Advertisement

އެޗްއާރުސީއެމްގެ ރައީސަށް މުނާ، ނައިބަކަށް އަދުހަމް އައްޔަނުކުރަން ހުށަހަޅުއްވައިފި

12 އޮކްޓޯބަރު 2021 - 09:42 13

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


އެޗްއާރުސީއެމްގެ ރައީސަށް މުނާ، ނައިބަކަށް އަދުހަމް އައްޔަނުކުރަން ހުށަހަޅުއްވައިފި

12 އޮކްޓޯބަރު 2021 - 09:42 13

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މަރިޔަމް މުނާ އަދި ނައިބު ރައީސަކަށް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައި، މަޖިލީހުން ފާސްކޮށްގެންނެވެ.

ނަމަވެސް، ކޮމިޝަނުގެ މެމްބަރުން ތިބެންޖެހޭ އަދަދަށް މެމްބަރުން އައްޔަނުނުކުރެވި އޮތުމުގެ ސަބަބުން، އެކަން ނުކުރެވި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

އެގޮތުން، 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެޗްއާރުސީއެމަށް ހަތަރު މެމްބަރުން އައްޔަނުކުރުމަށްފަހު، ފަސްވަނަ މެމްބަރުގެ ގޮތުގައި ސަމާއު އަހުމަދު ނަޖީބު އައްޔަނުކުރައްވާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހެވެ.

އެ ކޮމިޝަނަށް މެމްބަރުން ހަމަވުމާއެކު، ރައީސް ސޯލިހު ވަނީ އެޗްއާރުސީއެމްގެ ރައީސަކަށް މުނާ އަދި ނައިބު ރައީސަކަށް އަދުހަމް އައްޔަނުކުރަން މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

ރައީސްގެ އެ ހުށަހެޅުއްވުން ދިރާސާކުރަން މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ މަގާމުތަކަށް އެ ދެ ބޭފުޅުން އައްޔަނުކުރެވޭނީ ކޮމިޓީއަށް އެގޮތަށް ފެނި، އަނބުރާ ތަޅުމަށް އައިސް، މެމްބަރުން ފާސްކޮށްގެންނެވެ.