Advertisement

މިހާރު ފިޔަވަޅު ނާޅައިފި ނަމަ ކުދި ގައުމުތައް ގެއްލޭނެ: ކޮމަންވެލްތު

14 އޮކްޓޯބަރު 2021 - 06:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލެންޑް.


މިހާރު ފިޔަވަޅު ނާޅައިފި ނަމަ ކުދި ގައުމުތައް ގެއްލޭނެ: ކޮމަންވެލްތު

14 އޮކްޓޯބަރު 2021 - 06:59 0

ރޯމް، އިޓަލީ (އޮކްޓޯބަރު 13) - މޫސުމީ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ އދ. ގެ ސަމިޓުގައި ފިޔަވަޅު އެޅުމާ ހަމައަށް ނުގޮސްފި ނަމަ ދުނިޔޭގެ އެންމެ ކުދި ގައުމުތައް "ގެއްލޭނެ" ކަމަށް ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

"މިއީ 42 ކުޑަ ގައުމުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއްގެ ވާހަކަ. މީހުން އެ ވާހަކަ ބުނެލަނީ އެއީ އެއްވެސް މާނައެއް ނެތް ކަމެއްގެ ގޮތުގައި. އެކަމަކު މި ދައްކަނީ މި ގައުމުތައް ގެއްލިގެންދާ ވާހަކަ،" ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލެންޑް ވިދާޅުވި އެވެ.

ޕެޓްރީޝިއާ އަކީ ޑޮމިނިކަން ރިޕަބްލިކް އަށް އުފަން ގާނޫނީ ވަކީލެއް އަދި ކުރިން އިނގިރޭސި ސަރުކާރުގެ މިނިސްޓަރެކެވެ. އޭނާ މި ވަގުތުން ހުންނަވަނީ ކުރީގެ އިނގިރޭސި ވެރިކަމުގެ ދަށުގައި އޮތް ގައުމުތައް ހިމެނޭ ކޮމަންވެލްތު ޖަމިއްޔާގެ އިސް މަގާމުގަ އެވެ.

އިޓަލީ އަށް ކުރެއްވި ދަތުރެއްގައި އޭއެފްޕީ އަށް ދެއްވި އިންޓަވިއުގައި ޕެޓްރީޝިއާ ވިދާޅުވީ ކޮމަންވެލްތުގެ އެންމެ ކުދި ބަޔެއް ގައުމުތައް ކަމަށްވާ ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ތުވާލޫ އަދި ނައުރޫ އިން މިހާރު ދަނީ ރައްޔިތުން ބަދަލުކުރެވޭނެ އެހެން ތަނެއް ލިބޭތޯ ބަލަމުން ކަމަށެވެ.

އޭގެ އިތުރުން އަވަސް އަވަހަށް ނުރައްކާތެރި ތޫފާންތައް އަންނާތީ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ޑޮމިނިކާ އަކީ އާއްމުކޮށް ސުވަރުގޭގެ ބަގީޗާއެއް ފަދަ ތަނެއް. އެކަމަކު 2017 ވަނަ އަހަރު ތޫފާން މާރިއާ އެރި ފަހުން ގަސްތައް ބުޑުން ލުހިގެން ދިޔަ. އެންމެ ފެހި ފަތެއް ވެސް ނެތް. ހީވަނީ މުސީބާތެއް ދިމާވެފައި އޮތް ތަނެއް ހެން."

މޫސުމީ ބަދަލާ ގުޅޭ އދ. ގެ ސަމިޓު އޮންނާނީ ސްކޮޓްލޭންޑުގެ ގްލާސްގޯ ސިޓީގައި އޮކްޓޯބަރު 31 އިން ފެށިގެން ނޮވެމްބަރު 12 އާ ހަމައަށެވެ. ބައްދަލުވުމުގެ އަމާޒަކީ ކާބަން ބޭނުން ކުރުން ހުއްޓާލެވޭނެ ގޮތްތައް ބަލައި، ދުނިޔެ ހޫނުވުން ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ހޯދުމެވެ.

ޕެޓްރީޝިއާ ވިދާޅުވީ "ފިޔަވަޅު އެޅުން ނޫން ގޮތެއް" އިންސާނުންނަށް ނެތް ކަމަށާއި މޫސުމީ ބަދަލާ ކުރިމަތިލަމުންދާ ފަގީރު ގައުމުތަކަށް ދަރަންޏާއި ވެކްސިން މެނޭޖްކުރަން އެހީ ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންނަށް ކުރިމަތިވެގެން މި އުޅެނީ އެއް ތޫފާނެއް. އެކަމަކު އެންމެން މި ތިބީ އެއް ބޯޓެއްގައެއް ނޫން."

ކޮމަންވެލްތުގައި 54 ގައުމެއްގެ 2.6 ބިލިއަން މީހުން ހިމެނެ އެވެ. ޕެޓްރީޝިއާ އަކީ އެ ޖަމިއްޔާގެ ފުރަތަމަ އަންހެން ލީޑަރެވެ.