Advertisement

ދެ ކޮރެއާގެ މެދުގައި ހަމަނުޖެހުން ހިނގަނީ އެމެރިކާއާ ހެދި: ކިމް ޖޮންގް-އުން

13 އޮކްޓޯބަރު 2021 - 12:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. -- ފޮޓޯ: އޭއެފްޕީ


ދެ ކޮރެއާގެ މެދުގައި ހަމަނުޖެހުން ހިނގަނީ އެމެރިކާއާ ހެދި: ކިމް ޖޮންގް-އުން

13 އޮކްޓޯބަރު 2021 - 12:56 0

ސޯލް، ދެކުނު ކޮރެއާ (އޮކްޓޯބަރު 13) - ދެ ކޮރެއާގެ މެދުގައި ހަމަނުޖެހުން ހިނގަނީ އެމެރިކާއާ ހެދި ކަމަށް ވިދާޅުވެ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ފާޑުވިދާޅުވެއްޖެ އެވެ.

އެމެރިކާ އިން "އަޅާ ނުބައި ފިޔަވަޅުތަކާއި ނިންމުންތަކުގެ ސަބަބުން" އުފެދޭ މައްސަލަތައް ހައްލު ކުރަން އުނދަގޫވާ ކަމަށް "ސެލްފް ޑިފެންސް 2021" މައުރަޒު ހުޅުއްވައި ދެއްވަމުން ކިމް ވިދާޅުވި އެވެ.

އުތުރު ކޮރެއާ އިން ހިންގާ ނިޔުކްލިއާ ހަތިޔާރާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމުތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ އެ ގައުމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ނަމަވެސް ކިމްގެ ލީޑާޝިޕްގެ ދަށުން އުތުރު ކޮރެއާގެ ހަތިޔާރުތައް ގިނަވެ، ވަރުގަދަ ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް ގެންދަމުންނެވެ.

އެގޮތުން 2017 ވަނަ އަހަރު އުތުރު ކޮރެއާ އިން ވަނީ އެމެރިކާއާ ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްތައް ޓެސްޓުކޮށް، ބޮޑެތި ނިޔުކްލިއާ ގޮވުންތައް ގޮއްވާފަ އެވެ. އުތުރު ކޮރެއާ އިން ބުނަނީ ހަތިޔާރު ބޭނުން ވަނީ އެމެރިކާއާ ދެކޮޅަށް ދިފާއުވުމަށް ކަމަށެވެ.

ނަމަވެސް އެމެރިކާ އިން ތަކުރާރުކޮށް ބުނެފައި ވަނީ އުތުރު ކޮރެއާ އަށް ހަމަލާ ދޭން ނުވިސްނާ ކަމަށެވެ. އެކަމަކު ކިމް އަންގާރަ ދުވަހު ވިދާޅުވީ އެމެރިކާ އިން އަމަލު ކުރަނީ ދައްކާ ވާހަކައާ އެއް ގޮތަށް ނޫން ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ އެމެރިކާ އިން ދައްކާ ވާހަކަ ގަބޫލުކުރާ އެންމެ މީހަކު ވެސް އެބަހުރި ބާ އޭ. އެފަދަ ބަޔަކު އުޅޭ ނަމަ އެއީ ކޮން ބަޔެއް ތޯ ބަލައިލަން އަޅުގަނޑު ޝައުގުވެރިވޭ،" އުތުރު ކޮރެއާގެ ރަސްމީ ނިއުސް އެޖެންސީ ކޭސީއެންއޭ އިން ކިމް ވިދާޅުވި ކަމަށް ރިޕޯޓު ކުރި އެވެ.

އުތުރު ކޮރެއާގައި ކިމް އިއްޔެ ހުޅުއްވައިދެއްވި މައުރަޒަކީ އެ ގައުމުގެ ހަތިޔާރުތަކާއި ބާރު ދައްކާލުމަށް ހާއްސަ މައުރަޒެކެވެ.