Advertisement

ކޮވިޑާއެކު ބޭހާ، ޓެސްޓް ކިޓް އަދި ޕީޕީއީއަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފި

13 އޮކްޓޯބަރު 2021 - 14:20 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ކޮވިޑް-19 އަށް ޓެސްޓުކުރަނީ. -- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު


ކޮވިޑާއެކު ބޭހާ، ޓެސްޓް ކިޓް އަދި ޕީޕީއީއަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފި

13 އޮކްޓޯބަރު 2021 - 14:20 0

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ހަރަދުތަކުގެ ތެރެއިން ބޭހަށާއި ޓެސްޓް ކިޓް އަދި ޕީޕީއީ އަށް ކުރި ހަރަދު އެއް ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފާސްހިސާބު ފިނޭންސް މިނިސްޓްރީން ދަނީ ކޮންމެ ހަފުތާއަކު ހާމަކުރަމުންނެވެ.

އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޫބަރު ހަތް ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑާ ގުޅިގެން ސިއްހީ އަދި އިޖުތިމާއީ ހަރަދުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މީގެ ތެރެއިން 1.1 ބިލިއަން ރުފިޔާ އަކީ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހާ، ޓެސްޓުކުރުމަށް ބޭނުންވާ ކިޓްގެ އިތުރުން ފްރަންޓްލައިން މަސައްކަތްތެރިންނަށް ބޭނުންވާ ޕީޕީއީ ހޯދުމަށް ކޮށްފައިވާ ހަރަދެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ސަރުކާރުން ވަނީ ކޮވިޑް-19 އާއި ގާއިމުކޮށްފައިވާ ފެސިލިޓީތަކަށާއި އެތަންތަނަށް ބޭނުންވާ މެޝިނަރީޒް އަދި ފަރުނީޗަރަށް 201.9 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ހިދުމަތްތައް ފޯރުކޮށްދިނުމަށް 205.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް 177.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ކޮވިޑް-19 އާއި އެކު ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރި ހަރަދުތަކުގެ ތެރޭގައި ސަބްސިޑީޒް އަދި ގްރާންޓްސްގެ ގޮތުގައި 164.9 މިލިއަން ރުފިޔާ ހިމެނެ އެވެ.

ބަލިމަޑުކަމާއެކު ދިމާވި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ވަނީ 1.8 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި ރިކަވަރީ ލޯން ސްކީމްގެ ދަށުން ވިޔަފާރިތަކަށް ދޫކުރި 1.2 ބިލިއަން ރުފިޔާ ހިމެނެ އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކުރި 421 މިލިއަން ރުފިޔާގެ އިތުރުން ފެން އަދި ކަރަންޓު ބިލްތަކުން ސަބްސިޑީގެ ގޮތުގައި ދިން 198.4 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ހަރަދުތަކެއް ސަރުކާރުން ކުރަމުން އަންނަ އިރު، ބަލިމަޑުކަމާ ގުޅިގެން ކުރި ހަރަދު މިހާރު ވަނީ 3.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.