Advertisement

އޭސީސީން ބަލާތީ ވެށިފަހި މީހުންނަށް ގޯތި ދިނުން މަޑުޖެހިފައި

13 އޮކްޓޯބަރު 2021 - 09:51 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް


އޭސީސީން ބަލާތީ ވެށިފަހި މީހުންނަށް ގޯތި ދިނުން މަޑުޖެހިފައި

13 އޮކްޓޯބަރު 2021 - 09:51 2

އެމްޑީޕީގެ ކުރީގެ ސަރުކާރުން ހިންގި ވެށިފަހި ޕްރޮގްރާމްގެ ދަށުން ގޯތި ނުދީ ތިބި ފަރާތްތަކަށް ގޯތި ދިނުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާތީ މަޑުޖެހިފައިވާކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް ވެށިފަހިގެ ނަމުގައި ހިންގި މަޝްރޫއުގެ ދަށުން މާލޭން ކުދި ބިންކޮޅު ދޫކޮށްލުމުން ހުޅުމާލޭން ބިން ހަމަޖައްސައިދޭން ނިންމި އެވެ.

ނަމަވެސް، ބިންކޮޅު ދޫކޮށްލުމަށްފަހުގައި ވެސް އެ ޕްރޮގްރާމްގައި ބައިވެރިވި އެއްވެސް މީހަކަށް އަދި މިހާތަނަށް ބިމެއް ނޫނީ ފްލެޓެއް ވެސް ދީފައެއް ނުވެ އެވެ.

ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންނަށް ވަރަށް އަވަހަށް ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ވަނީ ވިދާޅުވެފަ އެވެ.

އަދި އޭގެ ފަހުން ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންނަށް މިދިޔަ އަހަރުގެ ތެރޭގައި ގޯތި ދޫކުރެވޭނެ ކަމަށް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ބުންޏެވެ.

ނަމަވެސް، މިހާތަނަށް އެ މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެ އެވެ.

ކ. ދިއްފުށީގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތުގެ އަޕްޑޭޓް ހޯދަން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލުކުރަން ދިން ފުރުސަތުގައި ހެންވޭރު ހުޅުނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ވެށިފަހި ޕްރޮގްރާމް ކުރިއަށް ނުދާތީ އެކަމާ ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ވެށިފަހި ޕްރޮގްރާމަކީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ފެށިގެން ނުނިންމި އޮތް މަސައްކަތެއް ކަން ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދަނިކޮށް، އެ މައްސަލަ ބަލަމުންދާކަމަށް ބުނެ، އެ މަސައްކަތް މަޑުޖައްސާލުމަށް ރައީސް އޮފީސް މެދުވެރިކޮށް އޭސީސީން އަންގާފައިވާ ކަމަށެވެ.

"އެކަމުގައި އަޅުގަނޑުގެ އަތް ބަނދެވިފައި މިހުރީ. އަޅުގަނޑު ގަބޫލުކުރަން އެކަން ކުރިއަށްދާންޖެހޭ ކަމަށް. އެކަމަކު އެހެން މުއައްސަސާތަކުން ގާނޫނީ ގޮތުން އަންގާ އެންގުންތަކަށް އަމަލުކުރުމަކީ ލާޒިމުކުރާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް އެ ޕްރޮގްރާމާ ގުޅިގެން އޭސީސީން ބަލަނީ ސީދާ ކޮން މައްސަލައެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ހަސަން ލަތީފްގެ ސުވާލުގައި މާލޭގައި ކުދި ބިންތައް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެށިފަހި ފަދަ އެހެން ޕްރޮގްރާމެއް މި ސަރުކާރުން ހިންގާނެތޯ ވެސް ހިމަނާފައިވާތީ އެކަމަށް ވެސް މިނިސްޓަރު އަލިއަޅުވާލެއްވި އެވެ.

އެގޮތުން، ގުޅިފަޅު ހިއްކައިގެން އެތަނުން 1،200 ގޯތި ނަގަން މި ސަރުކާރުން އިއުލާނުކުރައްވާފައިވާއިރު، އެ ގޯތިތަކުގެ ތެރެއިން ބައެއް ލޮޓުތައް ވެށިފަހި ފަދަ ޕްރޮގްރާމަކަށް ހާއްސަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.