Advertisement

ދުނިޔޭގެ ޖޫނިއާ މުބާރާތަށް ކޮލިފައިވެ ދީމާ ތާރީހުގެ ތެރެއަށް

16 އޮކްޓޯބަރު 2021 - 17:41 0


ދުނިޔޭގެ ޖޫނިއާ މުބާރާތަށް ކޮލިފައިވެ ދީމާ ތާރީހުގެ ތެރެއަށް

16 އޮކްޓޯބަރު 2021 - 17:41 0

ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، ދުނިޔޭގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވެ ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

އުމުރުން 13 އަހަރުގެ ދީމާ އަކީ ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. މި ކާމިޔާބީ ފާހަގަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ދީމާ އަށް މަރުހަބާ ކިޔައިފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ފަހުރުވެރިވާ ކާމިޔާބެއް ދީމާ ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޑިސެމްބަރު މަހު 2 އިން 8 އަށް ޕޯޗުގަލްގަ އެވެ.

ދުނިޔޭގެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީގެ މެއިން ޑްރޯ އަށް ކޮލިފައިވި 24 ކުޅުންތެރިންގެ އެންޓްރީ ލިސްޓުގައި ދީމާގެ ނަން ހިމަނާފައިވަނީ 13 ވަަނައިގަ އެވެ. ދީމާ، ދުނިޔޭގެ މުބާރާތަށް ކޮލިފައިވެފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާގެ ކާމިޔާބީ އާއި ދުނިޔޭގެ ރޭންކިން އަށް ބެލުމަށް ފަހު އެވެ.

ދީމާ ވަނީ މިހާރު އޮމާންގެ މަސްކަޓްގައި ކުރިއަށްދާ އައިޓީޓީއެފް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގައި ވެސް ދީމާ ވާދަކުރިއިރު، ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މި މުބާރާތުން ދީމާ އަށް ލިބޭ ރޭންކިން ޕޮއިންޓްތަކަށް ބަލާއިރު، ދީމާ އަށް ދުނިޔޭގެ ރޭންކިންގެ ކުރިއަށް ޖެހިލެވޭނެ އެވެ. ދީމާ މި ވަގުތު ދުނިޔޭގެ ރޭންކިންގައި އޮތީ 15 އަހަރުން ދަށުގެ ބައިން 20 ވަނައިގަ އެވެ. އޭޕްރީލް މަހު އެ ކެޓަގަރީގެ އަށް ވަނައިގައި ވެސް ދީމާ އޮތެވެ. ސަތާރަ އަހަރުން ދަށުގެ ކެޓަގަރީން ދީމާ އޮތީ 77 ވަނައިގަ އެވެ. މީގެ ކުރިން ދީމާ ވަނީ އެ އުމުރުފުރާގެ ރޭންކިންގެ 41 ވަނަ މަގާމުގައި އޮވެފަ އެވެ.

ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެ އަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފަ އެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފަ އެވެ.