Advertisement

ހަމައެކަނި ޖޭއެސްސީ ބަދަލުކުރުމުން ދާއިރާ އިސްލާހެއް ނުވާނެ, ގާނޫނުތައް ވަށާޖައްސަން ޖެހޭ: ނަޝީދު

13 އޮކްޓޯބަރު 2021 - 15:58 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ނަޝީދު: ހަމައެކަނި ޖޭއެސްސީ ބަދަލުކުރުމުން ދާއިރާ އިސްލާހެއް ނުވާނެ, ގާނޫނުތައް ވަށާޖައްސަން ޖެހޭ ކަމަށް ވިދާޅުވި


ހަމައެކަނި ޖޭއެސްސީ ބަދަލުކުރުމުން ދާއިރާ އިސްލާހެއް ނުވާނެ, ގާނޫނުތައް ވަށާޖައްސަން ޖެހޭ: ނަޝީދު

13 އޮކްޓޯބަރު 2021 - 15:58 0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕޮޒިޝަން އިސްލާހުކޮށްގެން ޝަރުއީ ނިޒާމަށް ފުރިހަމަ އިސްލާހެއް ނުގެނެވޭނެ ކަމަށާއި ބޭނުން ވަނީ ގާނޫނުތައް ވަށައިޖެހޭ ގޮތަށް އިސްލާހުކުރަން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހަމަލާއަށްފަހު ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ފަސް މަސް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު, އެނބުރި ރާއްޖެ ވަޑައިގެން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ނަޝީދު މިއަދު ވިދާޅުވީ މިނިވަން ޖުޑީޝިއަރީއެއް ގާއިމް ކުރެވޭނީ ގާނޫނީ ގޮތުން ހުރި އުނި ކަންތައްތައް ފޫބައްދައިގެން ކަމަށެވެ.

ޖޭއެސްސީ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެކެވެ. ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އެމްޑީޕީގެ އެޖެންޑާގައި ވެސް ހިމަނާފައިވެ އެވެ. ނަމަވެސް, މިހާތަނަށް އެ މަސައްކަތް ކޮށްފައިނުވާއިރު ނަޝީދާއި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބޭފުޅުންތަކެއް ކޮމިޝަންގައި މިހާރު ތިއްބަވާތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އެކުލަވާލާފައިވަނީ ކެނެޑާގެ ޕްރޮފެސަރެއްގެ ނަޒަރިއްޔާތުގެ މައްޗަށް ބިނާކޮށް، ކޮމަންވެލްތުގެ އިރުޝާދުގެ މަތިންނެެވެ. އެއީ ކޮމަންވެލްތުގެ ގިނަ ގައުމުތަކުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން އެތުރިފައިވާ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންނަމަވެސް, އެފަދައިން އެތުރިފައި އޮތުމަކީ ކަންބޮޑުވުމެއްކަން ފާހަގަ ކުރެއްވި އެވެ.

"ޖޭއެސްސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި [އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯ] ވެސް ވާނީ ކަނޑައަޅާފަ، ލިޔެފައި. އެހެންނަމަވެސް މެނިފެސްޓޯގަވެސް އޭރަކުވެސް ނެތް ސީދާ އެއީ ކޮންބަދަލެއްތޯ. ސިޔާސީ ބޭފުޅުން ހިމަނާނެތޯ، ޖުޑީޝިއަރީގެ ބޭފުޅުން ހިމަނާނެ ތަނެއްތޯ، އެއީ ސިޓިން ޖަޖުން ތިބޭ ތަނެއްތޯ," ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިން ނަޝީދު ވިދާޅުވީ ޖޭއެސްސީ އިސްލާހުކުރުން ހިމަނާފައި އޮތީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމުގެ ތެރެއިން ކަމަށެވެ.

ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން ނިންމާފައި ވަނީ ވެރިކަމުގެ ނިޒާމްއަށް ގެންނަ ބަދަލާއެކު. މެނިފެސްޓޯ އެކުލަވާލިއިރު މިކަން ކަމަށްވަނީ ވަރަށް ސާފުކޮށް އެއްބަސްވެފައި.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށްފަހު ޖޭއެސްސީއަށް ގެންނާނެ ބަދަލުތައްވެސް އއ. އުކުޅަހުގައި އެމްޑީޕީއިން ހުށަހެޅި ޖަޒީރާ މެނިފެސްޓެ ވައުދު ނާމާގައިވެ އެވެ.

އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ހުށަހަޅާފައިވާ ގޮތް


ޖޭއެސްސީ ގެ މެންބަރުން ކަނޑައަޅާއިރު ފަނޑިޔާރުންނާއި، މާގާމުގެ ހައިސިއްޔަތުން ޢައްޔަންކުރެވޭ ފަރާތްތައް ކޮމިޝަންގައި ނުހިމެނުން. * ކޮމިޝަންގައި ހިމެނޭ ހުރިހާ މެންބަރުންނަކީ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކަށްވުމާއެކު، އެއްވެސް މެންބަރަކީ ވަކި ދާއިރާއަށް ހާއްސަވެފައިވާ މީހަކަށް ވާން ނުޖެހުން. * މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީއެއް އޮތުމާއި، ކުށުގެ ރެކޯޑެއް ނެތުންފަދަ ޝަރުތުތަކެއް ކަނޑައެޅިފައި އޮތުން * ޖޭއެސްސީ ގެ ނިންމުންތައް އެއްވެސް ކޯޓަކުން ނުބެލޭނެކަމަށް ގާނޫނުގައި ކަނޑައަޅައި ބަޔާންކުރުން * ޖޭއެސްސީގެ ދައުރަކީ ތިން އަހަރުކަމުގައި ހެދުން.

އެމްޑީޕީގެ މެނިފެސްޓޯ ކުރިން އާންމުކުރި ނަމަވެސް ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕާޓީތަކުގެ މެދުގައި އޭރު އޮތީ ގުޅިފައިވާ ވެރިކަމެއް އުފެއްދުމަށް އެއްބަސްވުމަކަށް އާދެވިފަ އެވެ. އަދި ލީޑަރުންނަށް އެއްބަސްވެވޭ ގޮތަށް ސަރުކާރު އެކުލަވާލުމަށް ނިންމައިފަ އެވެ.

އެއާއެކު އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ ވައުދުތައް ހިމެނޭ ގޮތުން ގުޅިފައިވާ ކޯލިޝަންގެ މެނިފެސްޓޯއެއް ނެރުމަށް ނިންމި އެވެ.

އެ ނިންމުމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ރާއްޖޭގެ ނިޒާމު ބަދަލުކުރުމުގެ ބަޔާއި، ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރުމުގެ ބައި ވަނީ އުނިކޮށްފަ އެވެ.

މެނިފެސްޓޯގައި ސީދާ ނެތް ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ވަރަށް ހަރު އަޑުން ދެއްކި އެވެ. ނަމަވެސް، ވެރިކަމަށް އައުމަށްފަހު އެކަން ކޮށްފައިނުވާއިރު، ރިޔާސީ ވައުދަކާ ހިލާފުވެފައިވާ ކަމުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެއާއެކު ޖޭއެސްސީއަށް މެމްބަރުން ކަނޑައަޅާ އުސޫލު ބަދަލު ކުރުން ލަސްވެފައިވާ ކަމަށާއި އެކަމަކު ސަރުކާރުގެ މި ދައުރުގެ ތެރޭގައި އެކަން ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮންނަ ގޮތް

ގާނޫނުއަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތަށް ބަލާއިރު އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން މިހާރު ތިއްބަވަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކާއި، މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަ އެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

އެހެންވެ ޖޭއެސްސީ މެދުވެރިކޮށް، އެ ކޮމިޝަންގައި އޭރަކު ތިއްބަވާ ސިޔާސީ ބޭފުޅުން ބޭނުންވާ ގޮތަކަށް ޝަރުއީ ނިޒާމު ބައްޓަން ކުރަމުންދާ ކަމަށް ބުނެ، އެކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.