Advertisement

އިންޑިއާގެ ރެކޯޑަކަށް ނިމުން ގެންނަން ރާއްޖެ އަށް ބޮޑު ފުރުސަތެއް

13 އޮކްޓޯބަރު 2021 - 13:18 0

ލަންކާ ކޮޅަށް ގޯލު ޖެހުމަށް ފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު


އިންޑިއާގެ ރެކޯޑަކަށް ނިމުން ގެންނަން ރާއްޖެ އަށް ބޮޑު ފުރުސަތެއް

13 އޮކްޓޯބަރު 2021 - 13:18 0

ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްބޯޅައިގެ ރަސްގެފާނަކީ އިންޑިއާއޭ ބުނުމުން ދެބަސްވެވޭކަށް ނެތެވެ. އެ ކަމަށް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ހުރިހާ ޓީމަކުން ވެސް އެއްބަސްވާނެ އެވެ. އެއީ މިހާތަނަށް ނިމުނު 12 މުބާރާތުގެ ތެރެއިން ހަތް މުބާރާތުގެ ތަށި އިންޑިއާ އިން ހޯދާފައިވާތީ އެވެ. އެހެންވެ، އެ ޓީމާ ދެކޮޅަށް ނުކުންނަ ކޮންމެ މެޗެއްގެ ކުރިން އިދިކޮޅަށް އޮންނަ ޓީމުން އެކަން ފާހަގަކުރެ އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވޭނީ އިންޑިއާ ބަލިކޮށްގެން ކަމަށް މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ބަންގްލަދޭޝްގެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން، ރާއްޖޭގެ ކޯޗު އަލީ ސުޒޭން އަދި ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ ވަނީ ބުނެފަ އެވެ.

އިންޑިއާ ބަލިކުރުން އެއީ ޗެލެންޖެއްގެ ގޮތުގައި ނަގައި ކޮންމެ ޓީމަކުން އެކަން ކުރަނީ ކޮންފިޑެންސާ ހުރިހާ ކަމަކަށް ރަނގަޅެއްގެ ގޮތުގަ އެވެ. ސަރަަހައްދީ ފުޓްބޯޅައިގައި ނަން ގުނާލެވޭ ޓީމަކަށް ވުމުުގެ ބޭނުުމުގަ އެވެ. އެކަމަކު، މި ފަހަރު ރާއްޖެ އަށް ފުރުސަތު ލިބިފައި މި އޮތީ އިންޑިއާ އިން މުބާރާތުގައި ދަމަހައްޓަމުން އަންނަ ރެކޯޑަކަށް ނިމުން ގެނައުމުގެ ފުރުސަތެވެ.

އިންޑިއާ އިން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ކޮންމެ ދެ މުބާރާތަކުން އެއް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އިންޑިއާ ބަލިކޮށްފައި ރާއްޖޭން ހޯދިއިރު، މި ފަހަރުގެ ފައިނަލަށް އިންޑިއާ ދިޔަނުދިނުމުގެ ފުރުސަތު މި އޮތީ ރާއްޖެ އަށެވެ.

އިންޑިއާ ވަރުގަދަތަ؟ އިންޑިއާ އޮތީ ފޯމުގަތަ؟

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ކުރިމަތިލިއިރު، އިންޑިއާ އޮތީ ޕްރެޝަރުގަ އެވެ. ސަބަބަކީ ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމު ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުން ކަމަށްވާތީ އެވެ. އެއީ ގަތަރުގެ ދޯހާގައި މިދިޔަ ޖޫން މަހު ބަންގްލަދޭޝް އަތުންނެެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މިދިޔަ މަހު ނޭޕާލާ ދެކޮޅަށް އިންޑިއާ އިން ދެ މެޗެއް ވަނީ ކުޅެފަ އެވެ. ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އެއްވަރުވީ 1-1 އިންނެވެ. ދެ ވަނަ މެޗުގައި އިންޑިއާ މޮޅުވީ 1-2 އިންނެވެ.

މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ދެ މެޗުން އިންޑިއާ އަށް މޮޅެއް ނުލިބެ އެވެ. ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ސްރީ ލަންކާ އިން ވަނީ އިންޑިއާ އިން ލަނޑެއް ޖެހިޔަނުދީ 0-0 އިން އެއްވަރުކޮށްފަ އެވެ. ނަތީޖާ ނެރެން މަޖުބޫރު މެެޗެއްގެ ގޮތުގައި ނުކުމެ، އިންޑިއާ އިން ވަނީ 1-0 އިން ނޭޕާލް ބަލިކޮށްފަ އެވެ. އެ ހިސާބުން އިންޑިއާ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް އަށް "ހަމަނޭވައެެެއް" ލެވުނީ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓިމަކް އޭނާ އަށް އޮތް ޕްރެޝަރާ ބެހޭގޮތުން ސީދާ ވާހަކަ ދައްކަން ބޭނުންނުވި ނަމަވެސް އޭނާ ސުވާލުތަކަށް ޖަވާބުދޭއިރު ބޭނުންކުރާ އިބާރާތްތަކުން ޕްރެޝަރު އޮތް މިންވަރު ހާމަވެ އެވެ.

