Advertisement

މަހުމޫދުގެ މަރާ ގުޅިގެން އަންހެނަކަށް ވެސް ފުލުހުންގެ ހިމާޔަތް ދޭން ޖެހިއްޖެ

14 އޮކްޓޯބަރު 2021 - 23:45 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދަނގެތީ ރައްޔިތުން ފުލުހުންގެ އިދާރާ ކައިރީ ހަރަކާތްރެިވަނީ--


މަހުމޫދުގެ މަރާ ގުޅިގެން އަންހެނަކަށް ވެސް ފުލުހުންގެ ހިމާޔަތް ދޭން ޖެހިއްޖެ

14 އޮކްޓޯބަރު 2021 - 23:45 1

އދ. ދަނގެތީ މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން އެ ރަށުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އަންހެނަކަށް ވެސް ހިމާޔަތް ދޭން ފުލުހުންނަށް ޖެހިއްޖެ އެވެ.

ރަހުމުކުޑަ ގޮތަކަށް މަހުމޫދު މަރާލާފައިވަނިކޮށް އެ ރަށުގެ ފަޅު ގެއެއްގެ ވަޅެއްގެ ތެރެއިން ފެނުމާއެކު ދަނގެތީގެ މަޝްރަހު ހޫނުވެ, ރައްޔިތުން ނުކުމެ ތުހުމަތު ކުރެވޭ ދެ މީހަކު އަތުލައިގަތެވެ.

އެއީ އެ ރަށުގައި ތިބި އއ. ތޮއްޑޫއަށް ނިސްބަތްވާ ދެ މީހެކެވެ. އެމީހުން ފުލުހުންނާ ހަވާލުކުރީ ރައްޔިތުން ނުކުމެ މިއަދު ހަވީރު އެވެ. އޭގެފަހުން އެމީހުން ތިބީ ފުލުހުންގެ ހިމާޔަތުގަ އެވެ.

މަހުމޫދުގެ މަރުގެ ތުހުމަތު އެމީހުންގެ މައްޗަށް ފުލުހުން މިހާތަނަށް ކޮށްފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ. ފުލުހުން ބުނި ގޮތުގައި, މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ދަނގެތީ ކައުންސިލްގެ ރައިސް މުއާވިއަތު ރަޝީދު "އަދަދު"އަށް މިރޭ ވިދާޅުވީ ރަށުގައި އިތުރު ހަމަނުޖެހުމެއް ހިނގައިދާނެތީ އަންހެނަކު ފުލުހުންގެ ހިމާޔަތަށް ގެންދަން ކައުންސިލުން އެދިފައިވާނެ ކަމަށެވެ.

އެ އަންހެން މީހާއަކީ މަހުމޫދުގެ މަރާ ގުޅިގެން ރައްޔިތުން ތުހުމަތު ކުރާ ދެ މީހުންނާއެކު ދިރިއުޅެމުންދާ ތޮއްޑޫއަށް ނިސްބަތްވާ އަންހެނެކެވެ.

މުއާވިޔަތު ވިދާޅުވި ގޮތުގައި, އެ އަންހެން މީހާ ވެސް މިހާރު ހުރީ ފުލުހުންގެ ހިމާޔަތުގައި ޕޮލިސް ސްޓޭޝަންގަ އެވެ.

ދަނގެތިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ރައްޔިތުން ތުހުމަތު ކުރާ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ކަންކަމުގައި އެ ރަށުގައި އުޅޭ ދެ މީހުންނެވެ.

"އެ ދެ މީހުންނަކީ ވެސް ކުށުގެ ވެށީގެ ކަންކަމުގައި ރަށުގައި އިސްކޮށް ތިބި މީހުން. އެކަކީ ވައްކަމާއި މަސްތުވާތަކެތީގެ ކަންކަމާ ހެދި އެހެން ރަށަކުން ވަރަށް އަނިޔާކޮށް ބޭރުކޮށްލާފަ ހުރި މީހެއް, އެ ރަށަށް ނޭރޭ ގޮތަށް،" ދަނގެތިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެމީހުންގެ ކުށުގެ ރެކޯޑް ވެސް އެބަ އޮތެވެ.

މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު އޭނާގެ ހަށިގަނޑު ފެނުނީ ދަނގެތީގައި ހުރި އޭނާގެ އާއިލާއަށް ނިސްބަތްވާ ފަޅު ގެޔެއްގެ ވަޅެއް ތެރެއިންނެވެ. އެއީ, އޭނާ އެންމެ ފަހުން ފެނުނު ކެފޭއާ ގާތްގަނޑަކަށް 200 މީޓަރު ދުރުގައި ހުރި ގޯއްޗެކެވެ.

ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނާ ގޮތުގައި, މަހުމޫދުގެ ފަޔާއި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ. އަދި ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ވެސް ހުއްޓެވެ. އެ ސަރަހައްދުގައި އެ ވަޅި އާއި ދަގަނޑު ބުރިއެއް ވެސް އޮތެވެ.

މިހާރު ފުލުހުންގެ ފޮރެންސިކް ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، މަހުމޫދުގެ ހަށިގަނޑު ވަޅުން ނަގައި ބައެއް ޓެސްޓްތައް ދަނީ ކުރަމުންނެވެ. އޭނާގެ ޖަނާޒާގެ ކަންކަން އަދި ނުފަށަ އެވެ.

އާއިލާއަށް ވެސް އެ ސަރަހައްދަށް ނުވަދެވޭ ކަމަށާއި ތަހުގީގު ނިމުމުން ވަޅުލުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.