Advertisement

ޔަމަނުގެ މަރިބް ހިފަން ހަނގުރާމަ ވަރުގަދަކޮށް ގިނަ ބަޔަކު މަރުވަނީ

13 އޮކްޓޯބަރު 2021 - 07:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިދިޔަ މާޗް މަހު މަރިބް ސިޓީ އަށް ދިން ވައިގެ ހަމަލާއެއް. -- ފޮޓޯ: އޭއެފްޕީ


ޔަމަނުގެ މަރިބް ހިފަން ހަނގުރާމަ ވަރުގަދަކޮށް ގިނަ ބަޔަކު މަރުވަނީ

13 އޮކްޓޯބަރު 2021 - 07:38 0

ރިޔާދް، ސައުދީ އަރަބިއްޔާ (ސެޕްޓެމްބަރު 12) - ޔަމަނުގެ މަރިބް ސިޓީގައި ކުރަމުންދާ ހަނގުރާމައިގައި ހޫތީ ހަނގުރާމަވެރިންގެ 134 މީހުން މަރާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ބުނެފި އެވެ.

ގިނަ އަދަދެއްގެ ހޫތީ ހަނގުރާމަވެރިން މަރުވި ނަމަވެސް، އެތަނުގެ ދެކުނުގައިވާ ޑިސްޓްރިކްޓެއް ހޫތީންގެ އަތް ދަށަށް ގޮސްފައިވާ ކަމަށް އަސްކަރީ މަސްދަރުތަކުން ބުނެ އެވެ.

ޔަމަނު ހަނގުރާމައިގައި މަރިބް ހިފަން ދޭ ހަމަލާތައް މިދިޔަ މަހު ވަރުގަދަކުރުމާ އެކު އެތައް ސަތޭކަ ބަޔަކު މަރުވެފައި ވެ އެވެ. އޭގެ ތެރޭގައި ހޫތީންނާއި ޔަމަނުގެ އިންތިހާބީ ސަރުކާރުގެ ފައުޖުގެ މެމްބަރުން ވެސް ހިމެނެ އެވެ.

މަރިބް ސިޓީއަކީ ޔަމަނުގެ ތެލުގެ މުއްސަނދިކަން އޮތް އުތުރުގައި ސަރުކާރުގެ ކޮންޓްރޯލް ހިނގާ ހަމައެކަނި ބޮޑު ސަރަހައްދެވެ.

ސަރުކާރަށް ތާއީދު ކުރާ ސައުދީ ކޯލިޝަނުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާތަކުގައި 150 ހޫތީން މަރުވި އެވެ. އޭގެ ފަހުން އަންގާރަ ދުވަހު ވެސް ވަނީ 134 ހޫތީން މަރުވެފަ އެވެ.

"މަރިބްގެ އަބްދިޔާގައި ހޫތީ ހަނގުރާމަވެރިން ދަތުރު ކުރަމުން ދިޔަ ނުވަ އަސްކަރީ އުޅަނދަކަށް ޓާގެޓުކޮށް، 134 މީހުން މަރާލެވުނު،" ސައުދީ ކޯލިޝަނުގެ ބަޔާނެއްގައި ބުންޏެވެ.

ވަރުގަދަ ވައިގެ ހަމަލާތައް ދެމުން ދިޔަ ނަމަވެސް ހޫތީން ތިބީ އެކި ފަރާތްތަކުން މަރިބް ވަށާލައިގެން ކަމަށް އެ މީހުން ތަރުޖަމާނު ޔަހްޔާ ސަރީ ނެރުނު ވީޑިއޯއެއްގައި ބުންޏެވެ.

އަންގާރަ ދުވަހު އަސްކަރީ މަސްދަރުތަކުން ބުނީ މަރިބްގެ ދެކުނުގައިވާ އަލް ޖަވްބާ ޑިސްޓްރިކްޓު ވަނީ ހޫތީންގެ އަތް ދަށަށް ގޮސްފަ އެވެ.

ޔަމަނުގެ ހަތް އަހަރުވީ ހަނގުރާމަ ފެށީ އިންތިހާބީ ސަރުކާރާ ދެކޮޅަށް އިރާނުގެ އެހީއާ އެކު ހޫތީ ހަނގުރާމަވެރިން ތެދުވެ، ވަކި ސަރުކާރެއް ގާއިމްކުރުމުންނެވެ.

ދެހާސް ސާދަ ވަނަ އަހަރު ވެރިރަށް ސަނާ ހިފުމާއެކު ސައުދީ ކޯލިޝަނުން ޔަމަނު ސަރުކާރުގެ ފައުޖަށް އެހީތެރިކަން ފޯރުކޮށްދޭން ފެށި އެވެ. މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔެއްގެ ގެދޮރު ގެއްލިފައި ވެ އެވެ.

ޔަމަނުގެ އާބާދީގެ 30 މިލިއަން މީހުންގެ ތެރެއިން 80 ޕަސެންޓު މިހާރު ބަރޯސާވަނީ ބޭރުގެ އެހީ އަށެވެ. އދ. އިން ޔަމަނުގެ ހާލަތު ސިފަކުރަނީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގަ އެވެ.