Advertisement

ޓިއުނީޝިއާގެ ސަރުކާރު އިއުލާނު ކުރުމުން އެމެރިކާއިން މަރުހަބާ ކިޔައިފި

13 އޮކްޓޯބަރު 2021 - 10:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓިއުނީޝިއާގެ އާ ބޮޑު ވަޒީރު ނަޖްލާ ބޫދެން. -- ފޮޓޯ: އޭއެފްޕީ


ޓިއުނީޝިއާގެ ސަރުކާރު އިއުލާނު ކުރުމުން އެމެރިކާއިން މަރުހަބާ ކިޔައިފި

13 އޮކްޓޯބަރު 2021 - 10:50 0

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 13) - ޓިއުނީޝިއާގެ ރައީސް ހުރިހާ ބާރެއް ނެންގެވިތާ ތިން މަސް ފަހުން އާ ސަރުކާރެއް އިއުލާނު ކުރުމުން އެމެރިކާ އިން މަރުހަބާ ކިޔައިފި އެވެ.

"ދިހަ އަންހެން މިނިސްޓަރުން ހިމެނޭ އާ ސަރުކާރަކީ ގައުމަށް ދިމާވެފައިވާ ބޮޑެތި އިގްތިސާދީ، ސިއްހީ އަދި އިޖުތިމާއީ ގޮންޖެހުންތައް ހައްލު ކުރުމަށް ކުރިއަށް އެޅޭ ފިޔަވަޅެއް،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ ގާނޫނު އަސާސީގެ ހަމަތަކާ އެއް ގޮތަށް އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަކަށް ޓިއުނީޝިއާގެ ކަންކަން ކުރިއަށް ދާނެ ކަމަށް."

މިދިޔަ ހޯމަ ދުވަހު އިއުލާނު ކުރި އާ ސަރުކާރުގައި ހިމެނޭ ނަޖްލާ ބޫދެން އަކީ ޓިއުނީޝިއާގެ އެންމެ ފުރަތަމަ އަންހެން ބޮޑު ވަޒީރެވެ. އެކަމަނާ ވައުދުވެވަޑައިގެންނެވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ.

އާ ސަރުކާރު އިއުލާނު ކުރި ނަމަވެސް ބައެއް ފަރާތްތަކުން ފާޑުކިޔަމުން ބުނެފައި ވަނީ ބޮޑު ވަޒީރުގެ ބައެއް ބާރުތައް ރައީސް ކައިސް ސައީދު ނަންގަވާފައިވާ ކަމަށާއި ބޮޑު ވަޒީރަކު ހުންނެވި ނަމަވެސް ސަރުކާރުގެ އެންމެ އިސް ވެރިޔަކަށް ވާނީ ރައީސް ކަމަށެވެ.

އުމުރުން 63 އަހަރުގެ ރައީސް ސައީދަކީ 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތަކުން ވެރިކަމަށް ވަޑައިގެންނެވި ސިޔާސީ ދާއިރާއަށް މުޅިން އާ ބޭފުޅެކެވެ. އޭގެ ކުރިން ސައީދަކީ ގާނޫނު ކިޔަވައިދެއްވި ލެކްޗަރާ އެކެވެ.

ރައީސަށް ލިބިގެންވާ ބާރުގެ ބޭނުންކޮށް ބޮޑު ވަޒީރު މަގާމުން ދުރުކޮށް، ޕާލިމެންޓު ސަސްޕެންޑު ކުރީ ޖުލައި 25 ވަނަ ދުވަހު އެވެ. ރައީސްގެ އަމަލުތަކަކީ "ބަގާވާތެއް" ކަމަށް ސިފަކޮށް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

އެގޮތަށް އަމަލު ކުރެއްވީ ޕާލިމެންޓު ތެރޭގައި އޮތް ސިޔާސީ ޒުވާބުތަކާ ހެދި ވެރިކަން ހިންގުމަށް ދަތިވެފައި ވަނިކޮށެވެ. އޭގެ ފަހުން ކޮރަޕްޝަނާ ދެކޮޅަށް ފެށި ބޮޑު ކެމްޕެއިނެއްގެ ދަށުން ގިނަ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނާއި ޖުޑިޝަރީއާ ގުޅޭ މީހުން ހައްޔަރުކޮށް، ގޭބަންދުކޮށް، ގައުމުން ފުރުން ވަނީ މަނާކޮށްފަ އެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކުގައި 2010 ވަނަ އަހަރު ހިނގި "އަރަބް ސްޕްރިންގް" އިންގިލާބުތަކަށް ފަހު ކާމިޔާބުކަމާއެކު ޑިމޮކްރެސީ ހިނގަމުންދާ ހަމައެކަނި ގައުމަކީ ޓިއުނީޝިއާގެ ގޮތުގައި މީގެ ކުރިން އޮތީ ބެލެވިފަ އެވެ.

ނަމަވެސް ޑިމޮކްރަސީ ގެނެވުނާ 10 އަހަރު ފަހުން، އެ ގައުމުގެ 12 މިލިއަން މީހުން ދެކޭ ގޮތުގައި މާ ބޮޑު ތަފާތެއް ފެނިފައެއް ނުވެ އެވެ. އެގޮތުން ދިރިއުޅުމުގެ ފެންވަރަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށާއި ސިޔާސީ ތަޅާފޮޅުމުގެ ސަބަބުން ހިތްހަމަނުޖެހޭ ކަމަށް ރައްޔިތުން ބުނެ އެވެ.

އޭގެ އިތުރުން އެންމެ ފަހުން އުވާލި ސަރުކާރުން ވަނީ ގިނަ ކަންކަމުގައި ފެއިލްވެފައި ކަމަށާއި އޭގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުން ހިމެނޭ ކަމަށް ރައްޔިތުން ދެކެ އެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ދުނިޔޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވާ އެއް ގައުމަކީ ޓިއުނީޝިއާ އެވެ.

މީގެ 10 އަހަރު ކުރިން ހިންގި އިންގިލާބަށް ފަހު ބަރުލަމާނީ ނިޒާމުގެ ވެރިކަމެއް އޮންނަ ޓިއުނީޝިއާގައި ނުވަ ސަރުކާރު މަސައްކަތް ކޮށްފައި ވެ އެވެ. ސިޔާސީ ކޯޅުމާ ހެދި ބައެއް ސަރުކާރުތައް އުވުނީ އެންމެ ދެ ތިން މަސް ތެރޭގަ އެވެ.