Advertisement

ބަރުލަމާނީއާބެހޭ އިތުރު ވާހަކައެއް ނަޝީދު ދައްކަވާނީ ރައީސް ސޯލިހާ މަޝްވަރާކުރުމަށްފަހު

13 އޮކްޓޯބަރު 2021 - 14:26 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މިދިޔަ އާދީއްތަ ދުވަހު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން ރައީސް ސޯލިހު މަރުހަބާ ދަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް


ބަރުލަމާނީއާބެހޭ އިތުރު ވާހަކައެއް ނަޝީދު ދައްކަވާނީ ރައީސް ސޯލިހާ މަޝްވަރާކުރުމަށްފަހު

13 އޮކްޓޯބަރު 2021 - 14:26 0

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމާ ގުޅޭ އިތުރު ވާހަކައެއް ދައްކަވާނީ އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ބޭނުން ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހްގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު އެދިވަޑައިގެންގައި އޮތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާއިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.

މެއި 6 ގައި ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެމަނިކުފާނު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމު ގެންނަން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު އަމާޒުވި އެވެ.

އެ ސުވާލާ ގުޅިގެން، ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން އިތުރު އެއްވެސް އެއްޗެއް ވިދާޅުވާނީ ރައީސް ސޯލިހާ ފުރިހަމައަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

"ތިމަކާ ގުޅޭ އިތުރު އެއްވެސް އެއްޗެއް ދަންނަވާނީ ރައީސް ސޯލިހާ ފުރިހަމައަށް މަޝްވަރާ ކުރެވުނީމަ. މިކަމާ ގުޅޭގޮތުން އެހެން ނޫސްވެރިއަކު ސުވާލު ކުރެއްވިޔަސް އަޅުގަނޑު ތަކުރާރުކުރާނީ ހަމަ މި ޖަވާބު،" ނިޒަމާ ގުޅޭ އިތުރު ވާހަކައެއް ނުދައްކަވާނެ ކަމަށް ހާމަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.

އެކަމަކު ނިޒާމުގެ ބަހުސް އަލުން ހުޅުވާލަައި ގޮތެއް ނިންމަން އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ގެންދަވަނީ ގޮވާލައްވަމުންނެވެ.

އެކަމަށް ގޮވާލައި، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންތަކެއް ދަނީ ޕެޓިޝަނެއް ހުށަހެޅުމަށް މުޅި ރާއްޖޭން ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރައީސް ސޯލިހާ ސުލްހަވެއްޖެ ކަމުގެ އިޝާރާތެއް

ނިޒާމު ބަދަލުކުރުމުގެ ހިޔާލުތަފާތުވުމުގެ ތެރެއިން، ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު އިތުރަށް ހުރެވެން ނެތް ކަމަށް ވެސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އޭގެ ފަހުން ދެ ރައީސުންގެ ކޯޅުން މައިތިރިވެފައިވާ ކަމުގެ މަލަމަތި ފެންނަން ފަށާފައިވާއިރު އެކަމާ ގުޅޭގޮތުން ވެސް ނަޝީދަށް މިއަދު ސުވާލެއް އަމާޒުވި އެވެ.

އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، ނަޝީދު ވިދާޅުވީ އެއްވެސް ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާއާ ނުވަތަ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ވާހަކަ ނުދައްކާ ހުންނެވުމުގެ ވިސްނުމެއް ނޫނީ ނިޔަތެއް ވެސް ނުގެންގުޅުއްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކަކީ އެމްޑީޕީގެ ފިކުރާއި ސިޔާސަތާ އެއްގޮތަށް ފަރުމާކުރެވިފައިވާ ބިލުތަކަކަށް ވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

"އެއީ އަޅުގަނޑުމެން ދެ މީހުން ފުންކޮށް ދައްކަން އޮތް ވާހަކައަކީ. ކުރިއަށް ތަނުގައި އެ މަޝްވަރާ ކުރެވިގެން މަސައްކަތް ކުރިއަށް ގެންދެވޭނެ،" ރައީސް ސޯލިހާ މެދު އޮތް ހިޔާލުތަފާތުވުމަކީ އެއީ ކަމަށް އިޝާރާތްކުރައްވައި ނަޝީދު އިތުރަށް ވިދާޅުވި އެވެ.