Advertisement

ކްލައުޑަށް ބަދަލުކޮށް އެމްޕީއެލްގެ ހިދުމަތްތައް އޮޓޮމޭޓް ކޮށްލަނީ

12 އޮކްޓޯބަރު 2021 - 16:20 1

އަމަން ހަލީމް

އަމަން ހަލީމް

މާލެ ވިޔަފާރި ބަނދަރު: މި ބަނދަރާއި އުތުރާއި ދެކުނުގައި ހުންނަ ވިޔަފާރި ބަނދަރުތަކުގައި ހިދުމަތް ދެނީ އެމްޕީއެލް އިން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ކްލައުޑަށް ބަދަލުކޮށް އެމްޕީއެލްގެ ހިދުމަތްތައް އޮޓޮމޭޓް ކޮށްލަނީ

12 އޮކްޓޯބަރު 2021 - 16:20 1

ރާއްޖޭގެ ސިނާއީ ބަނދަރުތައް ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ފޯރުކޮށްދޭ ހިދުމަތްތައް އޮޓޯމޭޓް ކުރުމުގެ ގޮތުން މިހާރު ބޭނުންކުރާ ސޮފްޓްވެއާގެ ބަދަލުގައި ކްލައުޑް ބޭސްޑް އީއާރްޕީ ސޮފްޓްވެއާއަކަށް ބަދަލުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "އޮރަކަލް ފިއުޝަން ކްލައުޑް އެންޓަޕްރައިސަސް ރިސޯސް ޕްލޭނިން" އީއާރްޕީ ސޮފްޓްވެއާ ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.

އަދި މި ސޮފްޓްވެއާ ބޭނުންކުރަން ފެށުމުން އެ ކުންފުނިން ދޭ ގިނަ ހިދުމަތްތަކެއް އޮޓޮމޭޓްކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން ވަގުތު ސަލާމަތްވެ ކުންފުންޏަށް ހަރަދުތަކެއް ސަލާމަތްކުރެވޭނެ ކަމަށް ބުންޏެވެ.

ކްލައުޑް އީއާރްޕީ ބޭނުންކުރަށް ފެށުމުން ލިބޭނެ ފައިދާތަކާ ގުޅިގެން އެމްޕީއެލްގެ އައިޓީ ހެޑް އާދަމް ޝިފާން ވިދާޅުވީ އެމްޕީއެލްއިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ޒަމާނީ ވިޔަފާރީގެ މާހައުލަކަށް ބައްޓަން ވެގެން ދާނެ ކަމަށެވެ. އަދި ކުރިން ބޭނުންކުރި މެނުއަލް ސޮފްޓްވެއާގެ މެއިންޓެނަންސްގެ ބުރަ މަސައްކަތާއި ބަދަލު ގެންނަން ދިމާވާ ދަތިތައް ފަސޭހަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑުމެން ބޭނުންކުރަމުންދިޔަ ޑީއާރްޕީ ސިސްޓަމްއަކީ ވަރަށް މެނުއަލްކޮށް ބޭނުންކުރަމުންދިޔަ ސިސްޓަމެއް. އަދި އެ ސިސްޓަމް މެއިންޓެއިން ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. އަދި، އިތުރު ބަދަލެއް ގެންނަން ޖެހުނަސް އެއީ އުނދަގޫކަމެއް،“ޝިފާން ވިދާޅުވި އެވެ.

ކްލައުޑް އީއާރްޕީއަކީ ކޮބާ؟


ކްލައުޑް އީއާރްޕީ އަކީ ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ (މިސާލަކަށް އޮރަކަލް) ކްލައުޑް ޕްލެޓްފޯމެއްގައި ހިންގާ ސިސްޓަމްތަކެކެވެ. މި ސިސްޓަމްތަކުގެ ސާވާތަކާ ގުޅެނީ އިންޓަނެޓުންނެވެ. އަދި ސާވާ މެއިންޓެނަންސާއި އެހެން ހިދުމަތްތައް ފޯރުކޮށްދޭނީ ހިދުމަތްދޭ ކުންފުނިންނެވެ.

އެމްޕީއެލް އިން ބޭނުންކުރާ ސޮފްޓްވެއާ އުފައްދާ އެމެރިކާގެ އޮރަކަލް ކުންފުންޏަކީ ޓެކްނޮލޮޖީ ދާއިރާގައި ތަޖުރިބާހުރި ފުންނާބު އުސް ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ އާރްޕީ ސިސްޓަމަކީ ވަރަށް ގިނަ ކުންފުނިތަކުން ބޭނުންކުރަމުންދާ ސިސްޓަމެކެވެ.

އޭގެ އިތުރުން އޮރަކަލްއަކީ ޕޯޓްތަކާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ވެސް ލިބިފައިވާ ކުންފުންޏެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެމްޕީއެލްއާއެކު ފެށޭ މި މަސައްކަތާ ގުޅިގެން އޮރަކަލްގެ ހެޑް އޮފް އެޕްލިކޭޝަންސް ސޭޖް، އަހުމަދު ސަރްވާރު ވިދާޅުވީ މި ސޮފްޓްވެއާއާއެކު އެމްޕީއެލްގެ އޮޕްރޭޝަންތައް ހަރުދަނާ ކުރެވޭނެ ކަމަށެވެ.

މި ސޮފްޓްވެއާ ބޭނުންކޮށްގެން އެމްޕީއެލްއިން ހިދުމަތް ދޭން ފެށޭނެ ކަމަށް އެ ކުންފުނިން ލަފާކުރަނީ އަންނަ އަހަރު އެވެ.