Advertisement

އެމްބާޕޭގެ ޕެނަލްޓީން ޕީއެސްޖީ މޮޅުވެއްޖެ

16 އޮކްޓޯބަރު 2021 - 09:31 0


އެމްބާޕޭގެ ޕެނަލްޓީން ޕީއެސްޖީ މޮޅުވެއްޖެ

16 އޮކްޓޯބަރު 2021 - 09:31 0

ޕެރިސް (އޮކްޓޫބަރު 16) - ފްރެންްޗް ލީގުގައި ރޭ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީއާ އެކު ލިބުނު ޕެނަލްޓީއަކުން ކީލިއަން އެމްބާޕޭ ވައްދާލި ގޯލުން އެންޖާސް އަތުން ފަހަތުން އަރައި 2-1 އިން ޕީއެސްޖީ މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ޕީއެސްޖީ ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެންސަށް ނުވަ މެޗުން ވަނީ 18 ޕޮއިންޓް ލިބިފަ އެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅުމަށް ފަހު ލިއޮނަލް މެސީ، ނޭމާ، ލެއަންޑްރޯ ޕަރޭޑޭސް، މާކުއީނިއޯސް، އެންހެލް ޑި މާރިއާ ރޭގެ މެޗަށް ޕީއެސްޖީ ޓީމާ ނުގުޅެ އެވެ. އެ ދެ ކުޅުންތެރިން ނުލައި ކުޅުނު މެޗުގައި ރޭ ޕީއެސްޖީގެ ތަރި އަކީ އެމްބާޕޭ އެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުނު ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނެގީ އެންޖާސް އިންނެވެ. ފުރަތަމަ ހާފު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ސޯފިއަން ބޯފާލް ނަގައިދިން ހުރަހަކުން އޭރިއާތެރެއިން މި ގޯލު ޖެހީ އަންޖެލޯ ފުލްޖީނީ އެެވެ.

ދެ ވަނަ ހާފްގައި ކުޅެން ނުކުމެ ޕީއެސްޖީން އެއްވަރުކުރީ މެޗުގެ 69 ވަަނަ މިނިޓްގަ އެވެ. އެމްބާޕޭ ނެގި ހުރަހަކުން މި ގޯލު ޖެހީ ޑަނީލޯ ޕެރޭރާ އެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޕީއެސްޖީ އަށް ޕެނަލްޓީ ދިނީ އެ ޓީމުގެ މައުރޯ އިކާޑީ ބޮލުން ޖެހި ބޯޅައެއްގައި އެންޖާސްގެ ޕިއޭރިކް ކަޕޭލޭ އަތްލި ކަމަށް ބަލައިފަ އެވެ. އެމްބާޕޭ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށް ޕީއެސްޖީ މޮޅުކޮށްދީފަ އެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެމްބާޕޭ އަކީ ކޮން ލެވަލެއްގެ ކުޅުންތެރިއެއްކަން އެންމެނަށް ވެސް އެނގޭނެ ކަމަށާއި ޓީމަށް އެންމެ ބޭނުންވާ ވަގުތު އަބަދު ވެސް އެމްބާޕޭ އޭނާގެ ރޯލު އަދާކުރާ ކަމަށެވެ.