Advertisement

ހުކުމް އިއްވައި، ހައިކޯޓުގެ ލޮބީގައި ބައިންދާފައި އިންދާ ފިލައިފި

13 އޮކްޓޯބަރު 2021 - 13:16 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ހައިކޯޓު: ކޯޓުގެ ލޮބީ އޭރިއާއިން ކުށްވެރިއަކު ވަނީ ފިލާފައި --


ހުކުމް އިއްވައި، ހައިކޯޓުގެ ލޮބީގައި ބައިންދާފައި އިންދާ ފިލައިފި

13 އޮކްޓޯބަރު 2021 - 13:16 0

ވައްކަމުގެ މައްސަލައެއްގައި ހުކުމް އިއްވައި, ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މީހަކު ހައިކޯޓުން ފިލައިފި އެވެ.

ހައިކޯޓުން ފިލާފައިވަނީ މއ. ވިއަވަތި ޝިނާހް އާމިރެވެ.

ހުކުމް ތަންފީޒުކުރަން ކަރެކްޝަނަލް ސާވިސްއިން އޭނާ ބަލައި އަންނަދެން އިއްޔެ ހައިކޯޓުގެ ލޮބީ އޭރިއާގައި ބައިންދާފައި ވަނިކޮށް ޝިނާހް ފިލީ މުވައްޒަފުންނަށް އޮޅުވާލުމަށްފަހު ދުއްވައިގަނެގެންކަން މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ނަމަވެސް, އިއްޔެ ހައިކޯޓުގައި ހިނގައިދިޔަ މިކަމާ ގުޅިގެން އެ ކޯޓުން އެއްވެސް އެއްޗެއް ނުބުންޏެވެ.

ހައިކޯޓު ހުންނަ ސަރަހައްދަކީ ބާޒަރުމަތި ކަމުން ކާރޫބާރުބޮޑު ސަރަހައްދެކެވެ. އެ ސަރަހައްދުން އިއްޔެ ފިލި ޝިނާހް މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވި ގޮތުގައި ޝިނާހް ފިލާފައިވާކަން އަންގައި އިއްޔެ ހައިކޯޓުން ވަނީ އެ ސާވިސްއަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި, ފުލުހުންގެ ކިބައިން އެދިގެން އޭނާ ހޯދުމަށް ކޯޓުން ވަނީ ސިޓީގައި އަންގާފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޝިނާހަށް ދައުވާކޮށްފައިވަނީ ޖަމާއަތް ހަދައިގެން ގެއަކަށް ވަދެ ވައްކަން ކުރި މައްސަލައެއްގަ އެވެ. ގެއަކަށް ވަދެ އެ ގޭގެ ކަބަޑުގައި ފައިސާތަކަކާއި ކެމެރާއެއް ޝިހާން އާއި އިތުރު ބަޔަކު ވަގަށް ނެގީ 2013 ވަނަ އަހަރު އެވެ. ނަމަވެސް, ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ނެތް ކަމަށް ކަނޑައެޅި އެވެ. އެއީ 2019 ވަނަ އަހަރު އެވެ.

މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން, އެ ކޯޓުން އިއްޔެ ކަނޑައަޅާފައިވަނީ ޝިހާންގެ މައްޗަށް ވައްކަމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށެވެ. އެހެންވެ, އޭނާގެ މައްޗަށް ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

މި ހުކުމް ނެރުއްވީ ފަނޑިޔާރު އަބްދުالله ހަމީދާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ.