Advertisement

މަހުމޫދުގެ މަރުގެ ތުހުމަތަށް ބިދޭސީ މީހާ ހައްޔަރުކޮށްފި

16 އޮކްޓޯބަރު 2021 - 14:47 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


މަހުމޫދުގެ މަރުގެ ތުހުމަތަށް ބިދޭސީ މީހާ ހައްޔަރުކޮށްފި

16 އޮކްޓޯބަރު 2021 - 14:47 0

އދ. ދަނގެތީގެ ފަޅު ގެޔެއްގެ ތެރޭ ހުރި ވަޅެއްގެ ތެރެއިން އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މައްސަލައިގައި ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ދާދި ދެންމެއަކު ބުނީ، މަހުމޫދުގެ މަރާލިކަމުގެ ތުހުމަތުގައި އެ ރަށުގައި ވަޒީފާއަދާ ކުރަމުންދާ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.

އެ މީހާއަކީ އެރަށުގެ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހުންނަ ބިދޭސީއެއްކަން އެނގިފައި ވެ އެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ، އެރަށުގައި ފުލުހުން ކުރަމުންދާ ތަހުގީގު މިއަދު ފުޅާކޮށްފައިވަނި ކޮށެވެ.

ދަނގެތީގައި މިވަގުތު ހުރި "އަދަދު" ގެ ނޫސްވެރިޔާ ބުނި ގޮތުގައި ހަށިގަނޑު ފެނުނު ގެއާއި ޖެހިގެން ހުރި ގެތައް ހިމެނޭގޮތަށް ބަންދުކޮށްފައިވާ ސަރަހައްދު ވަނީ ވަރަށް ބޮޑުތަނުން ފުޅާކޮށްފަ އެވެ.

އަދި މިއަދު ހައްޔަރުކުރި ބިދޭސީ މީހާ ދިރިއުޅޭ ގެ ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފަ އެވެ.

މިއީ މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކުރި ފުރަތަމަ މީހާ އެވެ.

ނަމަވެސް އެ މައްސަލައިގައި ދަނގެތީ ރައްޔިތުން ތުހުމަތުކުރާ ތިން މީހަކު ވަނީ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސް، އިއްޔެގެ ވަގުތެއްގައި ދަނގެތިން އެ އަތޮޅު މަހިބަދޫއަށް ބަދަލުކޮށްފަ އެވެ.

ފުލުހުން ފަހުން ބުނި ގޮތުގައި އެ ތިން މީހުން ވެސް ތިބީ އެހެން މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ.

ދަނގެތި ސިއްސުވާލި ގަތުލެއް

މަހުމޫދު މަރާލުމަށް ފަހު ދަނގެތީގެ ފަޅުގެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ މަހުމޫދުގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ބުރާސްފަތި ދުވަހުގެ 14:00 އާއި 15:00 އަ ދެމެދުގެ ވަގުތެއްގަ އެވެ.

ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނާ ގޮތުގައި, މަހުމޫދުގެ ފަޔާއި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ. އަދި ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ވެސް ހުއްޓެވެ.

އެ ސަރަހައްދުގައި އެ ވަޅި އާއި ދަގަނޑު ބުރިއެއް ވެސް އޮތެވެ.

މަހުމޫދު އެންމެ ފަހުން ފެނުނީ ބުދަ ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭއާ އިންޑިއާ ވާދަކުރި މެޗު ބަލަން އޭނާގެ ކެފޭ ތެރޭ އިންދަ އެވެ.

މަހުމޫދުގެ ހަށިގަނޑު އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުން ސީޓީ ސްކޭންއެއް ހެދުމަށްފަހު، އިއްޔެގެ މެންދުރުފަހު އަބުރާ ދަގެއްޗަށް ވަނީ ފޮނުވާފަ އެވެ. އޭގެ ފަހުން އިއްޔެގެ އަސުރު ނަމާދަށްފަހު މަހުމޫދުގެ ޖަނާޒާ ވަނީ ދަނގެތީގައި ބާއްވައިފަ އެވެ.