Advertisement

ޔުއެފާ އިން ވިސްނަނީ އަމިއްލަ ޖީބަށް، ކުޅުންތެރިންނަކަށް ނޫން: ކޯޓުއާ

12 އޮކްޓޯބަރު 2021 - 08:05 0


ޔުއެފާ އިން ވިސްނަނީ އަމިއްލަ ޖީބަށް، ކުޅުންތެރިންނަކަށް ނޫން: ކޯޓުއާ

12 އޮކްޓޯބަރު 2021 - 08:05 0

ބްރުސެލްސް (އޮކްޓޫބަރު 12) - ޔުއެފާ އިން އެކި މުބާރާތްތަކުގެ މެޗުތައް ރާވާއިރު ކުޅުންތެރިންނާ މެދު ވިސްނުމުގެ ބަދަލުގައި ހުރިހާ ކަމެއް ނިންމަނީ އަމިއްލަ ޖީބަށް ބެލުމަށް ފަހު ކަމަށް ބުނެ، ބެލްޖިއަމް އަދި ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

މި ފަހަރުގެ އިންޓަނޭޝަަނަލް ބްރޭކުގައި ކޯޓުއާ ވަނީ ބެލްޖިއަމް ޓީމުގައި ހިމެނިގެން ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅެފަ އެވެ. ސެމީ ފައިނަލްގައި ފްރާންސް އަތުން ދެ ގޯލުގެ ލީޑެއްގައި އޮތުމަށް ފަހު ބަލިވެ ކެޓިއިރު، ތިން ވަނަ ހޮވި މެޗުގައި އިޓަލީ އަތުން ވެސް ވަނީ ބަލިވެފަ އެވެ.

އުމުރުން 29 އަހަރުގެ ކޯޓުއާ، ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ހަގީގަތަށް ބުނާކަމުގައިވާނަމަ ފުޓްބޯޅަ އަކީ މިހާރު "ފައިސާގެ ކުޅިވަރެއް" ކަމަށެެވެ. އަދި ޔުއެފާ އިން ކުޅުންތެރިން ލައްވައި އިތުރު މެޗުތައް ކުޅެން ރާވާ ސަބަބަކީ އިތުރުވާ ކޮންމެ މެޗަކީ ޓީވީ އާއި ސަޕޯޓަރުންގެ ޒަރިއްޔާ އިން ލިބޭ ފައިސާ ކަމަށްވާތީ ކަމަށް ކޯޓުއާ ބުނެފައިވެ އެވެ.

"އަހަރެމެން އެއްޗެއް ނުބުނެ ތިބެފިއްޔާ މި ކަން ދާނީ ހަމަ މި ގޮތަށް. (ޔޫރަޕިއަން) ސުޕަ ލީގު ފަދަ މުބާރާތްތައް ހަދާތީ ޔުއެފާ އަށް ހިތްހަމަ ނުޖެހިފައި ހުރެވިދާނެ. އެކަމަކު، ހަގީގަތަކީ އެ މީހުންނެއް (ޔުއެފާ އިން) އެއްވެސް ވަރަކަށް ކުޅުންތެރިންނާ މެދު ނުވިސްނާ. އެ މީހުން ވިސްނަނީ އަމިއްލަ ޖީބަށް،" ކޯޓުއާ ބުންޏެވެ.

ކޯޓުއާގެ ޝަކުވާތައް މައިގަނޑު ގޮތެއްގައި ހުރީ ގައުމުތަކުން ސީރިއަސްކޮށް ނުނަގާ ފަދަ މުބާރާތެއް ނޭޝަންސް ލީގުގެ ނަމުގައި ފަށާފައިވާތީ އެވެ. ކޯޓުއާ ބުނީ ނޭޝަންސް ލީގާ އެކު އިތުރުވީ މުބާރާތެއްގެ ޕްރެޝަރެއް ކަމަށާއި އޭގެ ނަތީޖާ އަކަށްވީ ކުރިއަށް ވުރެ ބޮޑަށް ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަ ކަމަށެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޔުއެފާ އިން ބުނީ ބައިނަލްއަގުވާމީ މެޗުތައް ރާވަނީ އެ އޮންނަ ކަލަންޑަރުގެ ތެރެއަށް ފެތޭ ގޮތަށް ކަމަށާއި މީގެ ކުޅުންތެރިންގެ ސަލާމަތަށް ވިސްނަން ޖެހޭ ކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ.