަށް ފުރާ މީހުން ކަމުގައި ޑޮކްޓަރުން ބުނެ އެވެ. އެހެންކަމުން މައިމީހާ އަދި ދަރިފުޅުގެ ސިއްހަތު ވެސް އާންމުންކޮށް ރަނގަޅު ކަމަށް، ކަން އިނގޭ މީހުން ބުނެ އެވެ. އެކަމަކު މަސްތުވާތަކެތި ބޭނުން ކުރާ މީހާގެ ދިރިއުޅުން މިއާ ހިލާފެވެ.

"ރާއްޖޭގައި ވަރަށް ގިނައިން ބަނޑުބޮޑު މީހުން ޑޮކްޓަރަށް ދައްކާނެ. އެކަމަކު މަސްތުވާތަކެތި ބޭނުން ކުރާ މީހުން ގިނަ ފަހަރު ޑޮކްޓަރަކަށް ނުދައްކާ. ވަރަށް މަދު ބަޔަކު ޑޮކްޓަރަށް ދެއްކި ނަމަވެސް ދައްކަނީ. އެމީހުންގެ ހެލްތު ވަރަށް ދެރަ. އެއީ ޕްރީނޭޓަލް ކެއާއެއް ނުލިބޭ އަސްލު. އެހެންވީމަ ގިނަ ފަހަރަށް މަންމައަށް ބޭނުންވާ ނިއުޓްރިޝަންއާ މަންމަގެ ބަލްޑް ޕްރެޝާ ކޮންޓްރޯލް ކުރުމާއި ހަކުރު ކޮންޓްރޯލް ކުރުން ފަދަ ކަންކަން ރަނގަޅަށް ބެލެހެއްޓިފައެއް ނެތް. އަދި ޓެޓްނަސް އިންޖެކްޝަން ވެސް ނުޖަހާ،" ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި އެވެ.

މިފަދަ މީހުން ވިހާނެ ތަނެއް އެ މީހުން ކުރިން ރާވާފައެއް ނޯވެ އެވެ. ގިނަ ފަހަރު، ވިހެއުމުގެ ކަންތައް ފެށިފައި ހުންނަނީ ވެސް ގޯސް ފާލަކުންނެވެ.

"ހަމައެކަނި ދަރިފުޅެއް ނޫން، މަންމަގެ ސިއްހަތު ވެސް ނުރައްކަލެއްގައި އޮންނަނީ. އަދި ވިހެއުމުގެ ކަންކަން ޕްލޭން ކުރުމެއް ވެސް ނޯވޭ. ގޭގައި ދަރިފުޅު ވިހައިގެން ވެސް އެބަ އާދޭ. އެއީ މަންމައަށް ވެސް އަދި ދަރިފުޅަށް ވެސް އޮތް ނުރައްކަލެއް. އެކަހަލަ ގޮތަކަށް ގިނަފަހަރު ޑެލިވަރީ ނުވަތަ ވިހަން ފެށިފައި ހުންނަނީ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ކުޑަދަރިފުޅު މަސްތުން ސަލާމަތް ކުރުން

މަސްތުވާތަކެތި ބޭނުން ކުރާ މީހަކު ވިހާ ކުއްޖާގެ ލޭގައި ވެސް އޭގެ އަސަރު ހުރެ އެވެ. އަދި މަސްތުވުމުން ހަށިގަނޑަށް ކުރާ އަސަރަށް ކުއްޖާގެ ސިކުނޑި ވެސް ހުންނަނީ ހޭނިފަ އެވެ. އެހެންކަމުން ކުއްޖާ ވިހެއުމާއެކު ޑޮކްޓަރުންގެ ޓީމުން އަވަސްވެގަންނަނީ ކުޑަދަރިފުޅު މަސްތުން ސަލާމަތް ކުރުވައި، އޭނާއަށް ބޭސް ކުރެވޭތޯ އެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ޑޮކްޓަރުން ކުރާ ކަމަކީ ކުއްޖާގެ ޔޫރިން ޓެސްޓެއް ހެދުމެވެ. އަދި ކުއްޖާ ދެވި ހިފާފައިވާ ތަކެތި ދެނެގަތުމަށްފަހު، ފެންނަ އަލާމާތްތަކުގެ މައްޗަށް ބިނާކޮށް ބޭސް ދެ އެވެ. މިފަދަ ކުދިންގެ ވަރަށް ގިނަ އަލާމާތް ފެނެ އެވެ. އޭގެ ތެރޭގައި ތޫލި އަޑަކުން ރުއިން، މަދުން ނިދުން، އާދަޔާ ހިލާފަށް ސިހުން، ގައިގެ ހޫނު މިން މަތިވުން، އާދަޔާ ހިލާފަށް އާފުރުމާއި ޕުއްޕުލާއިރު ފެންކޮށް ނުވަތަ ފުއްފުއް ހުރުން ހިމެނެ އެވެ.

"ތުރުތުރު އަޅާ ގޮތަށް އަތް ތެޅޭނެ. ބައެއް ކުދިން ބަންޑުން ބޭއްވީމަ، ޕުޝް އަޕްސް ހަދާ ގޮތަށް އުޅޭ ތަން ވެސް ފެންނާނެ. ވަރަށް ގަދަޔަށް ދާ ވެސް ހިއްލާނެ. ވިތުޑްރޯވަލްސް އައީމަ މަޑަކުން ނުހުރެވޭނެ. ބޭބީއަކަށް ދުއްވައިގަނެގެން ނުއެއްދެވޭނެތާ. އެ މަންޒަރު ފެނުނީމަ އެއްވެސް މީހަކަށް އެނގޭނީ އެކަހަލަ ބޭބީއެއް އުޅޭ ގޮތް،" އެ ކުދިން ތަހައްމަލް ކުރަމުންދާ ވޭން، ޑރ. ފައިސަލް ސިފަކޮށްދެއްވި އެވެ.

އެގޮތަށް ތުއްތު ކުދިން އުޅެން ފެށުމުން އެމީހުންނަށް ދެނީ ތަދުކަނޑުވާ ބޭހެއް ކަމަށްވާ މޯފިން އެވެ. އަދި އަލާމާތާ އެއްވަރަށް ބޭސް ދެމުން ދެމުން ގޮސް ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި އާންމުކޮށް ހޮސްޕިޓަލުން ދޫކޮށްލެވޭވަރުވެ އެވެ. އެކަމަކު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އެ ކުދިންނަށް އޮތް ނުރައްކާ މުޅިން ފިލައި ނުދެ އެވެ.

"ބައެއް ކުދިންނަށް ސްޓްރޯކް ވެސް ޖެހޭ. އެހެންވީމަ ވާ ގޮތަކީ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ހުންނާނެ މަރުވެގެން ގެނެސްފަ ވެސް. އެ ވެދާނެ ސްޓްރޯކެއް ޖެހެނީ ކަމަށް ވެސް. ގިނަ ފަހަރު މަންމަމެން ނުވާނެ އެވެއާއެއް،" ޑރ. ފައިސަލް ވިދާޅުވި އެވެ.

މަސްތުވާތަކެތިން ބަނޑުގައި އޮންނަ ކުއްޖާއަށް އަސަރު ކުރާ މިންވަރު އެންމެ ފުރިހަމައަށް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އެކަމަކު މަސްތުވާތަކެތި ބޭނުން ކުރާ މީހުން ވިހާ ކުދިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވީ އެ ކުދިންގެ ސިކުނޑިއަށް މަސްތުވާއެއްޗެހިން ކުރާ އަސަރެވެ.

"އަސްލު މަންމަ ޑްރަގް ޔޫސް ކުރީމަ ބޭބީގެ ސިކުނޑިއަށް ވަރަށް ބޮޑު އަސަރެއް ކުރޭ. މި ކުދިންގެ ސިކުނޑީގެ ސައިޒު ވެސް ކުޑަވާނެ. އޭގެ އިތުރުން، ބަނޑު ބޮޑު އިރު ވެސް މަންމަގެ ނިއުޓްރިޝަން ދަށްވީމަ ވަރަށް ގިނަފަހަރު ދަރިފުޅު ވިހާއިރު ވަރަށް ކުޑަ. އެހެންވުމުން ވެސް ލިބޭ ގެއްލުންތަކެއް ހުރެދާނެ،" ޑޮކްޓަރު ކިޔައިދެއްވި އެވެ.

ތުއްތު ޒަޔާންގެ ވާހަކަ

ސާނިޔާ އަލަށް މާބަނޑުވީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އަލަތު ކައިވެންޏަށް އެއިރު މާ ގިނަ އަހަރުތަކެއްނުވެ އެވެ. އެކަމަކު ބަނޑަށް އެންމެ ފަސް މަހުގައި ދުވަސްނުފުރާ ސާނިޔާ ވިހެ އެވެ. އަދި މަސް ދުވަހުގެ ތެރޭގައި ދަރިފުޅު ނިޔާވި އެވެ. ދަރިފުޅު ވަކިވުމުގެ ހިތާމައިން މުޅިން އަރައިނުގަނެވި އުޅެނިކޮށް އަދި އަލުން ބަނޑުބޮޑުވުމުގެ ބިރު ނުފިލާއުޅެނިކޮށް، ޒަޔާން މި ދުނިޔެއަށް އުފަންވެއްޖެ އެވެ.

