Advertisement

ފައިނަލަށް ފަހު ނޭޕާލް ދޫކޮށްލާނެކަން ކޯޗު މުތައިރީ އިއުލާނުކޮށްފި

13 އޮކްޓޯބަރު 2021 - 18:50 0


ފައިނަލަށް ފަހު ނޭޕާލް ދޫކޮށްލާނެކަން ކޯޗު މުތައިރީ އިއުލާނުކޮށްފި

13 އޮކްޓޯބަރު 2021 - 18:50 0

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފައިނަލަކީ އޭނާ ނޭޕާލް ގައުމީ ޓީމަށް ކޯޗުކޮށްދޭނެ ފަހު މެޗު ކަމަށް އެ ޓީމުގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލްމުތައިރީ އިއުލާނުކޮށްފި އެވެ.

މިއަދު ބަންގްލަދޭޝްއާ 1-1 އިން އެއްވަރުކޮށް ނޭޕާލުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ފުރުސަތު ހޯދިއިރު، މިއީ އެ ގައުމުގެ ތާރީީހުގައި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ބުނީ ނޭޕާލް ގައުމީ ޓީމާ އެކު އޭނާގެ މަސައްކަތް ނިމުމަކަށް އަންނާނީ އަންނަ ހޮނިހިރު ދުވަހު ކުޅޭ ފަހު މެޗަށް ފަހު އެވެ. އަންނަ ހޮނިހިރު ދުވަހު ފައިނަލުގައި ނޭޕާލް ކުޅޭ ޓީމެއް ކަށަވަރުވާނީ މިރޭ އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗުންނެވެ.

މިދިޔަ އޭޕްރީލް މަހު ނޭޕާލްގެ ކޯޗުކަމާ ހަވާލުވި މުތައިރީ އާއި ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާގެ ނައިބު ރައީސް ޕަންކަޖް ނެމްބަންގާ މައްސަލަ ޖެހި އޭނާ ވަނީ މީގެ ދެ މަސް ކުރިން މަގާމުން އިސްތިއުފާދީަ އެވެ. އެކަމަކު، ފަހުން އޭނާ އަލުން މަގާމާ ހަވާލުވީ ވަކި ޝަރުތުތަކަކަށް އެއްބަސްވެވެގެންނެވެ. އޭގެ ތެރެއިން އެއް ކަމަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ނިޔަލަށް އޭނާ މަގާމުގައި ދެމިހުރުމެވެ.

"އަހަރެން މީގެ އެއް މަސް ކުރިން އަހަރެން ވަކިވާނެކަން ވަނީ ފެޑެރޭޝަން އަށް އަންގާފައި. އެއީ އަހަރެން ބޭނުމެއް ނޫން އަހަރެން ބަދުނާމު ވާގޮތަށް ތަކުރާރުކޮށް އަމަލުކުރާ ބައެއްގެ ތެރޭގައި މަސައްކަތް ކުރަން ހުންނަން. އެއީ އަހަރެންގެ އާއިލާ ވެސް އެދޭނެ ގޮތެއް ނޫން،" ބަންގްލަދޭޝް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ބުންޏެވެ.

މުތައިރީ ވަނީ ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާ، އާއި ނޭޕާލްގެ އެއް މީޑިއާ އަށް ބަހުގެ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މުތައިރީ ބުނީ ނޭޕާލުގެ އެއް މީޑިއާ އަކަށް ފައިސާ ދީގެން ބައެއް މީހުން އޭނާއާ ދެކޮޅަށް އެއްޗެހި ލިޔުއްވާ ކަމަށާއި އެކަން ކުރާ ބޭނުމެއް އޭނާ އަށް ނޭނގޭ ކަމަށެވެ.

"އެ މީހުން (އެ މީޑިއާ އިން) އެ ނަގަނީ ހަލާލު ފައިސާއެއް ނޫން. އަހަރެން ބުނާނީ އެކަން އެ ގޮތަށް ނުކުރަން. އަހަރެން މެޗު ވިއްކާ ކަމަށް ވެސް ކިޔައިފި. އަހަރެންގެ ދަރިފުޅު އެ ކޮމެންޓްތައް ކިޔާފައި އަހަންނާ ސުވާލުކުރޭ. ކިހިނެއް އަހަރެން އެ އަށް ޖަވާބު ދޭނީ. އެހެންވެ، އަހަރެން ނިންމީ މި މުބާރާތަށް ފަހު އަހަރެން ނޭޕާލަށް ދެނެއް ނުދާނަން،" މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ ނޭޕާލް ގައުމީ ޓީމާ ހަވާލުވެ އޭނާ ވައުދުވީ ތިން ކަމެއް ފުރިހަމަ ކުރުމަށް ކަމަށެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް ނޭޕާލް ގެންގޮސްދިނުމާއި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އެ ޓީމު ގެންގޮސްދީ ތާރީހީ ކާމިޔާބެއް ހޯދާނެ ކަމަށާއި މުސްތަގުބަލަށް ފެންވަރު ރަނގަޅު ޓީމެއް ބިނާކުރުމަށެވެ.

"މިހާރު އެ ތިން ކަންތައްތައް ވެސް ފުރިހަމަ ކުރެވިއްޖެ. އަހަަންނަކީ މި ވަގުތު ދުނިޔޭގައި އެންމެ އުފަލުން ހުރި މީހާއާ ބުނެވިދާނެ. މިދިޔަ ތިން ދުވަހު އަހަންނަށް ރަނގަޅަށް ނުނިދޭ. ރަނގަޅަށް ނުކެވޭ. އެއީ އަހަންނާ ބެހޭގޮތުން ދައްކާފައި ހުރި ވާހަކަތައް އަހަންނަށް ފެނޭ،" މުތައިރީ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ވަނީ 1993 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. އޭގެ ފަހުން އެ ޓީމު ވަނީ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ފަސް ފަހަރު ބަލިވެފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ މުބާާރާތުގެ ސެމީ ފައިނަލުގައި ބަލިވީ ރާއްޖެ އަތުންނެވެ.