Advertisement

ހިޔާ ފްލެޓުގެ ދަރިވަރުންނަށް ޖާގަ ދިނުމަށް ހުރަވީ ސްކޫލު ދެ ދަންފަޅިއަށް ބަހާލަނީ

12 އޮކްޓޯބަރު 2021 - 10:51 3

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހުރަވީ ސްކޫލަށް ކިޔަވަންދާ ދަރިވަރުންތަކެއް: ދެ ދަންފަޅިއަކަށް ބަހާލުމުން އިތުރު 1000 ދަރިވަރުންނަށް ޖާގަ ލިބިގެންދާ ކަމަށް ސްކޫލުން ބުނޭ-- ފޮޓޯ: ރައީސް އޮފީސް


ހިޔާ ފްލެޓުގެ ދަރިވަރުންނަށް ޖާގަ ދިނުމަށް ހުރަވީ ސްކޫލު ދެ ދަންފަޅިއަށް ބަހާލަނީ

12 އޮކްޓޯބަރު 2021 - 10:51 3

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް ބަދަލުވާ އާއިލާތަކުގެ ދަރިވަރުންނަށް ޖާގަ ދިނުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކިޔަވައިދެމުންދާ ހުރަވީ ސްކޫލުގައި ދެ ދަންފަޅިއަށް ބަހާލައިގެން ކިޔަވައިދޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2400 ދަރިވަރުންގެ ޖާގައިގެ ދެ ސްކޫލް އަޅަން ވަނީ ނިންމާފަ އެވެ. މިހާރުވެސް ހިޔާ ފްލެޓް ތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސްކޫލުތައް ނިމޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅަށެވެ.

އެކަމާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ދެ ދަންފަޅިއަށް ބަދަލު ކުރުމަށް ނިންމާފައި ވަނީ ވީހާ ގިނަ ދަރިވަރުންނަށް ޖާގަ ދިނުމަށް ކަމަށެވެ.

އެކަމާ ގުޅިގެން ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ ދެ ދަންފަޅިއަށް ބަދަލު ކުރުމަކީ 2022 ވަނަ އަހަރަށް ޕްލޭން ކޮށްފައިވާ ކަމެއް ކަމަށެވެ.

"ކިޔަވައިދޭން ފަށާނެ ދުވަހެއް ނިންމާނީ މިނިސްޓްރީގެ ފަރާތުން. މިހާރު އެއް ދަންފަޅި އެއްކޮށް ފުލްވެފަ އޮތީ،" ރަޝީދު ވިދާޅުވި އެވެ.

ޖުމްލަ 780 ދަރިވަރުންނާއެކު ފެށި އެ ސްކޫލުގައި އެއް ދަންފަޅިއަށް މިހާރު 1600 ދަރިވަރުން ކިޔަވަމުންދެ އެވެ. ދެ ދަންފަޅިއަށް ބަދަލު ކުރުމުން އިތުރު 1000 ދަރިވަރުންނަށް ޖާގަ ލިބިގެންދާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ހުޅުމާލޭގެ އުތުރުކޮޅުގައި ހުންނަ ސްކޫލަކީ 54 ކްލާސްރޫމުގެ ޖާގަ ހުންނަ ސްކޫލެކެވެ. ގިނަ ވަސީލަތްތައް ފުރިހަމަކޮށްފައިވާ އެ ސްކޫލުގައި ދެ ކްލާސްރޫމެއް ހާއްސަ ކުރެވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށެވެ.

ހަތް ބުރީގެ ތިން ބްލޮކް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ހުރަވީ ސްކޫލުގައި ބޮޑު ލައިބްރަރީއަކާއި ދެ ސައިންސް ލެބޯޓަރީ ހުރެ އެވެ.