Advertisement

އަފްގާނިސްތާނަށް ދޭ އިންސާނީ އެހީ އިތުރު ކުރަން ޖީ20 އިން އެއްބަސްވެއްޖެ

13 އޮކްޓޯބަރު 2021 - 07:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނުގެ ހަމަނުޖެހުމުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ހިސާބެއްގައި ކުއްޖަކު ޕާން ވިއްކަނީ. -- ފޮޓޯ: އޭއެފްޕީ


އަފްގާނިސްތާނަށް ދޭ އިންސާނީ އެހީ އިތުރު ކުރަން ޖީ20 އިން އެއްބަސްވެއްޖެ

13 އޮކްޓޯބަރު 2021 - 07:10 0

ރޯމް، އިޓަލީ (އޮކްޓޯބަރު 13) - އަފްގާނިސްތާނުގެ އިންސާނީ ކާރިސާ ހައްލު ކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ޖީ20 ގައުމުތަކުން އަންގާރަ ދުވަހު އެއްބަސްވެއްޖެ އެވެ.

އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުންތަކުގައި އިޓަލީން ވަނީ ތާލިބާނާ އެކު މުވާސަލާތު ކުރުމުގެ މުހިއްމުކަން ފާހަގަކޮށްފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ އެއް ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދޭން ވައުދުވެފަ އެވެ.

މިދިޔަ އޯގަސްޓު މަހު ވެރިކަމަށް އައި ތާލިބާނުންގެ ވެރިންނާއި އީޔޫ އާއި އެމެރިކާގެ ވަފުދަކާ ފުރަތަމަ ފަހަރަށް ގަތަރުގައި ސީދާ ބައްދަލުވުންތައް ވަނީ ބާއްވާފަ އެވެ.

އެއަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ވާޗުއަލްކޮށް ޖީ20 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މަޝްވަރާތައް ފެށުމުގެ ގޮތުން އީޔޫ އިން ވަނީ އެއް ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ފޯރުކޮށްދޭން ވައުދުވެފަ އެވެ. އޭގެ ތެރޭގައި މިހާރުން މިހާރަށް ބޭނުންވާ ފައިސާގެ އެހީ ވެސް ހިމެނެ އެވެ.

ތާލިބާނުން ވެރިކަމަށް އައުމާއެކު ޖީ20 ބައްދަލުވުމެއް ބޭއްވުމަށް އެންމެ ބޮޑަށް ބާރު އެޅި އިޓަލީގެ ބޮޑު ވަޒީރު މާރިއޯ ޑްރާގީ ވިދާޅުވީ ތާލިބާނުންނާ އެކު ވާހަކަ ދެއްކޭނެ ގޮތެއް އަބަދުވެސް އޮތުން މުހިއްމު ކަމަށެވެ.

ވާޗުއަލް ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން ބައިވެރިވެވަޑައިނުގަންނަވަ އެވެ. ނަމަވެސް އެ ދެ ގައުމުން ވެސް މަންދޫބުން ބައިވެރިވި އެވެ.

ބޭރުގެ އެހީ އަށް ބަރޯސާވެފައި އޮތް އަފްގާނިސްތާނަށް ފޯރުކޮށްދޭ ހުރިހާ އެހީއެއް މިދިޔަ އޯގަސްޓު މަހުން ފެށިގެން ވަނީ ހިފަހައްޓާފަ އެވެ. އެއާއެކު ކާބޯތަކެތީގެ އަގުތައް އުފުލި، ވަޒީފާ ގެއްލި ބޮޑު އިންސާނީ ކާރިސާއެއް ވަނީ އުފެދިފަ އެވެ.

"ކަރަންޓު ފޯރުކޮށްނުދެވޭތީ އަދި މާލީ ނިޒާމެއް ނެތުމުން 40 މިލިއަން މީހުންގެ ދިރިއުޅުން ހަލާކުވެގެންދާ މަންޒަރު ބަލަން ތިބުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ އަމާޒަށް ވެގެން ނުވާނެ،" ޖަރުމަނުވިލާތުގެ ޗާންސެލަރު އެންޖެލާ މާކަލް ވިދާޅުވި އެވެ.

އަންގާރަ ދުވަހު އޮތް ޖީ20 ބައްދަލުވުމުގައި އދ. އާއި ގަތަރުން ވެސް ބައިވެރިވި އެވެ. އީޔޫ އިން ބުނީ ފޯރުކޮށްދޭ ފައިސާ ދާނީ އަފްގާނިސްތާނުގައި އުޅޭ އެހީދޭ ބޭރުގެ ޖަމިއްޔާތަކަށްކަން ކަށަވަރުކުރާނެ ކަމަށެވެ.

ނަމަވެސް އިޓަލީން ބުނީ ތާލިބާން ސަރުކާރަށް ވެސް އެހީ ލިބުން މުހިއްމު ކަމަށެވެ. ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައިން މިހާތަނަށް ތާލިބާން ސަރުކާރު ބަލައިގަނެފައެއް ނުވެ އެވެ.

އޭގެ އިތުރުން އިންސާނީ ހައްގުތަކާއި އެންމެން ބައިވެރިވުން ހިމަނައިގެން ވެރިކަން ކުރުމާ ގުޅޭ ގޮތުން ތާލިބާނުން ވި ވައުދުތައް ފުއްދަމުން ނުދާ ކަމަށް ގައުމުތަކުން ފާހަގަކުރި އެވެ.