Advertisement

އެމެރިކާއަށް އޮޅިގެން ހަމަލާ ދެވުނު އަފްގާން އާއިލާއަށް ފައިސާގެ ބަދަލު ދެނީ

16 އޮކްޓޯބަރު 2021 - 14:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާ އިން ދިން ޑްރޯން ހަމަލާގައި މަރުވި އާއިލާގެ ކުއްޖަކު. -- ފޮޓޯ: އޭއެފްޕީ


އެމެރިކާއަށް އޮޅިގެން ހަމަލާ ދެވުނު އަފްގާން އާއިލާއަށް ފައިސާގެ ބަދަލު ދެނީ

16 އޮކްޓޯބަރު 2021 - 14:03 0

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 16) - އެމެރިކާ އަށް އޮޅިގެން ދެވުނު ޑްރޯން ހަމަލާއެއްގައި މަރުވި އާއިލާގެ ބާކީ ތިބި މީހުންނަށް ފައިސާގެ ބަދަލު ދޭން ނިންމައިފި އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަށް ހިންގި އޮޕަރޭޝަނާ ދިމާކޮށް ދިން ޑްރޯން ހަމަލާގައި އެއް އާއިލާއެއްގެ 10 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ހަތް ކުދިން ހިމެނެ އެވެ.

ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނީ އެ އާއިލާގެ އެއްވެސް މެމްބަރަކު އަފްގާނިސްތާން ދޫކޮށް އެމެރިކާ އަށް ބަދަލުވާން ބޭނުން ނަމަ، އެކަން ހަމަޖެއްސުމަށް ސްޓޭޓް ޑިޕާޓްމަންޓާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ އާއިލާ އަށް ފައިސާގެ ބަދަލު ދޭން ނިންމީ މިދިޔަ ބުރާސްފަތު ދުވަހު އަންޑަސެކެޓްރީ ފޯ ޑިފެންސް ޕޮލިސީ ކޮލިން ކާލް އާއި އަފްގާނިސްތާނުގައި އުޅޭ ނިޔުޓްރިޝަން އެންޑް އެޑިއުކޭޝަން އިންޓަނޭޝަނަލް ޖަމިއްޔާގެ ފައުންޑަރު ސްޓީވަން ކްވޮންއާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އިޒްމަރާއީ އަހްމަދީކީ އިސްލާމިކް ސްޓޭޓް (އައިއެސް) މެމްބަރެއްގެ ގޮތުގައި އެމެރިކާ އިން ޓާގެޓު ކުރީ ނުބައި ޖާސޫސީ މައުލޫމާތެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އޭނާ އަކީ ނިޔުޓްރިޝަން އެންޑް އެޑިއުކޭޝަން އިންޓަނޭޝަނަލް ޖަމިއްޔާގެ މުވައްޒަފެކެވެ.

އޯގަސްޓު 29 ވަނަ ދުވަހު އޭނާގެ ކާރު ފަހަތުން އަށް ގަޑިއިރު ޓްރެކް ކުރުމަށް ފަހު، އެއަށް އަމާޒުކޮށް މިސައިލް ހަމަލާއެއް އެމެރިކާ އިން ދިނެވެ. އެ ހަމަލާގައި އަހްމަދީ އާއިލާގެ ހަތް ކުދިންނާއި ތިން މީހުން މަރުވި އެވެ. އޭގެ ތެރޭގައި އަހްމަދީ ވެސް ހިމެނެ އެވެ.

އެއީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް އެމެރިކާގެ އިސް އަސްކަރީ ޖެނެރަލަކު ވަނީ އެއްބަސްވެފަ އެވެ. އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން ވަނީ މަރުވި މީހުންގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ނުބައި ޖާސޫސީ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެމެރިކާ އިން އަހްމަދީގެ ކާރަށް ހަމަލާ ދިނީ ކާބުލް އެއާޕޯޓަށް އައިއެސް އިން ދިން ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވިތާ ތިން ދުވަސް ފަހުންނެވެ. އެއާޕޯޓު ހަމަލާގައި އެމެރިކާ ސިފައިންގެ 13 މީހުން މަރުވި އެވެ.

އަހްމަދީ އާއިލާގެ މެމްބަރުން ވަނީ އެމެރިކާ އިން އެ މީހުންގެ ކުރިމައްޗަށް އައިސް މައާފަން އެދެން ޖެހޭނެ ކަމަށާއި ފައިސާގެ ބަދަލު ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އެމެރިކާ އިން ރަސްމީކޮށް މައާފަށް އެދުނު ނަމަވެސް އާއިލާ އިން ޑިމާންޑު ކުރަނީ އެ މީހުންގެ ކުރިމައްޗަށް އައިސް މައާފަށް އެދުމަށެވެ.