ޒަޔާންގެ މަންމައަކީ ސާނިޔާގެ ފިރިމީހާގެ ކޮއްކޮ އެވެ. ޒަޔާން ބެލުމުގެ ވިސްނުމެއް އަދި ގާބިލްކަމެއް ވެސް އޭނާގެ މަންމަ ކިބައަކު ނެތެވެ. އެހެން ކަމުން ދައުލަތުން ކުއްޖާ ހަވާލު ކުރީ ސާނިޔާއާ އެވެ.

"އަނެއްހެން މި އުޅެނީ ނުނިދާ. ނުނިދާތަންކޮޅު މައްސަލައަކަށް ދިމާވަނީ. ބޭބީ ބޮޑަށް ނިދާނީ ދުވާލު. ރޭގަނޑު އުޅޭނީ ނުނިދާ. ހޭލާ ހަމަ ރޯނީ، ރޯނީ. ދެން އެގޮތަށް މި އުޅެނީ. ދުވާލުގެ 24 ގަޑިއިރު ބޭބީ އަށް ދީގެން މި ހުންނަނީ. ނިދާފައި އޮވެގެން ވެސް ހޮޑުލެވޭ. އެހެންވެ އިރުއިރުކޮޅާ ގޮސް ބަލަން ވެސް ޖެހޭ،" ހޮސްޕިޓަލުން ދޫކޮށްލުމުން، ޒަޔާންއާއެކު އުތުރުގެ ރަށެއްގައި އުޅެމުންދާ ސާނިޔާ ބުންޏެވެ.

ޒަޔާންގެ ފުށުން ވިތުޑްރޯވަލް ސިމްޓަމްސް އަދިވެސް ފެންނަ ކަމަށް ސާނިޔާ ބުންޏެވެ. އެކަމަކު ޖުމްލަކޮށް ކުއްޖާގެ ހާލު ވަރަށް ރަނގަޅު ކަމަށް ސާނިޔާއަށް ފެނެ އެވެ.

"ކުރިން ބޭބީއަށް ވަރަށް އުނދަގޫވި. ކުއްލިއަކަށް ސިހުމާއި ވަރަށް ތޫލި އަޑެއް ހުންނާނީ ރޯ އިރު ވެސް. އެއީ އެކަމުން (މަސްތުވާތަކެތީގެ ސަބަބުން) ވާ ގޮތެކޭ ބުނަނީ. ވަރަށް ވަރުގަދައަށް މީނަ ރޯނެ، ހަމަ ވަރުގަދަ އަޑަކުން. ދެން ހީކަރުވައިގަނެގެން ތެޅި ގަންނާނެ ކުއްލި ކުއްލި އަށް. އެކަހަލަ ކަންކަން ކުރިން ދިމާވި. މިހާރަކު ދެން އެ ރުއިމާއި އެ ތެޅިގަތުމާ، އެ ކަންކަމެއް ނުވޭ. އޭރު ބާއްވަނީ ބޮޑެތި ބޯ ހެދުން ލައްވާފައި. އެކަމަކު މިހާރު އޮންނަނީ ހޫނުވެގެން. އަބަދު ހޫނުވެފައި އޮންނަނީ. އެހެންވީމަ ވަރަށް ބޮޑަށް ރަނގަޅުވެއްޖެ މިހާރު. އަދިވެސް އެކަމަކު އޭގެ އުނދަގޫ ބައެއް ފަހަރު ވާހެން ހީވޭ ބޭބީ އުޅޭ ގޮތުން،" ސާނިޔާ ކިޔައިދިނެވެ.