ހާއްސަކޮށް އިންޑިއާގެ ފުޓްބޯޅަ ސަޕޯޓަރުންނާއި މީޑިއާ އަށް އަމާޒުކޮށް "އެމީހަކު ބޭނުން އެއްޗެއް ލިޔުމުގެ އިހުތިޔާރު" އޮންނާނެ ކަމަށް ބުނުމަކީ އޭނާ އަށް ކުރިމަތިވަމުން އަންނަ ޗެލެންޖްތަކުގެ ސަބަބުން ބުނެވުނު އެއްޗެއްގެ ގޮތުގައި އިންޑިއާގެ މީޑިއާ އިން ތުހުމަތުކުރެ އެވެ. ސްޓިމަކް އަކީ އިންޑިއާގެ ކޯޗަކަށް އައިސް ފެންވަރު ރަނގަޅު ޓީމެއް އޮވެ، ނަތީޖާ ނުނެރެވޭ ކޯޗެއްގެ ގޮތުގައި އެ ގައުމުގެ ފުޓްބޯޅަ ކޮމިއުނިޓީގެ ގިނަ ބަޔަކު ވަނީ މީގެ ކުރިން އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކައިފަ އެވެ.

ރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސްޓިމަކް ވަނީ އިއްޔެ ވަނީ ރާއްޖެ އަށް ތައުރީފު ކުރުމަށް ފަހު ވެސް ނުސީދާކޮށް އިންޒާރެއް ދީފަ އެވެ. އެއީ ރާއްޖޭން މިހާތަނަށް މެޗުތަކުގައި ދައްކަމުން އައި މޮޅު ކުޅުން ދައްކަން ފުރުސަތު ލިބޭނީ "އިންޑިއާ އިން އެކަން ކުރަން ޖާގަދޭނަމަ" ކަމަށް ބުނެ އެވެ.

މުޅި މުބާރާތަށް ބަލާއިރު އެކި މެޗުތަކަށް ފުރަތަމަ އެގާރަ އެންމެ ބޮޑަށް ބަދަލުކުރި ޓީމަކީ އިންޑިއާ އެވެ. އެހެންވެ، މިރޭގެ މެޗުގައި އެ ޓީމުން ބޭނުންކުރާނެ ފުރަތަމަ އެގާރަ އަކީ ރާއްޖެ އަށް ސީދާ އެޓޭކްކުރަން ރާވާ ރޭވުމަކަށް ވާނެ އެވެ.

އަނެއްކޮޅުން އިންޑިއާ އަށް މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި މިރޭގެ މެޗު އޮތްއިރު، މި ވަގުތު އެ ޓީމަށް ކުރިމަތިވާނެ ޕްރެޝަރު ދެގުނަވާނެ އެވެ.

ރާއްޖެ އަށް ރަނުގެ ފުރުސަތެއް!

ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން 2008 އާއި 2018 ވަަނަ އަހަރު ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ. އެކަމަކު، އެ ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް ރާއްޖެ ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ. އެ ގޮތުން 2008 ވަނަ އަހަރު މާލޭގައި އިންޑިއާ އަތުން 1-0 އިން ބަލިވިއިރު، 2018 ވަނަ އަހަރު ބަންގުބަންދު ސްޓޭޑިއަމްގައި ރާއްޖެ ބަލިވީ 2-0 އިންނެވެ.

ރާއްޖޭން 2008 ވަނަ އަހަރު ލަންކާގެ ކޮލަމްބޯގައި ކުޅުނު ފައިނަލުން މޮޅުވީ 1-0 އިންނެވެ. އަދި ބަންގްލަދޭޝްގައި މީގެ ތިން އަހަރު ކުރިން ކުޅުނު ފައިނަލުން މޮޅުވީ 2-1 އިންނެވެ.

މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ރާއްޖެ ބަލިވި ނަމަވެސް އޭގެ ފަހުން ކުުޅުނު ދެ މެޗުން މި ވަނީ ބަންްގްލަދޭޝް އަތުން 2-0 އިންނާއި ލަންކާ އަތުން 1-0 އިން މޮޅުވެފަ އެވެ. އެ ދެ މެޗަށް ވުރެ މިރޭ މި ކުރިމަތިލާން ޖެހޭ ޗެލެންޖް ބޮޑެވެ.

މާލޭގައި، ރާއްޖެ އާއި އިންޑިއާ މިހާތަނަށް ތިން ފަހަރު ބައްދަލުކޮށްފައިވާއިރު، ރާއްޖެ މޮޅުވީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގަ އެވެ. އޭގެ ފަހުން ކުޅުނު ދެ މެޗުން އެއް މެޗު އެއްވަރުވިއިރު، އަނެއް މެޗުން ބަލިވީ އެވެ.

ސަރަހައްދުގެ ފުޓްބޯޅައިގައި އިންޑިއާ އަތުން އެންމެ ގިނައިން މޮޅުވުމުގެ ރެކޯޑް އޮތީ ރާއްޖެ އަތުގަ އެވެ. އެ ރެކޯޑަށް އިތުރު ފުރިހަމަކަމެއް ގެނެވެން އޮތީ އިންޑިއާ އަތުގައި އޮތް ބޮޑު ރެކޯޑަކަށް ނިމުން ގެނެސްގެންނެވެ. މިރޭ އިންޑިއާ އަތުން ރާއްޖެ މޮޅުވެއްޖެނަމަ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ ފަަހަރުން އެއް ފަހަރު އިންޑިއާ އިން ތަށި ހޯދަމުން އަންނަ އިންޑިއާގެ އެ ރެކޯޑަށް ނިމުން އައީ އެވެ. އަދި 2003 ވަަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއާ ނެތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލެއް ކުޅެލުުމުގެ ފުރުސަތު ލިބޭނެ އެވެ.

ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.