ޒަޔާން އަދި މިފަދަ ކުދިންނަށް ބޭނުމީ ލޯތްބާއި އަޅާލުން

ޒަޔާން ފަދަ ކުދިންނަށް ވެސް ލޯތްބާއި އަޅާލުން ދީފި ނަމަ އެހެން ކުދިންނެކޭ އެއްވަރު ފުރުސަތެއް ދުނިޔޭގެ އޮންނާނެ ކަމަށް ޑރ. ފައިސަލް ގަބޫލު ކުރެ އެވެ. ވިތުޑްރޯވަލްސްގެ ސަބަބުން ފުރަތަމަކޮޅު ސިއްހަތަށް ދިމާވާ މައްސަލަތަކަކީ، ފަރުވާތެރިކަމާއެކު ފަރުވާކޮށްގެން މުޅިން ފަސޭހަކޮށްލެވޭނެ ކަންކަން ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ސަޕޯޓްހެން މުހިންމީ. އެ ކުދިންނަށް ވެސް ބަޔަކު ރަނގަޅު ސަޕޯޓެއް ދީފިއްޔާ އެ ކުދިން ރަނގަޅު ވާނެ. މިސާލަކަށް ބަޔަކު އެޑޮޕްޓްކޮށްފާނެ. ނޫން ނަމަ ފެމިލީގަ ވެސް ތިބެދާނެ ވަރަށް ރަނގަޅު ސަޕޯޓެއް. ބަނޑުބޮޑު އިރު ދިމާވާ ބޮޑު މައްސަލައަކުން، މިސާލަކަށް ސިކުނޑި ކުޑަކޮށް ހުރުން ކަހަލަ ކަމެއް ނެތް ނަމަ އެންއޭއެސްއަކީ ހަމަ ފިލައިދާނެ އެއްޗެއް،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ޒަޔާން އަދި އެފަދަ އެހެން ކުދިންގެ މުސްތަގްބަލް ހިމާޔަތް ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ފައިސަލް ދެކިވަޑައިގަންނަވަ އެވެ.

"މިއީ ނިއުބޯންސް. މި ކުދިންގެ މުސްތަގްބަލާއި ދެން އަންނަ ކުދިންގެ މަސްތަގްބަލާ ގޮސްފި ނަމަ އެއީ ވެސް ހަމަ ޖީލެއްދޯ. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމަކީ. މި ހާލަތު އެންމެންނަށް ވެސް އެބަ އެނގެންޖެހޭ. ހުރިހަ އިދާރާއެއް ގުޅިގެން ގައުމީ ކަމެއްގެ ގޮތުގައި މި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަންޖެހޭ. އެބަ ތިބިތާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތައް ވެސް،" ޑރ. ފައިސަލް ވިދާޅުވި އެވެ.

މަޔަކު ގަވާއިދުން މަސްތުވަމުން ކުއްޖަކު ރަނގަޅަށް ބަލައި ބޮޑު ކުރުމަކީ ނުވުން ގާތް ކަމެކެވެ. އެހެންކަމުން ކޮންމެވެސް އެހެން ބަޔަކު އެމީހުން ބަލަންޖެހެ އެވެ. އަދި މަންމަ ނޫން މީހުންނަށް ދަރިން އެޑޮޕްޓް ކުރުމަށް އޮންނަ ފުރުސަތު މިހާރަށްވުރެ ފަހިކޮށް، ފުޅާކޮށްދޭންޖެހެ އެވެ.

"ގަވާއިދުތައް ހުންނަ ގޮތުން އުނދަގޫ އެޑޮޕްޝަނަކަށް ދާން. ގިނަ މީހުން އެޑޮޕްޝަނަކަށް ނުދާނެ މި ކަހަލަ އުނދަގޫތައް ހުންނަންޏާ. އެހެންވީމަ މި ކަހަލަ ކުދިންތައް ތިބޭނީ ހަމަ ބާކީވެފައި ޖެންޑާ ގައި އެ މީހުން ބަލާނެ ގޮތަކަށް ބަލަން. އެކަމަކު މި އަށް ވުރެ ރަނގަޅު ގޮތެއް އޮތް ނަމަ ވަރަށް ގިނަ މީހުން އެޑޮޕްޓް ކުރާނެ. މިހާރު އަދިވެސް އަހަރުމެން އެޑޮޕްޓް ކުރިޔަސް އަހަރުމެންނަކަށް ނެތޭ ޔަގީންކަމެއް މީނަ އަހަރުމެންގެ އަތުން ގެއްލިގެން ނުދާނެ ކަމުގެ،" ސާނިޔާ އޭނާގެ ކަންބޮޑުވުން ހިއްސާ ކުރި އެވެ.

މިއީ ބޮޑު މައްސަލައެކެވެ. މިއީ ނުދައްކާ ތިބޭ މިންވަރަށް ވުރެ ގައުމަށް ފަހުން ގެއްލުން ބޮޑުވާނެ މައްސަލައެކެވެ. މައްސަލަ ހައްލު ކުރަން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެބަ ބޭނުންވެ އެވެ. ދިވެހިން ދިވެހިންނަށް އެހީވެ، އެންމެ އެކުގައި މަސްތުވާތަކެތީގެ މި ނުބައި ވަޅުގަނޑުން އަޅުގަނޑުމެންގެ ދަރިން ސަލާމަތްކޮށްދޭންޖެހެ އެވެ.

* މި ލިޔުމުގައި ހިމަނާފައިވާ ތުއްތު ކުއްޖާ އަދި އޭނާގެ ފޮސްޓޯ މަންމަގެ ޝަހްސު ހިމާޔަތް ކުރުމަށް ނަންތައް އެ ވަނީ ބަދަލުކޮށްފަ އެވެ.